ރަސްދޫގައި ބޭއްވި ކެމްޕެއިން އެއްވުމުގައި ނަޝީދު މިއަދު ވާހަކަ ދައްކަވަނީ (ފޮޓޯ/ޓްވިޓާ)

ރައީސްގެ ކެމްޕެއިންގައި ހުރީ ޑީއާރުޕީގެ ކުލަތަކާއި ފިކުރު: ނަޝީދު

އިލެކްޝަންސް ކޮމިޝަނަކީ އެމްޑީޕީ އަށް ވުރެ ހަގު ތަނެއް ކަމަށާއި އެ ޕާޓީގެ ދަފްތަރު ބެލެހެއްޓޭނެ ތަނެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓޭއް ހޮވުމަށް މި މަހުގެ 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުން ފެންނަނީ "ޑީއާރުޕީގެ ކުލަތަކާއި ފިކުރު" ކަމަށް، ވާދަވެރި ކެންޑިޑޭޓު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް ނަޝީދު މިހާރު ގެންދަވަނީ ޕްރައިމަރީގެ ކެމްޕޭނުގައި އއ.، އދ.، ފ.، އަދި ދ. އަތޮޅަށް ދަތުރުކުރައްވަމުންނެވެ. ރައީސް ސޯލިހު ހުންނެވީ ރ. އަތޮޅުގަ އެވެ. ނަޝީދު މިއަދު އއ. ރަސްދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވެސް، މި ކެމްޕެއިނުގައި އެމަނިކުފާނުގެ އާދައިގެމަތިން، ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެން ޕާޓީގެ ޕްރައިމަރީގެ މަސައްކަތުގައި އުޅުއްވާތީ އެބަ ފެންނަ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެނުނު ފަދަ މަންޒަރުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ކަންބޮޑުވޭ، މި ދަންނަވާހެން، ޑީއާރުޕީގެ ފިކުރުގެ ކުލަތައް އަޅުގަނޑުމެންނަށް ފެންނާތީ. ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ދަތުރުފުޅެއްގައި ރަށަކަށް ވަޑައިގެންފިއްޔާ ކުރައްވަންވީ އެ ކަންތައް. މި އެމްޑީޕީގެ ކެމްޕެއިނުގައި ދަތުރުކުރައްވަންޏާ އެކަން ކުރައްވަން ޖެހޭނީ އެހެން ގޮތަކަށް އަމިއްލަފުޅަށް ލޯންޗެއްގައި. އަދި އެ ކެމްޕެއިން ޓީމުގެ ހަރަދުގައި އެކަން ކުރަން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނަޝީދު އެ ގޮތަށް ވިދާޅުވި އިރު، ރައީސް ސޯލިހު ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރ. އަތޮޅުގައި ޕްރައިމަރީގެ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން އަލިފުށީގެ އެމްޑީޕީގެ ސަޕޯޓަރުންނާ ހަރުގޭގައި ބައްދަލުކުރެއްވި އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ރަސްމީ ދަތުރުފުޅު މިއަދު ހެނދުނު ނިންމަވާލައްވާފައިވާ ކަމަށެވެ. 

"ސަރުކާރުގެ ދަތުރުފުޅެއްގައި ޅިޔަން ބޭފުޅެއްގެ ދާއިރާގައި އެއާޕޯޓެއް ހުޅުވަން ވަޑައިގެންފައި ނުވަތަ އެއާޕޯޓަކާ ގުޅޭ އެހެން ކޮންމެވެސް ކަމެއް ކުރައްވަން ވަޑައިގެންފައި ދެން އޭގެ ތެރެއަށް އިންތިހާބުގެ ކަންތައް ވެއްދީމާ އަޅުގަނޑު ދަންނަވާނަން އެ ޖެހެނީ ޑީއާރުޕީގެ ކުލަޔޭ، ފިކުރޭ،" ރައީސްގެ ރ. އަތޮޅުގެ ދަތުރުފުޅުގައި އަލިފުށީ އެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އެޅުއްވި ރަސްމިއްޔާތަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން ނޫޅުއްވާނެ ކަމަށާއި ވެރިކަމަށް އަންނަން ބުއްދިވެރީ ވަރަށް އާދައިގެ ގޮތަކަށް އުޅުން ކަމަށެވެ.

"މާ ބޮޑު ލޯންޗުތަކެއްގައި މާ ބޮޑު ގަދަރާއި އިއްޒަތް ބަބުޅައި ދައްކަމުން އެކަން ކުރަން ފަށައިފި ނަމަ އަޅުގަނޑުމެންނަށް، އަޅުގަނޑު ދެކޭގޮތުގައި، އާދެވޭނީ ނުބައި ވެރިކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ސޯލިހު ވަނީ ރ. މާކުރަތަށް މިއަދު ހެނދުނު ވަޑައިގެންފަ އެވެ. އެމަނިކުފާނު މިއަދު އެ އަތޮޅު އިންނަމާދޫ އަށާއި މީދޫ އަށް ވެސް ވަޑައިގަންނަވާނެ އެވެ.

