ދީނީ އިލްމުވެރިޔާ އިސްމާއިލް މޫސާ މެންކް (މުފްތީ މެންކް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގައި ދެ ބޭފުޅުން ސަލާމްކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ދީނީ ސައްހަ މައުލޫމާތު ފަތުރުއްވާތީ މެންކްއަށް ރައީސްގެ ތައުރީފް

މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ފަސޭހައިން ފަހުމުވާނެ ގޮތަށް މެންކް ދަރުސް ކުރިޔަށް ގެންދަވާތީ އެކަން ވެސް ރައީސް ފާހަގަކުރެއްވި
1 ނޮވެމްބަރު 2022

އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި އިލްމު ފެތުރުއްވުމުގައި ދީނީ އިލްމުވެރިޔާ އިސްމާއިލް މޫސާ މެންކް (މުފްތީ މެންކް) އަދާކުރައްވާ މުހިއްމު ދައުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލީހު މިއަދު ތައުރީފްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) މިއަދު ރައީސް އޮފީހުގައި މެންކްއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މެންކްގެ މަސައްކަތްތައް ފާހަގަކުރައްވައި އޭނާއަށް ތައުރީފް ކުރައްވާފަ އެވެ. އަދި މެންކަކީ ދިވެހިން ވަރަށް އިހުތިރާމްކުރާ ބޭފުޅެއް ކަމަށާއި އޭނާގެ މި ދަތުރަކީ ދިވެހިން ވަރަށް އުއްމީދުކުރަމުން އައި ދަތުރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - "ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެ ވާހަކަތައް ފަސޭހައިން ފަހުމުވާނެ ފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ،" ރައީސް އޮފީހުން ބުންޏެވެ.

މެންކް ވަނީ އޭނާގެ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކާއި ބައެއް ތަޖުރިބާތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކެއްގެ ކިބައިގައި ހުންނަ ތަފާތުތަކަށް އިހުތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މެންކްގެ ވާހަކައިގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) މިއަދު ރައީސް އޮފީހުގައި މެންކްއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިދިޔަ މަހުގެ 28 ގައި މެންކު ރާއްޖެ ވަޑައިގެންނެވީ، މުޖުތަމައުއަށް މުހިއްމު މައުލޫއުތަކަށް ދީނީ ދަރުސް ދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާއި އައްޑު އާއި ފުވައްމުލަކުގައި އޭނާ ދަރުސް ދެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް