ހުޅުލެ-ހުޅުމާލޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށަނީ (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

ތެޔޮ ހަރަދުން 15-20 މިލިއަން ރުފިޔާ ސަލާމަތްކުރަން ސޯލާ ޕެނަލް ހަރުކުރަން ފަށައިފި

މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސޯލާ ޕެނަލް ހަރުކޮށްގެން ގާއިމުކުރާ ނިޒާމް
7 ޑިސެމްބަރު 2022
2

ރާއްޖޭން ތެލަށް ކުރާ ހޭދައިން އަހަރަކު 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ސަލާމަތްކުރުމަށް، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ގާއިމްކުރާ ސޯލާ ނިޒާމުގެ ޕެނަލްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ބައެއްގެ ގޮތުގައި، ލިންކު ރޯޑުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަން ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކުރީ ނޮވެމްބަރު 2020ގަ އެވެ. އެ މަޝްރޫއުގެ ދަށުން ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ އޮނިގަނޑުގެ މަސައްކަތް މީގެ ދެ މަހެއްހާ ދުވަސް ކުރިން ފަށާފައި ވާއިރު، މިއަދު ވަނީ އެ އޮނިގަނޑުގައި ޕެނަލް ހަރުކުރުމުގެ އަމަލީ ބައި އިފްތިތާހުކޮށްފަ އެވެ.

ލިންކު ރޯޑުގެ އެ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، ޕެނަލެއް އޮނިގަނޑުގައި ހަރުކޮށް، އަމަލީ މަސައްކަތް ފައްޓަވައިދެއްވީ:

  • އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ

  • މިއަދު ރާއްޖެ ވަޑައިގެންނެވި، ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރެއިޒާ

  • ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖަރު ޗިޔޯ ކަންޑާ

  • ސްޓެލްކޯގެ ޗެއާމަން އިބްރާހިމް ދީދީ

  • ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

  • މި މަޝްރޫއު ކުރިއަށް ގެންދާ ތައިލެންޑުގެ އެންސިސް ކޯގެ އިސް ވެރިން

  • އެޗްޑީސީގެ އޮފިޝަލުން

ހުޅުލެ-ހުޅުމާލޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ގައުމަކަށް ރާއްޖެ ވާއިރު، ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ރާއްޖޭގެ އިގްތިސާދާއި ތަރައްގީ ބައްޓަންކުރަން ވަރަށް މުހިންމު ކަމަށެވެ. އެކަން ހާސިލުކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ވީހާ ވެސް އަވަހަކަށް ބަދަލުވުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ފެށުމެއް. އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖޭން ކުރާ ދަތުރުގެ އެންމެ ކުރީކޮޅުގައި ރާއްޖެއާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޝައުނާ ވެސް ވަނީ، ތެލަށް ކުރާ ހޭދަ ވީހާ ވެސް އަވަހަކަށް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާއިރު، ރާއްޖޭން ތެލަށް ބަރޯސާވެފައި ވުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް އޭގެ ނުބައި އަސަރު އިންތިހާއަށް ކުރަމުންދެ އެވެ.

ހުޅުލެ-ހުޅުމާލޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ. (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

މަޝްރޫއުގެ ހުލާސާ:

  • ސޯލާ ޕެނަލް ހަރުކޮށް ނިންމައި ކަރަންޓް އުފައްދަން ފަށާނެ ކަމަށް އަންދާޒާކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައި 

  • މި ނިޒާމު ފަރުމާކޮށްފައި ވަނީ ގަޑިއަކު 115 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހުނަސް ހިފަހައްޓާލެވޭ މިންވަރަށް

  • ދުވާލަކު 5 މެގަވޮޓުގެ ހަކަތަ އުފައްދާނެ

  • އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ

  • ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.09 ސެންޓު (1.681ރ.)

  • އެންސިސް ކޯ އިން އެ ނިޒާމު ބަލަހައްޓާނީ 15 އަހަރު ވަންދެން؛ އޭގެ ފަހުން އެ ނިޒާމާ ހަވާލުވާނީ ސްޓެލްކޯ އިން

  • ތެލަށް ކުރާ ހޭދައިން 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކޮންމެ އަހަރަކު ސަލާމަތް ކުރެވޭނެ

  • މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސޯލާ ޕެނަލް ހަރުކޮށްގެން ގާއިމުކުރާ ނިޒާމް

ކޮމެންޓް (2)

ޢަލީބެ

8 ޑިސެމްބަރު 2022
މާލޭ ސަރަހައްދުގެ ރީތިކަން ދައްކުވައިދެވެންއޮތް މަގެއްގަ ތިކަންކުރީމަ ވަރަށްކަޑަ. ގައުމުތަކުގެ އެއަރޕޯޓު ރޯޑަކީ ރީތިކޮށް ގަސްހައްދާ ނަލަކޮށްފަ އޮންނަތަނެއް
0 1

ގާދިރު

8 ޑިސެމްބަރު 2022
އާންމުންނަށް ގޭގަ ކަރަންޓް އުފައްދާ ވިއްކޭނެ ގޮތެއް ހަދައިދީބަލަ އޭރުން ހަމަ ފަސޭހަ ވާނީ ސަރުކާރަށް މަޖިލީހުގަ ތިބިމީހުން މުޅިންވެސް އާންމު ހާލަތާ ނުބެހޭ ބިލްތައް އަވަސް އަރުވާލާ ފާސްކުރަނީ މިކަހަލަ ކަމެއް ކޮށްގެން ނުވޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް