ފުލުސް އޮފީހުން ވަކިކުރުން ފޮނުވި އޭސީޕީ ޖަމްޝީދު (ކ) އާއި އަހުމަދު މުހައްމަދު

ފުލުހުން

ފުލުހުންގެ 5 އޮފިސަރަކު ވަޒީފާއިން ވަކިކުރި ކުރުން ކޯޓުން ބާތިލުކޮށްފި

ޖުމްލަ ހަތް އޮފިސަރަކު ވަކިކުރި ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅީ ފަސް އޮފިސަރެއް
21 ޑިސެމްބަރު 2022
2

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާ ގާނޫނުގައި ބުނެފައިވާ ގޮތަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަކީ މަސައްކަތަށް ގާބިލް ބައެއްތޯ ޕޮލިސް ބޯޑުން ބެލުމަށް ފަހު އޮގަސްޓް 9 ވަނަ ދުވަހު އެ ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފަ އެވެ.

އެލަފަޔާ އެއްގޮތަށް ފުލުހުންގެ ވަޒީފާއިން އެ ހަތް އޮފިސަރުން ވަކިކުރުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓުން މިއަދު ބާތިލުކުރީ ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރި ކުރުމެވެ. އެއީ:

  • އޭސީޕީ ޖަމްޝީދު

  •  އޭސީޕީ އަހުމަދު މުހައްމަދު

  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

  • ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

ތަފްސީލް - އެ ފަސް އޮފިސަރުންގެ މައްސަލައިގައި ސިިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނަތަކަށް ބެލުމަށް ފަހުގައި ނަމަވެސް އެ ފަސް އޮފިސަރުންނާ ގުޅޭ އެފަދަ ނިންމުންތަކެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.

"ދައުވާ ލިބޭ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަބްދުﷲ ޝަރީފް އާއި، މުހައްމަދު ދާއޫދު އަދި އިސްމާއިލް ޝަމީމްއަށް ދީފައިވާ ނޯޓިސްތަކާއި، އަދި އަހްމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު، ވަޒީފާއިން ވަކިކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނިންމާފައިވާ ނިންމުން ބާތިލްކަމަށް ކަނޑައަޅާ ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓްގެ ހުކުމުގައިވެ އެވެ.

ޕޮލިސް ބޯޑުގެ ނިންމުން ދިފާއުކުރަމުން ދައުލަތުގެ ވަކީލުން ކޯޓުގައި ވިދާޅުވި ގޮތުގައި އެ ފަސް އޮފިސަރުން ވަކިކުރަން ނިންމީ ފުލުހުންގެ ހިިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް ލިބިދޭ ބާރުތަކުގެ ތެރެއިންނެވެ. އެގޮތުން ފާހަގަކުރި ގޮތުގައި:

  • ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ އޮފިސަރުންނަކީ މަސައްކަތަށް ގާބިލް ބައެއްތޯ ޕޮލިސް ބޯޑުން ބެލުމަށް ފަހު، އެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިިންމުމުގެ ބާރު ގާނޫނުން ލިބޭ

  • ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ މިފަދަ ތުހުމަތުތަކެއް ދައުލަތުގެ އިދާރާއަކަށް ރިޕޯޓުކޮށްފައިވޭ؛ ޕޮލިސް ބޯޑުން އެ ނިންމުމަށް ވާސިލުުވީ އެ ތުހުމަތަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، އެ ކުށުގެ ތުހުމަތު މަދަނީ މިންގަނޑުން ބަލާއިރު ސާބިތުވާކަން ބޯޑަށް ފެންނާތީ

ފުލުހުން ވަކިކުރުމުގެ ބާރެއް ބޯޑަކަށް ނެތް

މި އޮފިސަރުންގެ މައްސަލަތައް ބެލި ކަމަށް ދައުލަތުން ބުނި ނަމަވެސް، އެފަދަ ނިންމުމެއް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމުގެ ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައިވެ އެވެ. 

މައްސަލައަކަށްވީ ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ޕޮލިސް ބޯޑުުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އޭގެ ތެރެއިން އެއް ރިޕޯޓުގައި ވަކި އޮފިސަރަކަށް ނިސްބަތްވާ ގޮތަށް މައްސަލައެއް ނެތް އިރު، އަނެއް ރިޕޯޓަކީ ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ލިޔެފައިވާ ރިޕޯޓެއް ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ. ކޯޓަށް ހުށަހެޅި އެއްވެސް ލިޔެކިިޔުމެއްގެ ތެރޭގައި ޕޮލިސް ބޯޑުން އެ އޮފިސަރުންނާ މެދު އެެފަދަ ނިންމުމެއް ނިންމާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. 

އޭގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން މަސައްކަތަށް ގާބިލުތޯ ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބުނު ނަމަވެސް، އެއީ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

ކޮމެންޓް (2)

އަހުމަދު

21 ޑިސެމްބަރު 2022
ކޯތުތަކުގައި ތިއްބަވާ ގިނަ ބޭފުޅުން ވެސް ދަނީ ފޮނި މީރު މެޓާގަނޑެއް ހިލަމުން
0 0

ދިވެއްސެއް

21 ޑިސެމްބަރު 2022
ކިތަންމެ ގިނަ ހެކިތަކާއި ގަރީނާތައް ލިބިފައި ހުއްޓަސް ވަކި ކުރާނީ ތިޔަ ބޭފުޅުން ބޭނުންފުޅިއްޔާ. ހެއްކެއް ނެތި ވެސް ވަކި ކުރަން ބޭނުން ވާ މީހާ ވަކި ކުރާނެ. ފިޔަވަޅު އަޅަން ބޭނުން މީހުންނަށް ފިޔަވޅު އަޅާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް