މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)
ނަރީޝް ދޮގު ހެކިބަސް ދިން މައްސަލަ ފުލުހުން ދިރާސާ ކުރަނީ
ކުރީގެ ރައީސް އަބްދަުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރިތޯ މިހާރު ދިރާސާ ކުރަން ފަށާފައިވާ ކަމަށާއި ވަކިން ތަހުގީގި ކުރަން ޖެހޭ މައްސަލައެއް އޮތް ނަމަ، ތަހުގީގު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ދައުވާއާ ގުޅިގެން ޔާމިންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު އިއްވި 11 އަހަރުގެ ޖަލު ހުކުމުގައި ބުނެފައިވާ ގޮތުން، އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅި ނަރީޝްގެ ހެކި ބަހަކީ، ދޮގު ހެކި ބަހެކެވެ.
ތަފްސީލު - ހުކުމްގައި އެހެން އޮތުމުން ނަރީޝްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދޭތޯ ފުލުހުންނާ 'ދައުރު'އިން މިއަދު ސުވާލު ކުުރުމުން އެ އިދާރާގެ ތަރުޖަމަނާކު ވިދާޅުވީ، އެ ހުކުމް މިހާރު ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ ހުކުމް ދިރާސާ ކުރަމުން. އެއްވެސް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމުގެ ގާނޫނީ އަސާސެއް އޮތްނަމަ އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
ނަރީޝްގެ ބަސް - މި ކަމާ ގުޅިގެން ނަރީޝްގެ ބަހެއް ހޯދާލުމަށް ގުޅާލުމުން، އޭނާ 'ދައުރު'އަށް ވިދާޅުވީ، އެ ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވާތީ މިވަގުތު ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
"އިސްތިއުނާފު މަރުހަލާގައި އޮތް މައްސަލައެއް ތީ. އެހެންވީމަ މިވަގުތު ކޮމެންޓެއް ނުކުރާނަން،" ނަރީޝް ވިދާޅުވި އެވެ.
ދޮގު ހެކިބަސް ދިންތޯ ނޫންތޯ ސުވާލު ކުރުމުން ވެސް އިތުރަށް ކޮމެންޓެއް ކުރާކަށް ބޭނުން ނުވާ ކަަމަށް ނަރީޝް ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ނަރީޝް ހުށަހަޅާފައިވަނީ، ދައުވާ ކުރި މައްސަލައިގައި ހިމެނޭ ފައިސާގެ މުއާމަލާތަކީ، ޑޮލަރުގެ މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތު ކުރުމަށެވެ. އެގޮތުން ނަރީޝް ކޯޓްގައި ހެކިބަސް ދެމުން ވިދާޅުވީ ރައީސް ޔާމީން ބުނެގެން ޔޫސުފް ނައީމްއާ، އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހަވާލުކުރި ކަމަށެވެ.
-
އިތުރަށަް ކިޔާލަން: އެންމެން ހައިރާންކޮށްލި ނަރީޝްގެ ހެކިބަހަކީ ދޮގު ހެކި
ކޮމެންޓް (1)
ޕިންޕި