ރަސްދޫގައި މިއަދު ބޭއްވި އެއްވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ޓްވިޓާ)

ކައުންސިލަރުންނަށް: 'ރައީސާއި ވަޒީރުންނަށް ދީލާނުލާ'

ނަޝީދު ރަސްދޫގައި ވިދާޅުވީ ވަޒީރުންނާ ގާތްކަން ބާއްވައިގެން ރަށްރަށަށް ތަރައްގީ ގެނެވިދާނެ ކަމަށް ދެކޭ ކައުންސިލަރުން އެބައުޅޭ ކަމަށެވެ. ސަރުކާރުގެ ވެރިންނަށް ކަންކަން ކޮށްދިނީމާ ރަށުގެ ތަރައްގީ އަވަސްވާނެ ކަމަށް މީގެ ކުރިން، ރަށްރަށުގެ ވެރިން ދުށް ކަމަށާއި ނަމަވެސް އެއިން އެ ތަރައްގީ އަށް އެޅޭނީ ހުރަސް ކަމަށް ނަޝީދު ވިދާޅުިވި އެވެ.

"އަޅުގަނޑު މިއަދު އައިސް މިހުރީ ފިކުރެއްގެ ދިރުމުގައި. ކަންބޮޑުވަނީ، ކުރީގެ ފިކުރަކަށް، ކުރީގެ ގޮތަކަށް، ކުރީގެ ހަމަތަކަށް އަނެއްކާވެސް އަޅުގަނޑުމެން މަޑުމަޑުން ނަމަވެސް އެނބުރޭތަން އަޅުގަނޑަށް ފެންނާތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ:

  • ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާތީ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ ކަމަށް ބުނާ އަޑު އިވެން ފަށައިފި ކަމަށް

  • ވެރިކަމުގެ ބާރަށް ރައްޔިތުން ދީލައިނުލާނެ ކަމަށާއި ކުޑަކަކޫޖަހާތަން މިހާރު ނުފެންނަ ކަމަށް

  • ރަށަށް ހައްގު މިންވަރު ހޯދުމަށް ރަށުގެ ރައްޔިތުން އުސޫލުތަކުގެ ތެރެއިން އެއް އަޑަކުން މަސައްކަތް ކުރާ ކަމަށް

  • ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު 7 ބިލިއަން ރުފިޔާ 29 ބިލިއަނަށް ބަދަލުކުރީ އެމަނިކުފާނުގެ "ފިކުރު" ކަމަށް

  • ވަޒީރަކަށް ނުވަތަ ރައީސަކަށް ކައުންސިލަރަކު ދީލާލައިފި ނަމަ ދެން އެ ރަށަކާ އަޅައެއް ނުލާނެ ކަމަށާއި ސިޔާސީ ބޭފުޅުންނަށް ދީލާނުލުމަށް ކައުންސިލަރުންގެ ކިބައިން އެދޭ ކަމަށް

ރަސްދޫގައި ބޭއްވި އެއްވުމުގައި ނަޝީދު މިއަދު ވާހަކަ ދައްކަވަނީ (ފޮޓޯ/ޓްވިޓާ)

'އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީގެ ދަފްތަރެއް ނުބެލެހެއްޓޭނެ'

އެމްޑީޕީގެ ދަފްތަރުން މެންބަރުން މަދުކުރުމާ ގުޅޭގޮތުން ނަޝީދުގެ މި ވާހަކަފުޅުގައި ވެސް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީން 39،000 މީހުން ވަކިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ކިހިނެއްތޯ އަޅުގަނޑު އަޅުގަނޑާ ވަކިކުރާނީ؟ މި އުޅެނީ ފިކުރެއްގައި. ތަނެއްގައި އޮތް ލިސްޓެއްގައި އޭތި ޖަހާފައި ކަނޑާފައި އަދި އަމުދުން އެ ލިސްޓު ކަނޑަން މި ހަވާލުކުރީ މުޅިން އެހެން ބަޔަކާ. ޕާޓީ މެންބަރުން ނޫން ބަޔަކާ. އިލެކްޝަންސް ކޮމިޝަނާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ އެމްޑީޕީ އަށް ވުރެ ހަގު ތަނެއް ކަމަށާއި އެ ޕާޓީގެ އިންތިހާބު ކޮމެޓީ އަށް ވުރެ އިލެކްޝަންސް ކޮމިޝަން ހަގުވާނެ ކަމަށެވެ.

"އެ ބޭފުޅުންނަކަށް ނުބެލެހެއްޓޭނެ އެ ލިސްޓެއް. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ އަޅުގަނޑުމެންގެ 94،000 މީހުންގެ ލިސްޓު. އަޅުގަނޑުމެން އަމިއްލަ އަށް ބަލަހައްޓަމުން އައީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭގެ ތެރެއިން އުނިކުރި 39،000 މީހުންނަކީ ޕާޓީ ފެށިއިރު ވެސް އުޅުނު ނުފޫޒުގަދަ މީހުން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ އެއީ 70،000 ވޯޓު ކަމަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުގައި އަޅުގަނޑާ ވާދަކުރެއްވުމުގެ ނިޔަތުގައި 70،000 ވޯޓު އެ އަމިއްލަފުޅަށް ދޫކޮށްލީ. އެ 70،000 ވޯޓު އެމަނިކުފާނަށް ދެން ލިބިވަޑައިނުގަންނަވާނެ. ކަނޑާލީ ވިއްޔާ، ދާށޭ ބުނީ ވިއްޔާ، ބޭނުމެއް ނެތޭ ބުނީ ވިއްޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް އެ ވޯޓުތައް ލިބިވަޑައިގަންނަވާނެ ކަމަށާއި ޕާޓީގެ 56،000 ވޯޓުގެ އަގުލަބިއްޔަތު ވެސް އެމަނިކުފާނު ހޯއްދަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް