މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:މިއަދު ހަ ބިލަކަށް ވޯޓަށް އަހާނެ. (ފޮޓޯ/ މަޖިލިސް)
މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ: 6 ބިލަކަށް ވޯޓަށް އަހަނީ
ރައްޔިތުންގެ މަޖިލީހުގެ މި އަހަރު ފަހު ޖަލްސާ މިއަދު ބާއްވާއިރު، ހަ ބިލަކާ އެކު ޖުމްލަ 10 ކޮމިޓީ ރިޕޯޓަކަށް ވޯޓަށް އެހުމަށް ތާވަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އަހަރެއްގެ ތެރޭގައި މަޖިލީހުގެ ތިން ދައުރު އޮންނަ އިރު، މި ހިނގާ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވަނީ މިއަދު އެވެ. މިއަދަށް ފަހު މަޖިލިސް ޗުއްޓީއަށް ދާނެ އެވެ. އެއާ އެކު، ދެން މަޖިލިސް ހުޅުވޭނީ އަންނަ ފެބްރުއަރީ މަހު އެވެ.
ތަފްސީލު - އެންމެ ފަހު ދުވަހަށް މި ބިލުތައް އެއްފަހަރާ ތާވަލްކޮށްފައި މި ވަނީ މި ދައުރު ނިމުމުގެ ކުރިން ފާސްކުރުމުގެ ބޭނުމުގަ އެވެ. ކޮންމެ ދައުރެއްގައި ވެސް މިގޮތަށް ގިނަ ބިލުތަކެއް، ފަހު ދުވަހަށް ތާވަލްކުރަން މި ޖެހެނީ، ދައުރުގެ އެހެން ދުވަސްތަކުގައި ކޮމިޓީތަކުން ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ރިޕޯޓު ނުފޮނުވާތީ އެވެ.
ކޮމިޓީތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށާއި މަސައްކަތް ލަސްވާކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ފާޅުކުރައްވާފައިވެ އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ދިގުދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ތާވަލްކޮށްފައި ހުރި ހުރިހާ ކޮމިޓީ ރިޕޯޓަކަށް ވޯޓަށް އަހާނެ ކަމަށެވެ.
"ވޯޓަށް އަހާނީ ހުރިހާ މަސައްކަތެއް [ރިޕޯޓުތަކަށް ބަހުސްކޮށް] ނިމުމަމަށް ފަހު. އެހެެންވީމަ ވަކި ގަޑިއެއް ވޯޓު ގަޑިއަކީ އަންދާޒާ ކުރަން އަޅުގަނޑަށް ދަތި،" ނަޝީދު ވިދާޅުވި އެވެ.
ވޯޓަށް އެހުމަށް ތާވަލްކުރި ރިޕޯޓުތައް:
-
އަންނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
-
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު
-
އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި އައިޑީ ކާޑު ހެއްދުމާ ބެހޭ ބިލުގެ ކޮމިޓީ ރިޕޯޓު
-
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު
-
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު
-
ކުނި މޭނޭޖްކުރުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު
-
ފަޅު ރަށްތަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ކޮމިޓީ ރިޕޯޓު
-
ލަންކާ ސަފީރު ކަމަށް ޕޮލިސް ބޯޑުގެ ރައީސް އަލީ ފާއިޒް އައްޔަންކުރުމަށް ރުހުން ދިނުމުގެ މައްސަލަ
-
ކަރަންޓު ހިދުމަތަށް މާލޭ ސަރައްހަދުގެ ވިޔަފާރިތަކަށާއި ރަށްރަށުގެ ވިޔަފާރިތަކަށް ބިލްކުރުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ މައްސަލައިގެ ކޮމިޓީ ރިޕޯޓު
-
ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްތަކުގެ ޕްރޮޕަޓީތަކާ ގޫޅޭ ގޮތުން ބޭންކަށް ދިމާވާ ދަތިތަކަށް ބަލައިދިނުމަށް އެދިފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
ގުޅުން ހުރި ކަމެއް - ކޮމިޓީތަކުގެ މުގައްރިރުން ބައެއް ރިޕޯޓުތައް ހުށަހަޅުއްވާފައި ވާއިރު، މި ރިޕޯޓުތަކަށް ބަހުސް ކުރަނީ ވަރަށް މަދު މެންބަރެކެވެ. އެއް ފަހަރާ މި ގޮތަށް ތާވަލްކުރުމުން، ގިނަ ބިލުތަކަށް އެކަށީގެންވާ ބަހުސެއް ނުކޮށް، ކޮންމެ ދައުރެއްގެ ފަހު ޖަލްސާގައި ގިނަ ބިލުތަކެއް ފާސް ކުރެ އެވެ.
ކޮމެންޓް (3)
އެތެރެ ފަރާތް
ޓިން ޓިން
ނާށިގަނޑު