މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ރާމިޒާ އަލީ
ޑްރަގް ފައިސާ ލޯންޑާކުރި މައްސަލައިގައި އަލުން ގޮތް ނިންމަން ހައި ކޯޓުން ހުކުމްކޮށްފި
ފިރިމީހާ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ބޭނުންކުރުމުގެ ތުހުމަތުގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ރާމިޒާ އަލީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ރާމިޒާ، ގދ. ތިނަދޫ/ލަކީލާސްޓްގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާކުރީ އޭނާގެ ފިރިމީހާ، އެ ރަށު ރަންގަލް، ހަސަން ލޫތު، ޑްރަގް ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި އޭނާގެ ފައިސާ ރާމިޒާ ބޭނުންކޮށްގެން ހިންގި މުއާމަލާތްތަކަކާ ގުޅިގެންނެވެ.
ދައުލަތުން ބުނަނީ ލޫތު ހައްޔަރުކުރުމުގެ ކުރިން ރާމިޒާ އާއި އެ ދެމަފިރިންގެ ދަރިއެއްގެ އެކައުންޓަށް އެކި ދުވަސް މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ:
-
ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ.
-
ލޫތުގެ ބީއެމްއެލް އެކައުންޓަށް 194،170ރ.
-
އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ.
ވީ ކިހިނެއް؟ - ރާމިޒާގެ މައްޗަށް ޕީޖީ އޮފީހުން ކުރާ މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ގޮތް ނިންމަމުންނެވެ. އެ ހުށަހެޅުންތަކުގައި ރާމިޒާގެ ފަރާތުން އޭރު އެދުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ ރާމިޒާ އެދުނު ގޮތަށެވެ. އަދި މައުލޫއީ ގޮތުން ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ނިންމުމުން މައްސަލަ ވަނީ ބާތިލުވެފަ އެވެ.
ތަފްސީލް - ކްރިިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ:
-
ލޫތު އާއި ރާމިޒާގެ މައްސަލައިގައި ހުށަހެޅީ އެއް ހެކިތަކެއް
-
ހެކިންގެ ތެރޭގައި ރާމިޒާގެ ކުށް ކުރިކަން އަންގައިދޭނެ ހެއްކެއް ނެތް
-
ރާމިޒާގެ ދައުވާ ސާބިތުވާން އޮތީ ލޫތުގެ މައްޗަށް އުފުލާފައިވާ ޑްރަގް ޓްރެފިކިން ދައުވާ ސާބިތުވެގެން
-
ރާމިޒާގެ އެކައުންޓަށް ޖަމާކުރީ ހަމައެކަނި ލޫތުގެ ފައިސާ ކަމަށް ސާބިތުވުން
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ޕީޖީ އޮފީހުން ބުނީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. އޭގެ ސަބަބަކީ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ވެސް ވުމެވެ.
ދައުލަތުން އެ ބުނި ވާހަކަތަކުގެ ރައްދުގައި ރާމިޒާގެ ވަކީލުން ބުނީ ދައުލަތުން ހުށަހަޅާފައިވާ ހެއްކަކުން ރާމިޒާ ކުރި އަމަލެއް ނޭނގޭ ކަމަށެވެ. އެހެންކަމުން އެދެނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށް ކަމަށެވެ.
ފަނޑިޔާރުންގެ ބަސް - މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ހުސައިން ޝަހީދު އެވެ. އެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި ގޮތުގައި ކްރިމިނަލް ކޯޓުގެ ނިންމުން ގޯހެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލްގެ ރައުޔުގައި ލިޔުއްވި ގޮތުގައި:
-
ހެކި ބަލައިނުގަތުމަށް ނިންމީ ހެއްކާ ބެހޭ ގާނޫނުގައި ބުނާ އުސޫލާ 'ދިމާ އިދިކޮޅަށް؛
-
މަނީ ލޯންޑަރިން ދައުވާ ސާބިިތުވާން، އެހެން ކުށެއް ސާބިތުވާކަށް ނުޖެހޭ
-
މައުލޫއީ ގޮތުން މައްސަލަ ނުބެލޭނެ ކަމުގެ ހުށަހެޅުމެއް ނެތީސް، ޝަރީއަތަށް ގޮތެއް ނުނިންމޭނެ
-
ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ މައްސަލައިގެ މައުލޫއަށް ނުވަދެ
ފަނޑިޔާރު ފައިސަލްގެ ރައުޔުގައި ހުރި ހެކިން ބަލައިގަތުމާ ގުޅޭ ކަންކަމަށް ތާއިދުކޮށް ފަނޑިޔާރު ހުޒެއިފާގެ ރައުޔުގައި ލިޔުއްވި ގޮތުގައި:
-
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ހެކި ވަޒަން ނުކުރެވޭނެ
-
މި މަރުހަލާގައި ހެތްކެއް ކަމަށް ބަލަންވާނީ "މަތިމަތިން، ފެންނަން ހުރި ކަންކަމުގެ މައްޗަށް"
-
ހެކިން ބަލައިނުގަތުމަށް ނިންމި ނިންމުމާ މެދު އަލުން ގޮތެއް ކަނޑައަޅަން ޖެހޭ
ގުޅުންހުރި ކަމެއް - ރާމިޒާގެ ފިރިމީހާ އާއި އޭނާގެ ޑްރަގް ނެޓްވޯކު ކަމަށް ދައުލަތުން ބުނާ މީހުންގެ މައްޗަށް ވެސް ވަނީ ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ދަނީ ކުރިޔަށެވެ.
ކޮމެންޓް (3)
އާމިރު
ޒުނީ
ނާފިލް