އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ސިޓީ ކައުންސިލްގެ މުވައްޒަފުން އިމާދުއްދީން ސްކޫލްގައި: އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފަރުކޮޅުފުށީގައި ވަނީ މިހާރު ހަމަޖައްސާފައި. (ދައުރު ފޮޓޯ)

ސަރުކާރާއި ކައުންސިލުގެ ކޯޅުމަކަށް ފަހު 13 ގަޑިއިރު ފަހުން ވަގުތީ ހިޔާ ހަމަޖައްސައިފި

ސަރުކާރުން ފަރުކޮޅުފުށި ހަމަޖައްސައިދިނީ ކައުންސިލުން އެކަން ނުކުރުމުން ކަމަށް ސަރުކާރުން ބުނޭ

ނީލަން ފިހާރައިގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި މާލޭ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގައި ދިިރިއުޅުނު ބިދޭސީން ވަގުތީ ހިޔާއަށް ބަދަލުކުރުމުގެ ކަންތައްތަކުގައި ސަރުކާރާއި ކައުންސިލާ ދެމެދު ދެބަސްވުމެއް އުފެދި އެ މަސައްކަތް ދިގުލައިގެން ދިއުމަށް ފަހު، އެންމެ ފަހުން އެ މީހުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ފަރުކޮޅުފުށި މިރޭ ސަރުކާރުން ހަމަޖައްސައިދީފި އެވެ.

ވީ ކިހިނެއް؟ - ފަތިހު 5:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 133 މީހަކު މިއަދު ހެނދުނު 8 އިން ފެށިގެން ތިިބީ އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގަ އެވެ. ވަގުތީ ހިޔާއަކަށް ބަދަލު ނުކުރެވި ލަސްވެގެން ދިޔައީ މާލޭ ސިޓީ ކައުންސިލާއި ސަރުކާރުން މިކަމުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ރައީސް އޮފީހުގެ ބަސް - ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެންމެއަކު 'ދައުރު'އަށް ވިދާޅުވީ، ސިޓީ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިންނަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި މިހާރު އޮންނަ ފަރުކޮޅުފުށީގައި ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެެ.

"މި ގޮތަށް ސަރުކާރުން ހަމަޖެއްސީ، ސިޓީ ކައުންސިލުން އެ މީހުން ތިބޭނެ ތަނެއް ހަމަޖައްސައިނުދިނުމުން،" އޭނާ ވިދާޅުވި އެވެ.

  • މިއަދުގެ އަލިފާނުގެ ހާދިސާގެ އަސަރުކުރި ބިދޭސީންތަކެއް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
  • މިއަދުގެ އަލިފާނުގެ ހާދިސާގެ އަސަރުކުރި ބިދޭސީންތަކެއް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
  • މިއަދުގެ އަލިފާނުގެ ހާދިސާގެ އަސަރުކުރި ބިދޭސީންތަކެއް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
  • މިއަދުގެ އަލިފާނުގެ ހާދިސާގެ އަސަރުކުރި ބިދޭސީންތަކެއް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެންޑީއެމްއޭގެ ބަސް - ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓްް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގެޒެކެޓިވް ހިސާން ހަސަން މިރޭ 'ދައުރު'އަށް ވިދާޅުވީ، އާންމު އުސޫލުން އަދި މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގައި ވެސް އެ އިދާރާ އިން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެނީ ސައްހަ ލިޔެކުން ނެތް ބިދޭސީންނަށް އެކަނި ކަމަށެވެ. އެކަން ކައުންސިލަށް ވެސް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނުން ފެށިގެން އަޅުގަނޑުމެން މި އައީ ކައުންސިލާ އެކު، މިކަމުގައި ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން. ނަމަވެސް، ހަވީރު އަޅުގަނޑުމެންނަށް އެންގީ ވަގުތީ ހިޔާއެއް ހަމަނުޖެހިގެން އެފަދަ ތަނެއް ހަމަޖެއްސުމަށް އެހީތެރިވެދިނުމަށް،" ހިސާން ވިދާޅުވި އެވެ.

"[މި ފަހުން ހިނގި] ނިރުފެހި ގޭގެ އަލިފާނުގެ ހާދިސާ ވެސް، ތިލަފުށިގޭގެ އަލިފާނުގައި ވެސް [އަދި] ލިލީ ގުދަނުގެ އަލިފާނުގައި ވެސް އަމަލުކުރީ ހަމަ މި ގޮތަށް. ބިދޭސީން މި ހަވާލުކުރަނީ އެ މީހުންގެ ބެލެނިވެރި ފަރާތާ."

ތަނެއް ހޯދުން ލަސްވާތީ، ބިދޭސީން ގެސްޓްހައުސްތަކަކަށް ބަދަލުކުރުމަށް ވެސް ކައުންސިލަށް އިރުޝާދު ދިން ކަމަށް ހިސާން ވިދާޅުވި އެވެ. 

ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ކައުންސިލުގެ ބަސް - މިކަމާ ގުޅިގެން 'ދައުރު'ން މިރޭ ސުވާލުކުރުމުން ކައުންސިލްގެ ތަރުޖަމާނަކު ވިދާޅުވީ، މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު މިކަމުގެ މައުލޫމާތު ފަހުން މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް