25 ޑިސެމްބަރު 2022ގައި ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ. އަދި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައި ވާތީ އަދަބެއްގެ ގޮތުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހަ މަސް ދުވަހުގެ ތެރޭ ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
ވީ ކިހިނެއް؟ - ކުށް ސާބިތުވި ފަހުން އަދަބާ މެދު ވާހަކަ ދައްކަން ބޭއްވި އަޑުއެހުމަށް ފަހު، ހުކުމް އިއްވަން ހަވީރު ބޭއްވި މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ކުރެއްވި ހުކުމުގައި:
-
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި؛ ޔާމީން ހަތަރު އަހަރަށް ޖަލަށް
-
މަނީ ލޯންޑަރިންގެ ކުށުގައި؛ ޔާމީން ހަތް އަހަރަށް ޖަލަށް ލަށް
-
ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުން
މި މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ދިން އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
ތަފްސީލް - އާރަށު މައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެން އަދަބާ މެދު ވާހަކަ ދައްކަން، ޔާމީންގެ ވަކީލުންނާއި ނައީމުގެ ވަކީލު 10 ދުވަހުގެ ފުރުސަތަކަށް އެދުނެވެ. އެކަމަކު ގާޒީ ނިންމެވީ މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި އަދަބާ މެދު ވާހަކަ ދައްކާށެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުނީ:
-
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޔާމީންގެ އަދަބު ތިން ދަރަޖަ މަތިކޮށް އަށް އަހަރަށް ޖަލަށް ލާން
-
މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާން
-
ލޯންޑާކުރި ފައިސާގެ ފަސް ގުނަ (ފަސް މިލިއަން ޑޮލަރު)އިން ޖޫރިމަނާ ކުރަން
ދިފާއަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ އަދަބާ މެދު ވާހަކަ ދައްކަން އިއުތިރާޒުކޮށްފަ އެވެ. ނަމަވެސް ޔޫސުފް ނައީމްގެ ވަކީލުން ވަނީ އޭނާގެ އުމުރާއި ބަލި ހާލަތާއި އާއިލީ ޒިންމާ އާއި ކުށުގެ ރެކޯޑަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދޭން އެދިފަ އެވެ.
ފަނޑިޔާރުގެ ބަސް - ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި އަދަބު އެއް ދަރަޖަ މަތިކޮށް މަނީ ލޯންޑަރިން މައްސަލައިގައިި ބޮޑު އަދަބެއް ކަނޑައަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ގާޒީ ޝަކީލު ވިދާޅުވީ، ޔާމީން މިކަން ކުރެއްވީ ރައީސް ކަމުގައި ހުންނަވައިގެން ކަމުގައި ވާތީ ކަމަށެވެ.
"[ރައީސް ޔާމީން] މި އަމަލު ހިންގާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެކަން އެނގެން އޮތުމުން، މި ކުށް ކޮށްފައިވަނީ ފައިދާ ހޯދުމުގެ ބޭނުމުގައި ކަމާއި، މި ކުށް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާކަން އެނގެން އޮތުމުން" ކަމަށް އިސް ގާޒީ ޝަކީލު ވިދާޅުވި އެވެ.
ނައީމްގެ މައްސަލައިގައި، އޭނާ ލުއި އަދަބެއް ދޭން އެދުނު ނަމަވެސް ގާނޫނުގައި އަދަބު ދަށް ކުރާ ނުވަތަ މަތި ކުރާ ހާލަތެއް ނެތް ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ. އަދި ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅެން ނެތީ، މިއީ ދުރާލާ ރާވައިގެން ވަކި ކަމެއް ހާސިލުކުރަން ރާއްޖޭގެ ރައީސް ބައިވެރިކޮށްގެން ހިންގި އަމަލަކަށް ވާތީ ކަމަށް ވެސް ހުކުމުގައި ފާހަގަކުރެއްވި އެވެ.
ކޮމެންޓް (2)
ޔަހުޔާ
ެއިބްރޭ