ގާޒީ ސްކޫލުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ކިއުންތެރިއެއް)

ތައުލީމު

ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ގާޒީ ސްކޫލްގެ ޓީޗަރުން އިޖުތިޖާޖުކޮށްފި

ގާޒީ ސްކޫލްގެ ޓީޗަރުން މިއަދު 30 މިނެޓުގެ ހިމޭން އިހުތިޖާޖެއް ކުރީ "ކެތްތެރިކަން ކޮޅުންލައިގެން" ކަމަށް ބުނެ
14 ޑިސެމްބަރު 2022
3

ސްކޫލްގެ އިސް ފަރާތްތަކުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ގާޒީ ސްކޫލްގެ ޓީޒަރުން މިއަދު އިހުތިޖާޖްކޮށްފި އެވެ. 

ވީ ކިހިނެއް؟ - 200 އެއްހާ ޓީޗަރުން މަސައްކަތް ކުރާ ގާޒީ ސްކޫލްގައި ހެނދުނު ސެޝަންގެ ކިޔެވުން ފެށެނީ 6:50ގަ އެވެ. މިއަދު އެ ސްކޫލްގެ ޓީޗަރުން އިހުތިޖާޖްކުރީ ހެނދުނު ސެޝަން ނިންމާލުމަށް ފަހު މެންދުރު ފަހު ސެޝަން ފެށުމުގެ ކުރިން، އެ ދެމެދު ލިބުނު ހުސްވަގުތުކޮޅުގަ އެވެ.

މިއަދު 11:30 އިން 12އާ ދެމެދު 30 މިނެޓުގެ ހިމޭން އިހުތިޖާޖެއް އެ ޓީޗަރުން ކުރީ "ކެތްތެރިކަން ކޮޅުން ލައިގެން" ކަމަށް ބުނެ އެވެ.

ގާޒީ ސްކޫލުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ކިއުންތެރިއެއް)
ގާޒީ ސްކޫލުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ކިއުންތެރިއެއް)

ބުނީ ކީކޭ؟ -'ދައުރު'އާ ވާހަކަދެއްކި ގާޒީ ސްކޫލްގެ ޓީޗަރުން ވަނީ އެ ސްކޫލްގެ މެނޭޖްމެންޓަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ތުހުމަތުތަކެއްކޮށް، ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެ ޓީޗަރުން ފާހަގަކުރި ބައެއް ކަންކަމަކީ:

  • ބައެއް ކްލާސްތަކުގެ ފަންކާތައް ވެއްޓި، ބޮކިތައް ހުރީ ނިވިދިއްލޭ ހާލަތުގައި

  • ސްކޫލްގެ ބަޖެޓުގެ ދަތިކަން؛ އެންމެ ފަހުން ބޭއްވި ސްޕޯޓްސް ފިއެސްޓާގައި ކުދިންނަށް މެޑައްޔެއް ގަންނާނެ ފައިސާ ވެސް ނެތް

  • ވޯކްޝީޓުތައް ޕްރިންޓުކުރަން ޖެހެނީ ޓީޗަރުން އަމިއްލަ ހަރަދުގައި ގަންނަ ކަރުދާސް ރީމްތަކުގައި

  • ޓެސްޓު ޕޭޕަރުތައް ވެސް ޕްރިންޓުކުރަން ޖެހުނީ ހުޅުމާލޭގެ އެހެން ސްކޫލަކަށް ގޮސްގެން

"1980ގެ އަހަރުތަކުގައި ސޮއިކުރިި ގޮތަށް މިހާރު ފޮތުގަ ސޮއިކުރަން ޖެހެނީ. ސައިން އިން މެޝިން ހަލާކުވެފައި. މީމީސް ޑައުންވެފައި، ރިޕޯޓް ފޯމްތައް ހަދަން ދަންވަރު ހޭލައި ތިބެ އެންމެ ފަހުން ކިރިޔާ މަަސައްކަތް އެ ދިޔައީ ފެނަށް،" އެ ސްކޫލްގެ ޓީޗަރަކު ބުންޏެވެ.

ގާޒީ ސްކޫލުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ކިއުންތެރިއެއް)

'ކުރީގެ މުވައްޒަފަކަށް ކޮރަޕްޝަންގެ ތުހުމަތު، މިނިސްޓްރީން އަޅައެއް ނުލި'

ނަން ނުޖެހުމަށް ޝަރުތުކޮށް 'ދައުރު'އާ ވާހަކަދެއްކި ގާޒީ ސްކޫލްގެ ޓީޗަރުން ވަނީ، ސްކޫލްގެ ބައެއް މުވައްޒަފުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އެ ޓީޗަރުން ކޮރަޕްޝަންގެ ތުހުމަތުކުރީ އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރަކަށް ކުރިން އުޅުނު މީހެއްގެ މައްޗަށެވެ. 

"މިތާ ކުރީގެ އެޑްމިނިސްޓްރޭޓަރު ހުއްޓާ، ކުދިންގެ ކިޔެވުމުގެ ކަންކަމަށް އެސްޓީއޯއިންނާ އެކި އެކި ހެޔޮ އެދޭ ފަރާތްތަކުންނާއި އެކި ޕޭރެންޓުންގެ ފަރާތުން ދީފައި ހުރި 65 އިންޗީގެ ޓީވީތަކެއް ވެސް އެޑްމިނިސްޓްރޭޓަރުގެ ގެއަށް ގެންދިޔައީ،" ޓީޗަރަކު ބުންޏެވެ.

"އެހެން އެކަންތައް އޮއްވައި ދެން އައީ އޭނާ މެޑިކަލް ސެޓްފިކެޓްތަކެއް ފޯޖުކުރި މައްސަލަ."

ގާޒީ ސްކޫލުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ކިއުންތެރިއެއް)

ވަގު އެމްސީތަކެއް ހެދި މައްސަލަ ފެންމަތިވީ، އެ ޓީޗަރުން ބުނި ގޮތުގައި، އެ ސްކޫލްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރަކު އެފަދަ ސެޓްފިކެޓެއް ހުށަހެޅި ހިސާބުންނެވެ. އެ މީހުން ބުނީ ޝިޔާޒާ ވެސް އެމްސީތަކެއް ފޯޖުކުރި މައްސަލަ ސަމާލުކަމަށް އައީ، އެ މައްސަލަ ބަލަން ފެށުމުންނެވެ.

"ފޯޖުކޮށްފައި ހުރި ސެޓްފިކެޓުތަކެއް ކަމަށް ޝައްކުވެގެން އެކަން ބެލި. ފުލުހުންނަށް ވެސް އެ މައްސަލަ ހުށަހެޅި. ދެން އެނގުނީ އެޑްމިނިސްޓްރޭޓަރު އަމިއްލައަށް ވެސް 15 ސެޓްފިކެޓް ހުށަހަޅާފައިވާކަން،" ޓީޗަރަކު ބުންޏެވެ.

އެ މައްސަލަ ސްކޫލުގެ ފަރާތުން އެޑިއުކޭޝަނަށް އެންގުމުން ޝިޔާޒާގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މިނިސްޓްރީން ވަޒީފާއެއް ދިން ކަމަށް ބުނެ ޓީޗަރުން މިއަދު ނުރުހުން ފާޅުކުރި އެވެ.

"ސްކޫލުން އެކަންތައްތައް މިނިސްޓްރީއަށް ރިޕޯޓުކުރުމުން މިނިސްޓްރީން އަންގަނީ އެޑްމިނިސްޓްރޭޓަރަށް ލިޔުމެއް ވެސް ނުދޭށޭ، އޭނާއާ ހުތުރުކޮށް ވާހަކަނުދައްކާށޭ، އޭނާއަށް އެއްވެސް ކަމެއް ނުކުރާށޭ. އެންމެ ފަހުން ސްކޫލަށް އަންނަނީ ލިޔުމެއް އޭނާ އެޑިއުކޭޝަނަށް ބަދަލުކުރުމަށް،" އެ ޓީޗަރުން ބުންޏެވެ.

އެ އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް އަދި ނުލިބެ އެވެ. 

އެނގުން މުހިންމު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޓީޗަރުންގެ އިހުތިޖާޖާ ގުޅިގެން މިނިސްޓްރީގެ ޓީމެއް ވެސް ވަނީ އެ ސްކޫލުގެ މެނޭޖްމެންޓާ މިއަދު ބައްދަލުކޮށްފަ އެވެ. އެކަމަކު، އެ ސްކޫލްގެ މެނޭޖްމެންޓްގެ ބޭފުޅަކު ވެސް ފޯނު ނުނަންގަވާތީ އެ ފަރާތްތަކުގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ އާ'ދައުރު'ން ސުވާލުކުރުމުން، މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވެ އޭނާ އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.

ކޮމެންޓް (3)

ކިޔާރާ.

14 ޑިސެމްބަރު 2022
ހާދަ ބާރުގަދަ އެޑްމިނިސްޓްރޭޓިވް އޮފިސަރެކޭ. އޭނަގެ މައްޗަށް އިސްކޮށް ތިބި މުވަޒަފުން ކޮބައިބާ؟ ތިހުންނަނި އެންމެ މީހަކަށް އެކަނި ނުކުރެވޭނެ ކަންތައް. ޚިޔާނާތެއް ވިޔސް ތިހިސާބަށް ދާނީ ބަލަންތިބޭ ވެރިންގެ ޒިންމާދާރު ކުޑަކަމުން. އެމީހުންގެ ބައިވެރިވުމާއެކީގަ ތިހާ ހިސާބަށް ކަންތައްދާނީ.
1 0

ކިޔާރާ.

14 ޑިސެމްބަރު 2022
ހާދަ ބާރުގަދަވެރިން ކޮބައިބާ؟ ތިހުންނަނި އެންމެ މީހަކަށް އެކަނި ނުކުރެވޭނެ ކަންތައް. ޚިޔާނާތެއް ވިޔަަސް ތިހިސާބަށް ދާނީ ވެރިންގެ ޒިންމާދާރު ކުޑަކަމުން. އެމީހުންގެ ބައިވެރިވުމާއެކީގަ ތިހާ ހިސާބަށް ކަންތައްދާނީ.
1 0

އެޑްމިން

14 ޑިސެމްބަރު 2022
@ކިޔާރާ. ބައިވެރިވި މީހުން އޭނަގެ ވަޒީ މިނިސްޓްރީއަށް ބަދަލުކުރީ، ވައްކަންކޮށް ކުދިންގެ ހައްޤުފޭރިގަތީމަ މިނިސްޓްރީގެ މަގާމެއް 🤷🏽‍♀️
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް