ރައީސް ސޯލިހް، ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާއާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ވޯލްޑް ބޭންކް

މާލީ ފިޔަވަޅުތަކަށް ތައުރީފާ އެކު ވޯލްޑް ބޭންކުން ފާހަގަކުރީ ދަރަނީގެ ގޮންޖެހުންތައް

ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު މިއަދު ވަނީ ނިންމާލައްވާފައި
10 ޑިސެމްބަރު 2022

ދައުލަތުގެ މާލިއްޔަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފްކުރުމާ އެކު، ރާއްޖޭގެ ދަރަނި ބޮޑުވުމުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ވޯލްޑް ބޭންކުން ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގެންފަ އެވެ. އޭނާގެ ދަތުރު މިއަދު ނިންމާލައްވާފައި ވާއިރު، ވޯލްޑް ބޭންކުން ވަނީ އެ ދަތުރުގައި ދިވެހި ސަރުކާރާ އެކު މުހިންމު މަޝްވަރާތަކެއް ކުރި ކަމަށް ބުނެފަ އެވެ.

ތަފްސީލް - ވޯލްޑް ބޭންކުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާޓިން ވަނީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. ހަރުދަނާ އިގްތިސާދެއް ބިނާކުރުމަށް ގެންނަމުންދާ މުހިއްމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން އޭނާ ތަކުރާރު ކުރެއްވި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ހަތަރު ދުވަހުގެ އެ ދަތުރުގައި މާޓިން ބައްދަކުރެއްވި ބޭފުޅުންނަކީ:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

  • ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

  • އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

  • އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ

އެ ބައްދަލުވުންތަކުގައި މާޓިން ވަނީ، ވޯލްޑް ބޭންކުން ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް ރާއްޖޭން އަޅަމުން އަންނަ މާލީ ފިޔަވަޅުތަކާއި އިންވެސްޓްމަންޓްތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވެސް އޭނާ ތައުރީފްކުރެއްވި އެވެ.

"ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. އަދި ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައި. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ،" މާޓިން ވިދާޅުވި އެވެ. 

އެ ބައްދަލުވުންތަކުގެ އިތުރުން، މިދިޔަ ޖުލައި މަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މާޓިން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި އޭނާ ވަނީ:

  • ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި 5 މެގަވޮޓްގެ ސޯލާ ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި 

  • މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި

  • މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ޒިޔާރަތްކުރެއްވި

"ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" މާޓިން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް