ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހު މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން މާލޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް މީހަކާ ސަލާމްކުރައްވަނީ (ފޮޓޯ/އެމްއާރްއެމް)

މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ހެޔޮ އެދުންތައް ފޮނުވި މީހުންނަށް މައުމޫން ޝުކުރު އަދާކުރެއްވި
13 ޖެނުއަރީ 2023

ޓެސްޓުތަކެއް ހެދުމަށް އެޑްމިޓްކުރުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ތަފްސީލް - މިހާރު އުމުރުފުޅުން 85 އަހަރުވެފައިވާ މައުމޫން، ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލުމުން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ނިންމުމާ އެކު އެނބުރި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

ވީ ކިހިނެއް؟ - ޓެސްޓްތަކެއް ހެދުމަށް ހޮސްޕިޓަލުގައި އުޅުއްވާ ކަމުގެ ހަބަރު ދެއްވުމަށް މައުމޫން މިއަދު ހަވީރު ޓްވީޓެއް ކުރެއްވި އިރު ވެސް ވިދާޅުވީ ހާލު ރަނގަޅު ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް މައުމޫން ވިދާޅެއް ނުވެ އެވެ.

މައުމޫންގެ ޓްވީޓްގައިި ވަނީ ހޮސްޕިޓަލުގައި ހޭދަކުރެއްވި ވަގުތުގައި އެމަނިކުފާނަށް ހެޔޮ އެދުންތައް ފޮނުވި މީހުންނަށް ޝުކުރުއަދާކުރައްވައިފަ އެވެ. އަދި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންގެ ފަރުވާ ފުރިހަމަކަން ފާހަގަކުރައްވައި އެ މީހުންނަށް ހާއްސަކޮށް ޝުކުރު އަދާކުރެއްވި އެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކު އަވަހާރަވުމާ ގުޅިގެން ޕީއެސްއެމް އިން ހުޅުވާލި ތައުޒިޔާގެ ދަފްތަރެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 27 ޑިސެމްބަރު 2022 ގައި ސޮއިކުރައްވަނީ (ފޮޓޯ/އެމްއާރްއެމް)

މައުމޫން، އޮގަސްޓް 2020 ގައި ކޮވިޑަށް ޕޮޒިޓިވްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ބަލިން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލި އެވެ. 

މައުމޫން މިދިޔަ މަހު ވަނީ ށ. މިލަންދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. މިލަންދޫއަށް ވަޑައިގެންނެވީ އެ ރަށުގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރަން ބާއްވި ހަފްލާގައި ބައިވެރިވަޑައިގަތުމަށް ކައުންސިލުން ދިން ދައުވަތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް