31 ޑިސެމްބަރު 2022 - ޓީއެމްއޭގެ ސިސްޓަމް ޑައުން ވުމުން އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި ކިއޫ ބޮޑުވެފައި
ޓީއެމްއޭގެ ސިސްޓަމްގައި މައްސަލަ ޖެހި، ދަތުރުތަކަށް ބުރޫއަރައިފި
އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް މިއަދު އެއާޕޯޓްގައި މައްސަލަތައް ކުރިމަތިވެއްޖެ އެވެ. ޓީއެމްއޭގެ ސިސްޓަމް ޑައުންވެ، ޗެކިންކުރުމުގައި އުނދަގޫތައް ދިމާވެ، ފްލައިޓްތަކަށް ވަނީ ބުރޫއަރައިފަ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ސީޕްލޭން ދަތުރުތަކަށް ޓީއެމްއޭއިން ބޭނުންކުރާ ސިސްޓަމް ޑައުންވުމާ އެކު ޗެކިންއަށް ދަތިތައް ކުރިމަތިވެ، އިންޓަނޭޝަނަލް ޓާމިނަލްގައި މިއަދު ހެނދުނުއްސުރެ ވަރަށް ދިގު ކިއޫތައް އޮތެވެ.
ތަފުސީލް - ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން ރާއްޖެއަށް ދުވާލަކު އެތައް ހާސް ޓޫރިސްޓުންނެއް އާދެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ރިސޯޓްތަކަށް ދަނީ ޓީއެމްއޭގެ ފްލައިޓްތަކުގަ އެވެ.
ޗެކިންއަށް ދިމާވި މައްސަލައާ ބެހޭ ގޮތުން ސުވާލުކުރުމުން ޓީއެމްއޭއިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީޑިއާ އޮފިޝަލުން ބުނަނީ 'ތިމަންނަމެން ޗުއްޓީގައި ތިބީމާ ވާނުވާ ނޭނގޭ' ކަމަށެވެ. ޓީއެމްއޭއަކީ އެއްވެސް އިރެއްގައި މައުލޫމާތު ހާމަކުރާ ބައެއް ނޫނެވެ.
މިދަނީ އޮބިނޯވެގެން
ޓީއެމްއޭގައި ދަތުރުކުރާ ޓޫރިސްޓުން ޗެކިން ހަދަނީ އިންޓަނޭޝަނަލް ޓާމިނަލް އިން ނުކުމެ، ބޭރުގައި ހުންނަ ކައުންޓަރުތަކުންނެވެ. ސިސްޓަމް ޑައުން ވުމުން އެ ސަރަހައްދުގައި އޮތީ ބޮޑު ކިއޫ އެވެ.
އެއާޕޯޓްގައި މަސައްކަތްކުރާ ރިސޯޓެއްގެ އޮފިޝަލަކު ބުނީ 'މިދަނީ އޮބިނޯވެގެން' ކަމަށެވެ.
"މިހާރު މެނުއަލްކޮށް ޗެކިން ހަދަމުން މިދަނީ. އެކަމަކު ހަމަ އޮބިނޯވެގެން މިދަނީ. މުޅި ތަން މި އޮތީ ފުރިފައި،" އޭނާ ބުންޏެވެ.
ދުވާލަކު ޓީއެމްއޭއިން އެތައް ފްލައިޓެއް އެކި ރިސޯޓްތަކަށް އޮންނަ އިރު، މެނުއަލްކޮށް ޗެކިން ހަދައިގެން އާ ސީޕްލޭން ޓާމިނަލްއަށް ޓޫރިސްޓުން ފޮނުވަން އެތައް ވަގުތެއް ނަގަ އެވެ. އެހެންކަމުން މިއީ އާ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާއަށް ފަތުރުވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ.
"މިދާ ގޮތުން ވަރަށް ބޮޑު އުނދަގުލެއް ޓުރިސްޓުންނަށް ދިމާވާނެ." ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.