ކުނީގެ މައްސަލަ

އައްޑޫގައި ޖުލައި މަހު ކުނިން ކަރަންޓް އުފައްދަން ފެށޭނެ: މިނިސްޓްރީ

ޕްލާންޓް ބެހެއްޓުމުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައި
18 ޖެނުއަރީ 2023

އައްޑޫގައި ގާއިމްކުރާ ކުނިން ކަރަންޓް އުފައްދާ ޕްލާންޓް އަންނަ ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނޭ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއާ ގުޅޭ ގޮތުން އެ މިނިސްޓްރީއިން މިއަދު ދިން އަޕްޑޭޓްގައި ބުނީ ކުނިން ކަރަންޓް އުފައްދާ ޕްލާންޓް ރާއްޖެއިން ބޭރުގައި ހަދައިގެން މިހާރު އައްޑޫއަށް ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތުން އެ ޕްލާންޓް ބެހެއްޓުމުގެ %95 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ:

  • ޕްލާންޓްގެ ކޮންޓްރޯލް ރޫމްގެ އިމާރާތް ހެދުމުގެ މަސައްކަތް

  • ކުނި ޖަމާކުރާ އިމާރާތް ހެދުމުގެ މަސައްކަތް 

"މި މަސައްކަތްތައް ޖުލައި މަހަށް ނިންމާލެވޭތޯ ވަރަށް ބާރަށް އަންނަނީ މަަސައްކަތް ކުރަމުން،" އެންވަޔަރުމަންޓް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ލަފާކޮށްފައި ވަނީ އެ ޕްލާންޓްގައި 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަަރަންޓް އުދެއްދޭނޭ ކަމަށެވެ. އެ އުފައްދާ ކަރަންޓް ބޭނުންކުރާނެ ގޮތް ވެސް މިނިސްޓްރީއިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން މިނިސްޓްރީއިން ބުނީ:

  • އެއް މެގަވޮޓް ކަރަންޓް އައްޑޫގެ އާންމު ތަންތަނަށް ކަރަންޓް ދޭން ބޭނުންކުރާނެ

  • ބާކީ 500 ކިލޯވޮޓް ބޭނުން ކުރާނީ އެ ޕްލާންޓް ހިންގަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް