އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ފެށުނީއްސުރެ މަޖިލީހުން ގޮންޖެހުން ކުރިމަތިވިޔަސް އެހެން ސަރުކާރަކަށް ނުވާ ވަރު ކޮށްދިނިން: ރައީސް

އެމްޑީޕީއަށް ލިބިފައި އޮތް މެޖޯރިޓީ ބޭނުން ކުރަން ވާނީ، ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އެއްވެސް ރަށެއް ބާކީ ނުކޮށް، ހަމަހަމަކަމާ އެކު ކަންކަން ކޮށްދިނުމަށް

ނ. ކެނދިކުޅުދޫ - ފެށުނީއްސުރެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެ ކަންކަން ހުރަަސްކޮށް، ފަސް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ކޮށްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެންނެވީ ނ. ކެނދިކުޅުދު އަށެވެ. ކެނދިކުޅުދޫ ދާއިރާގެ އެހެން ރަށްރަށް ކަމަށްވާ ކުޑަފަރި، މާޅެންދޫ އަދި ހެބަނދޫން ވެސް ރައީސްއާ ބައްދަލުކުރުމަށް ކެނދިކުޅުދުއަށް މީހުން އައިސްފައިވެ އެވެ.

އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ސަލާމްކުރެއްވުމަށް ފަހު، އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެމްޑީޕީ ހަރުގޭގައި ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި އެވެ.

ބުނީ ކީކޭ؟ - "ކޮންމެ ފަސް އަހަރެއް ވަކިން ޖައްސަވާ. ކޮން ކަމެއްތޯ އަޅުގަނޑުމެންނަށް ނުކޮށްދެވެނީ؟ އިރާދަކުރެއްވިއްޔާ މި މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ދާނަން،" ތައުލީމީ، ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ރައީސްގެ ވާހަކަފުޅުގައި ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އަސާސީ ހިދުމަތްތައް ލިބެން ޖެހޭނެކަން ފާހަގަކުރައްވައި ނ. އަތޮޅުގެ ރަށްރަށުގައި ހިންގާފައިވާ އަދި ހިންގަމުން އަންނަ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ކެނދިކުޅުދޫގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ:

  • ކެނދިކުޅުދޫގައި ފެނާއި ނަރުދަމާ އަޅަން ހަވާލުކުރީ، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން؛ ނަމަވެސް މަސައްކަތް ދިގުލައިގެން ގޮސް އަދި ވަނީ ނުނިމި

  • މިހާރު ފަށައިގެން ކުރިއަށްދާ މަސައްކަތްތައް ލަސްތަކެއް ނުވެ ނިންމަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ

  • ކެނދިކުޅުދު އަކީ ބޮޑު ރަށެއް ކަމުން، މި ރަށުގައި މުސްތަގުބަލުގައި އާބާދީ ބޮޑުކުރެވޭނެތީ، ހިދުމަތްތައް ފުޅާކުރާނީ އެ ވިސްނުމުގައި

  • އެންމެ ފަހުން ސޮއިކޮށް ހަވާލުކުރީ މި ރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް؛ އެއީ މި ސަރަހައްދުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަންތައް

  • ފެނަކަ އިންޖީނުގެ އެޅުމުގެ މަސައްކަތް ވަނީ ނިމިފައި؛ ހިދުމަތް ދޭން ވަރަށް އަވަހަށް ފެށޭނެ

އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް މި ކޮށްދެވެނީ ވެރިކަމުގައި ތިބެގެން. އިދިކޮޅުގައި ތިބީމަ ޝަކުވާތަކެއް ކޮށްކޮށް އަބަދުވެސް ތިބެން ޖެހެނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މީގެ ކުރިން ބާކީކޮށްލާފައިވާ ކުޑަ ރަށެއް ކަމަށްވާ ނ. ހެނބަދޫން ވެސް މިހާރު ހުރިހާ އަސާސީ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެގޮތުން، އެ ރަށުގައި ވެސް ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން، ބަނދަރު ހަދާފައިވާ ކަމަށާއި ސްކޫލާއި ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ ކުޑަކުޑަ އާބާދީއަކަށް މި ސަރުކާރުން ކޮށްދިން ކަންކަން. މިއީ އިސްރާފެއް ނޫން. ސަރުކާރަކުން ރައްޔިތަކަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

އެމްޑީޕީއަށް ލިބިފައި އޮތް މެޖޯރިޓީ ބޭނުން ކުރަން ވާނީ، ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އެއްވެސް ރަށެއް ބާކީ ނުކޮށް، ހަމަހަމަކަމާ އެކު ކަންކަން ކޮށްދިނުމަށެވެ.

"އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް މި ކޮށްދެވެނީ ވެރިކަމުގައި ތިބެގެން. އިދިކޮޅުގައި ތިބީމަ ޝަކުވާތަކެއް ކޮށްކޮށް އަބަދުވެސް ތިބެން ޖެހެނީ،"  އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން، ޕާޓީ "މަގުމަތިނުކޮށް"، އަންނަ ރިޔާސީ އިންތިހާބުން މޮޅުވެ، އެމްޑީޕީއަށް ދެވަނަ ދައުރެއް ކާމިޔާބުކުރުމަށް އެ ޕާޓީގެ ޕްރައިމަރީގައި އެ މަނިކުފާނަށް "ބޮޑުކޮށް، ގަނޑުކޮށް" ވޯޓު ދިނުމަށް ރައީސް ސޯލިހު އެދިވަޑައިގަތެވެ.

ކޮމެންޓް (1)

އޮސްކާ

7 ޖެނުއަރީ 2023
ހަމަ ތިބުނީ ރަނގަޅަށް! އެހެން ވެރިކަމެއްގައި ނުކުރާވަރަށް ވައްކަން، އެތަކެ ގޮތްނޭނގޭ މަރުތައް، ގައުމު ދަރަނިވެރިކޮށްފި، ޑްރަގް މުޅިގައުމުގަ، ސަލާމަތީ ބާރުތައް ގޭންގް ލީޑަރުންގެ އައްދުށުވެފަ، އިންތިހާ އަށް ތަކެތީގެ އަގު މައްޗައް، ނުވީތާކާ ބޮޑު ޓެކްސް.... ހަމަ ހުސްނުވާނެ..... ހަމަ އަތްޖަހަންވީދެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް