ތިލަފުށީ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައި. (ފޮޓޯ/ވެމްކޯ)
ތިލަފުށި ފަޅުތެރެ ކުނިން ފުރި ކަނޑަށް ބޭރުވާން ފަށައިފި
ތިލަފުށީ ފަޅުތެރެ ކުނިން ފުރި، ބައެއް ކުނިތައް ކަނޑަށް ބޭރުވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވެމްކޯ އިން މިއަދު އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ވަގުތު ތިލަފުށީ ފަޅުތެރެ އޮތީ އެކި ބާވަތުގެ ކުނިން ފުރިފަ އެވެ. އެ ކުނިތައް ކަނޑަށް ބޭރުވަމުން ދަނީ، މޫސުން ހުރި ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ބުނީ ކީކޭ؟ - ވެމްކޯ އިން ބުނި ގޮތުގައި، އެ ކުންޏަކީ:
-
ދޯނިފަހަރުން މޫދަށް އުކާލާފައި ހުންނަ ކުނި
-
އެ ރަށުގެ ބައެއް ސައިޓުތަކުން މޫދަށް އެޅިފައި ހުންނަ ކުނި
"ހުރިހާ ދުވަސްވަރެއްގައި މި ގޮތަށް ފަޅުތެރެއެއް ނޯންނާނެ. މި ވަގުތު އޮއެ ހުރި ގޮތުން ކުނިތައް އެހެން އެއް ތަނަކަށް ޖަމާވެފައި ހުރީ،" ވެމްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކުނިތައް މިހާރު އަންނަނީ ސާފުކުރަމުންނެވެ. އަދި މި ކުނިތައް ކަނޑަށް ބޭރުވެދާނެތީ، ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެ އެވެ.
އެނގުން މުހިއްމު - ތިލަފުއްޓަށް ދުވާލަކު 500-700 ޓަނުގެ ކުނި އުކާލަ އެވެ. އަދި އެ ތަނަށް ޖަމާކުރާ ކުނިން މުޅި ސަރަހައްދު ތަގައްޔަރު ވަމުން އަންނައިރު، އެ މައްސަލައަށް ނިމުން ގެނައުމަށް ބިޔަ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެގޮތުން:
-
'ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް'ގެ ނަމުގައި ފެށި އެ މަޝްރޫއަށް 304 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ކުރޭ
-
ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެ؛ އެއާ އެކު ޖުމްލަ 500 ޓަނު ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމްކުރެވޭނެ
-
އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ތަންތަން ތަޅާލުމުން އުފެދޭ ގާކުނޑި ޕްރޮސެސް ކުރުމަށް ހާއްސަ ޕްލާންޓެއް ގާއިމްކުރާނެ
މި މަޝްރޫއު ނިމޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު އެވެ. މަޝްރޫއު އެއްކޮށް ނިމޭ އިރު، ތިލަފުށީގެ މަލަމަތި މުޅިން ބަދަލުވެ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.