ޕީޖީ އޮފީހުން އަރުޝަދު ހާލިދާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު.
ހައި ކޯޓުން ނެރުނު އަރުޝަދުގެ ބަންދު އަމުރު ގޯސް؛ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ޑްރަގް ނެޓްވޯކެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިިގެން ހައި ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - އިތުރު ބަޔަކާ ގުޅިގެން އަރުޝަދު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 31 ޖެނުއަރީ 2020ގަ އެވެ. ފުލުހުންގެ މި އޮޕަރޭޝަނުގައި:
-
9 ކިލޯގެ ޑްރަގް
-
4.5 މިލިއަން ރުފިޔާ
-
9 މީހަކު ހައްޔަރު ކުރި
-
ދައުވާ ކުރީ އަށް މީހަކަށް
މި މައްސަލައިގައި އަރުޝަދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެވުނު ނަމަވެސް، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ފިޔަވާ ދެންތިބި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
މި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ވީ ކިހިނެއް؟ - އަރުޝަދު ބަންދުގައި ބަހައްޓައިގެން ހައި ކޯޓަށް ހާޒިރުކުރަން އަމުރު ނެރުނީ މިދިޔަ ޖޫން 7ގަ އެވެ. ނަމަވެސް މިއީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އަރުޝަދު އެވެ.
އަރުޝަދުގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދުނީ، ހައި ކޯޓުގެ އަމުރަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ތަފްސީލް - މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުންތަކުގައި އަރުޝަދުގެ ފަރާތުން އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، އަރުޝަދު ރާއްޖޭން ފިލައިގެން ދިޔަ ކަމަށް ބުނި ނަމަވެސް، އޭނާ ލަންކާއަށް ފުރީ އެއްވެސް ކޯޓެއްގައި މައްސަލައެއް އޮއްތޯ ބަލާފައި ކަމަށެވެ.
އޭނާ މިދިޔަ ޑިސެމްބަރު މަހު ފުރައިގެން ދިޔަ އިރު އެއްވެސް ކޯޓެއްގައި އޭނާގެ ޝަރީއަތް ހިނގަމުން ނުދެ އެވެ. އަދި އޭނާ ފުރުމުގެ ކުރިން ހައި ކޯޓުން އެއްވެސް އަމުރެއް ނެރެފައި ނުވާތީ އޭނާއަކީ ހައި ކޯޓަށް ފިލައިގެން އުޅޭ މީހެއް ކަމަށް ނުބުނެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ރައްދުގައި ޕީޖީ އޮފީހުން ބުނީ އަރުޝަދުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅި އިރު ވެސް، އޭނާ ރާއްޖޭގައި ނެތްކަން ޔަގީންވާތީ އޭނާ ބަންދުގައި ބަހައްޓަން ކުރި އަމުރު ރަނގަޅު ކަމަށެވެ. އަދި މިއީ ސައްހަ އަމުރެއް ކަމަށް ކަނޑައަޅައިދޭން ކޯޓުގައި އެދުނެވެ.
ފަނޑިޔާރުގެ ބަސް - މި މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އަރުޝަދު ބަންދުކުރަން އަމުރު ނެރުމުގެ ކުރިން އޭނާއަށް ރައްދުވާ ގޮތަށް އެ ކޯޓުގެ އަމުރެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، ހައި ކޯޓަށް ހާޒިރުނުވި މީހެއް ކަމަށް ބަލައި އޭނާ ބަންދުކުރަން އަމުރެއް ނުނެރެވޭނެ ކަމަށް މަހާޒް ފާހަގަކުރެއްވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ހައި ކޯޓަށް މީހުން ހާޒިރުކުރުމާ ގުޅޭ ގަވާއިދު އޮންނަ ގޮތުން ބަންދުކޮށްގެން މީހަކު ހާޒިރުކުރެވޭނީ ކޯޓު އަމުރާ ހަވާލުވެ، މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވެއްޖެ ނަމަ އެވެ. މި މައްސަލައިގައި ހައި ކޯޓުން ކުރިން އަމުރެއް ނެރެފައި ނެތުމުން، ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ވުޖޫދު ނުވާ ކަމަށް ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު މަހާޒުގެ ރައުޔަށް މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދު ތާއީދުކުރެއްވި އެވެ.
އެނގުން މުހިންމު - މި ބަންދު އަމުރާ ގުޅިގެން އަރުޝަދު ހައި ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލާފައިވާތީ އެ ކޯޓުން ވެސް އަމުރު ކުރީ އަރުޝަދު ދޫކޮށްލާށެވެ.
އޭގެ ފަހުން އެހެން މައްސަލައެއްގައި އަރުޝަދު ހައްޔަރު ކުރުމަށް ފަހު، ހެކި ނެތް ކަމަށް ބުނެ ކޯޓަށް ނުގެންގޮސް އޭނާ ވަނީ ދޫކޮށްލާފަ އެވެ.
-
އިތުރަށް ކިޔާލަން - ހައްޔަރު ކުރިތާ އެއް ދުވަސް ވެސް ނުވެ އަރުޝަދު ދޫކޮށްލައިފި
ކޮމެންޓް (1)
އަރުޝަދު އަރުޝަދު