މާލޭ މަގުމަތީ ހުރި ކުނިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތަށް ބުރޫއަރައިފި

އަލިފާނުގެ ހާދިސާގައި އަސަރުކުރި މުވައްޒަފުންނަށް އަރާމުކުރަން ވަގުތު ދޭން ނިންމައި އިއްޔެ އެ މީހުން ވަޒީފާއަކަށް ނުނެރޭ

އިއްޔެ ރޭ ފަތިހު މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތެރިން ދިރިއުޅެމުން ދިޔަ އެކޮމޮޑޭޝަން ބްލޮކު ވެސް އަނދައި ހުލިވިއިރު، އެ ތަނުގައި އުޅުނު ބިދޭސިންނަށް ވަގުތީ ބޯހިޔާވަހިކަން ލިބުން ލަސްވެ، މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތަށް މިއަދު ބުރޫއަރައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެގެ އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލްގެ 166 މުވައްޒަފުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަނުޖެހި އެތައް ގަޑިއިރެއް ވަންދެން އިމާދުއްދީން ސްކޫލުގައި ތިއްބެވެ.

  • ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އުފެދުނު ދެބަސްވުމެއް ދިގުލައިގެން، އެންމެ ފަހުން ރޭ 12 ޖަހަން އުޅެނިކޮށް ހުޅުމާލޭ ދެވަނަ ފޭސްގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ހަމަޖައްސައިދީފައި

އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ސިޓީ ކައުންސިލުގެ މުވައްޒަފުން އިއްޔެ އިމާދުއްދީން ސްކޫލުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ތަފްސީލް - މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު 'ދައުރު'އަށް ވިދާޅުވީ، ބޯހިޔާވަހިކަން ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ އެ ކައުންސިލްގެ އެކި މަސައްކަތްތަކުގައި އުޅޭ ލޭބަރުން ކަމަށާއި އެ ހާދިސާއަށް ފަހު މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ބުރުލެއް އަރާނެ ކަމަށެވެ.

"އެ ހާދިސާގައި އަޅުގަނޑުމެންގެ 200 އެއްހާ މުވައްޒަފުން މަގުމަތިވި. ތައިސޭ ކޮށީގައި 12 ޖެހުމާ ހަމައަށް ކަރަންޓެއް ނެތް. ކުނިކަހާ މުވައްޒަފުން ވަރަށް ހާލުން ރޭ އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ބިދޭސީ މަސައްކަތްތެރިން އިއްޔެ އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ:

  • މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް އިއްޔެ ވެސް، ރޭ ވެސް ކުރިއަށް ގެންދިޔަ 

  • އަލިފާނުގެ ހާދިސާގައި އަސަރުކުރި މުވައްޒަފުންނަށް އަރާމުކުރަން ވަގުތު ދޭން ނިންމައި އިއްޔެ އެ މީހުން ވަޒީފާއަކަށް ނުނެރޭ 

  • އެހެންވެ، ބައެއް ސަރަހައްދުތަކުން ކުނި ނުނެގި ހުރެދާނެ

މާލޭގެ އާންމު ތަންތަނާއި މަގުތައް ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ކުރަމުން އަންނައިރު، މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާގެ އަސަރުކުރި މުވައްޒަފުންނަށް އަރާމުކުރަން ވަގުތު ދިން ނަމަވެސް ރޭ ވެސް ބައެއް މީހުން ޑިއުޓީއަށް ނުކުތް ކަމަށެވެ.

"މިރޭ 6 އިން ފެށިގެން މުވައްޒަފުން މަސައްކަތަށް ނުކުންނާނެ. ރޭ ވެސް ކުނި ކެހުން ކުރިއަށް ދިޔަ، ކުނި ކަހާ މުވައްޒަފުން މަސައްކަތަށް ނުކުތް. ކުނި ނަގައި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މުވައްޒަފުން ރޭ ނުކުތް،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް