މާލޭގެ ތަރައްގީގައި ބުރަކި ޖެހިފައި އޮތީ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްނުދީގެން: މުއިއްޒު

ޕްލޭން ފާސްކުރަން ތަފާތު ހަތަރު ފަހަރެއްގެ މަތިން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވި
31 އޮކްޓޯބަރު 2022
1

މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދަން މަސައްކަތްކުރާ މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ކައުންސިލުން ހުށަހަޅައިފައިވާ ލޭންޑް ޔޫޒް ޕްލޭން ސަރުކާރުން ފާސްކޮށްދީފައި ނުވާތީ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ދައުރު'ގެ '7 ސުވާލު' ޝޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ޕްލޭން މިހާރު ތަފާތު ހަތަރު ފަހަރެއްގެ މަތިން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި، އަދިވެސް އެކަމަށް ލިބެންވާ ރަސްމީ ހުއްދަތައް ލިބިފައިނުވާ ކަމަށެވެ.

ބުނީ ކީކޭ؟ - "އަހަރެއްހާ ދުވަސްވީ މިކަމުގައި އުޅޭތާ. އެކަމަކު ފާސްކޮށްދީފީމޭ ކިޔާފައި ތަތްގަނޑު ޖަހާފައި އަދި ނާދޭ،" މުއިއްޒު ވިދާޅުވި އެވެ.

"މާލޭގެ ތަރައްގީގައި ކުރިއަށް ދިޔުމުގައި މިހާރު ހަމަ ބުރަކި ޖެހިފައި، ހުއްޓިފައި މި އޮތީ ލޭންޑް ޔޫޒް ޕްލޭން އެޕްރޫވްނުކޮށްދީގެން."

ތަފްސީލް - ލޭންޑް ޔޫޒް ޕްލޭން ފާސްވުމުން، މާލޭގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކެއް ހައްލު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ޕްލޭންގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:

  • ގިނަ ފަންގިފިލާތައް ހިމެނޭ 'މިކްސް ޔޫޒް' ޕާކިން އިމާރާތްތަކެއް އެޅުން

  • ފެހި ޒޯނެެއްގެ ގޮތުގައި ސިނަމާލެ ފްލެޓްތައް އަލުން ތަރައްގީ ކުރުން

  • މާލެ އާއި ވިލިމާލޭގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުން 

  • މާލެ އާއި ވިލިމާލޭގައި ޕާކުތައް އެޅުން

  • ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ގެންދަން މާލޭގައި ޒަމާނީ ފެންވަރުގެ މިކްސްޑް މާރުކޭޓެއް އެޅުން

"މިއިން އެއްވެސް ކަމެއްގައި ހަގީގީ ސިފައެއް ނުޖެއްސޭނެ ޕްލޭން ފާސްކޮށްފައި ނުދެނީހެއް. އެއީ ގާނޫނު ބުނާ ގޮތް. ގާނޫނު ބުނަނީ މިކަހަލަ ކަންކަން ކުރެވޭނީ ލޭންޑް ޔޫޒް ޕްލޭނެއް އޮވެގެންނޭ،" މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކަމުގައި މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެއްވެސް ފަހަރަކު މިނިސްޓްރީން ފާސްކޮށްދޭން ދެކޮޅު ހަދާފައި ނުވާ ކަމަށް މުއިއްޒު ވިދަޅުވި އެވެ. މިނިސްޓްރީގެ ފަރާތުން ރަސްމީ ޖަވާބެއް ދޭ ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް އިސްލާހު ކުރަން ބުނާ ކަމަށާއި، އެ ބޭފުޅުން ވިދާޅުވާ ގޮތަށް ބަދަލުތައް ގެނެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ހިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިން، އެތައް މަހެއްގެ މަސައްކަތުން. އަޅުގަނޑުމެން ހަމަ ކަމާ ބެހޭ މާހިރެއް [ޑރ. ހައިދަރު، ކޮންސަލްޓަންޓް އާބަން ޕްލޭނިން] ލައްވައި ރާއްޖޭގައި އެކަން ކުރެވޭނެ އެންމެ ފެންވަރު ރަނގަޅަށް [ޕްލޭން] ހެދީ،" ޕްލޭން ހުށަހަޅާފައިވަނީ މިނިސްޓްރީން އެދިފައިވާ ގޮތަށްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓްރީގެ ބަސް - އެކަމާ ބެހޭ ގޮތުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ދައުރު'އަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްދީފައި ނުވަނީ ގަވައިދަށް ނުފެތޭތީ ކަމަށެވެ. 

"ހުރިހާ އެއްޗެއް ހަމަވާ ގޮތަށް ހުށަހެޅީމަ ފާސްވާނެ. އަޅުގަނޑުމެން ވެސް ވަރަށް ކުރަން ބޭނުންވާ ކަމެއް އެއީ،" އަކްރަމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މާލޭ ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ވާހަކަ މުއިއްޒު މީގެ ކުރިން ވެސް ދައްކަވާފައިވެ އެވެ. މިދިޔަ ޖޫން މަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުން ނުލިބެނީ ސަރުކާރާ އިދިކޮޅު ފިކުރަކަށް ކައުންސިލްގެ މެޖޯރިޓީ ލިބުމުން ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ކޮމެންޓް (1)

ޏަމްރޫ

31 އޮކްޓޯބަރު 2022
އެންމެ ރުފިޔާއެއްވެސް ޖީބަށް ކަހާލެވޭކަމެއް ވިއްޔާ ލޭންޑްޔޫސް ޕްލޭން ބޭނުމެއް ނުވޭ. ރައްޔިތަކަށް ހިދުމަތެއް ދޭން ޖެހިއްޖެޔާ ކޮންމެވެސް ބަހަނާއެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް