ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް (ފޮޓޯ/އަވަސް)

ކޮމިޝަނަރެއްގެ ރިޓަޔަމަންޓް ފައިސާ މުނާޒަށް ހައްގު ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މުނާޒު ކޯޓުގައި އެދިވަޑައިގަތީ ޕްރިޒަންސް ކޮމިޝަނަރަކު ރިޓަޔާ ކުރުމުން ގަނޑުކޮށް ލިބެން ޖެހޭ 1 މިލިއަން ރުފިޔާ އާއި ކޮންމެ މަހަަކަށް ލިބެން ޖެހޭ 26،250ރ. ނަގައިދިނުމަށް
2 ނޮވެމްބަރު 2022

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު ކުރިން އަދާކުރެއްވި އަބްދުﷲ މުނާޒު ގާނޫނާ އެއްގޮތަށް ރިޓަޔާކުރައްވާފައި ވާތީ އެ މަގާމު އަދާކޮށްފައިވާ މީހަކަށް ލިބެން ޖެހޭ ރިޓަޔަމަންޓް ފައިސާ އޭނާއަށް ހައްގު ކަމަށް ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަކާ ގުޅިގެން ޕްރިޒަންސް ކޮމިޝަނަރުގެ މަގާމުން ވަކިކުރެވުނު މުއާޒު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޭނާއަށް ލިިިބެން ޖެހޭ ރިޓަޔަމަންޓް ފައިސާ ނުދޭ ކަމަށް ބުނެ އެވެ. 

މުއާޒު އެދިވަޑައިގަތީ:

  • ގަނޑުކޮށް އެއްފަހަރާ ލިބެން ޖެހޭ ރިޓަޔަމަންޓް ފައިސާ ނަގައިދޭން - 1.05 މިލިއަން ރުފިޔާ

  • ރިޓަޔާ ކުރާ ފަހުން ކޮންމެ މަހަކު ލިބެން ޖެހޭ މުސާރައިގެ %75 ނަގައިދޭން - މަހަކަށް 26،250ރ.

ތަފްސީލް - މުނާޒުގެ ދައުވާއަށް ކަރެކްޝަންސްއިން ކޯޓުގައި އިންކާރު ކުރި އެވެ. އެކަމުގެ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ:

  • މުނާޒު ޕްރިޒަންސް ކޮމިޝަނަރުގެ މަގާމު އަދާކުރެއްވީ 25 ޑިސެމްބަރު 2018 އިން 21 ޖެނުއަރީ 2020އަށް؛ އެއީ އެއް އަހަރާއި 27 ދުވަސް

  • ސިފައިންގޭގައި ހުންނެވުމަށް ފަހު މުއާޒު ރިޓަޔާކުރެއްވުމުން ގަނޑުކޮށް 323،952ރ. ލިބިވަޑައިގަތް އަދި މިހާރު ވެސް މަހަކު 8،098ރ. ލިބިވަޑައިގަންނަވާ

  • މިހާ ކުރު މުއްދަތަކަށް އެ މަގާމު އަދާކުރެއްވި ފަރާތަކަށް މިވަރުގެ ބޮޑު އަދަދެއް ދިނުމަކީ "ނުހައްގު މުއްސަނދިކަމެއް"

  • ރިޓަޔަމަންޓް ފައިސާ ހައްގު ކަމަށް ހަވާލާދޭ ގަވާއިދު މުއާޒު އެދިވަޑައިގަންނަވާ ގޮތަށް މާނަކޮށްފި ނަމަ އެއް ދުވަހު މަގާމު އަދާކުރާ މީހަކަށް ވެސް ރިޓަޔަމަންޓް ފައިސާ ލިބުން "ހަމައެއްނުޖެހޭ"

ކަރެކްޝަންސް އިން ކޯޓުގައި މިހެން ބުނި ނަމަވެސް އޭގެ ކުރިން ކޮށްފައި ހުރި މުއާމަލާތްތަކުގައި އެ ފައިސާ އޭނާއަށް ހަމަޖައްސައިދޭން ކަރެކްޝަނުން އެދިފައިވެ އެވެ. އެގޮތުން މުނާޒު ހިމެނޭހެން ފަސް އޮފިސަރަކަށް ރިޓަޔަމަންޓް އިނާޔަތްތައް ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީގައި އެދުމުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފިނޭންސުން ވަނީ އިނާޔަތްތައް ހަމަޖައްސައިދޭން ޕެންޝަން އޮފީހަށް އަންގާފަ އެވެ.

ފަނޑިޔާރުގެ ބަސް - މި މައްސަލަ ބެއްލެވި ފަނޑިޔާރު އާދަމް އިބްރާހިމް އިސްމާއިލް ކުރެއްވި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި:

  • މުނާޒު ރިޓަޔާކުރެއްވީ ގަވާއިދާ އެއްގޮތަށް، އެހެންވެ ރިޓަޔަމަންޓް ފައިސާ ލިބެން ޖެހޭ

  • އެކަމަކު ދެ މުއައްސަސާއަކުން އެއްފަހަރާ ރިޓަޔަމަންޓް ފައިސާ ނުދެވޭނެ

  • ލިބެން ޖެހޭނީ ދެ ރިޓަޔަމަންޓުގެ ތެރެއިން އެންމެ ފައިސާ ބޮޑު ރިޓަޔަމަންޓް

އެހެންވެ، މުނާޒު އެދިވަޑައިގަންނަވާ ހާލަތެއްގައި މަސްދުވަހުގެ ތެރޭގައި އޭނާއަށް މި ފައިސާ ހަމަޖައްސައިދޭން ގާޒީ ހުކުމް ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް