އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު (ފޮޓޯ/ އޭޖީ އޮފީސް)

ފުލުހުންގެ ފަސް އޮފިސަރަކު ވަކިކުރި ނިންމުން ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރަނީ

އޭޖީ އޮފީހުން ބުނީ، މައްސަލަ އިސްތިއުނާފުކުރަނީ އެ ނިންމުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށް ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށް
22 ޑިސެމްބަރު 2022

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރަން އޭޖީ އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އާ ގާނޫނުގައި ބުނެފައިވާ ގޮތަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަކީ މަސައްކަތަށް ގާބިލް ބައެއްތޯ ޕޮލިސް ބޯޑުން ބެލުމަށް ފަހު އޮގަސްޓް 9 ވަނަ ދުވަހު އެ ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފަ އެވެ.

އެލަފަޔާ އެއްގޮތަށް ފުލުހުންގެ ވަޒީފާއިން އެ ހަތް އޮފިސަރުން ވަކިކުރުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ، ކާމިޔާބުކުރި އެވެ. މައްސަލަ ހުށަހެޅި ފަރާތްތަކަކީ:

  • އޭސީޕީ ޖަމްޝީދު

  • އޭސީޕީ އަހުމަދު މުހައްމަދު

  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

  • ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

ތަފްސީލް - އެ މައްސަލައިގައި ނެރުނު ހުކުމުގައި ސިވިލް ކޯޓުން ބުނީ ޕޮލިސް ބޯޑުގެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި ފުލުހުން ވަކިކުރުމުގެ ބާރެއް ޕޮލިސް ބޯޑަށް ނުލިބޭ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތަކުގައި ދައުލަތުން ބުނަމުން ދިޔައީ ފުލުހުން ވަކިކުރީ ޕޮލިސް ބޯޑަށް ލިބިދޭ ބާރުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީގެ ހުކުމުގައި ކަނޑައެޅުއްވީ، ކުރެވޭ ތުހުމަތަކާ ގުޅިގެން މަސައްކަތަށް ގާބިލުތޯ ކަނޑައެޅުމުގެ ބާރު ލިބުނަސް ވަކިކުރުމުގެ ބާރު ބޯޑަށް ނުލިބޭ ކަމަށެވެ.

އޭޖީގެ ރައްދު - ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އޭޖީ އޮފީހުން ނިންމި ސަބަބެއް ކަމަށް އޭޖީ އޮފީހުން ބުނީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް