ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ކޮމިޓީގެ ތާއީދެއް ނުލިބުނު. (ފޮޓޯ/ މަޖިލިސް)

ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ކޮމިޓީން ފާސްކޮށްފި

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ބާއްވަން ނުޖެހޭ ގޮތަށް އެކުލަވާލި އިސްލާހުތައް ވަނީ އުނިކޮށްފައި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ފާސްކޮށްފި އެވެ. 

އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން:

  • ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާ ހާލަތުގައި ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ

  • އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި-އިލެކްޝަނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮށްފައި

ވީ ކިހިނެއް؟ - ބައި-އިލެކްޝަންތައް މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށާއި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ދެ ބިލު މިދިޔަ ބުދަ ދުވަހު ލާމަރުކަޒީ ކޮމިޓީން ވަނީ ދިރާސާކޮށް ނިންމާފަ އެވެ. އެ ކޮމިޓީން ނިންމީ:

  • ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އެއް ފަހަރާ، އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހަމަޖައްސަން

  • ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް މިހާރު ވެސް ބާއްވަން ޖެހޭ ތާރީހުތަކުގައި ބޭއްވުމަށް؛ އެއީ ދައުރުުގެ ބާކީ އެއް އަހަރު ނެތް ނަމަ، މަގާމު ހުސްވާތާ ދެ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް

ތަފްސީލު - ކައުންސިލްގެ ގާނޫނަށް ވެސް ހުށަހެޅީ، ކައުންސިލުތަކުގެ ބައި-އިލެކްޝަންތައް ވެސް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހެދުމަށެވެ. ނަމަވެސް، ލާމަރުކަޒީ ކޮމިޓީން އެކަމަށް ތާއީދެއް ނުލިބުނެވެ. އަދި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވެސް ކައުންސިލްގެ ބައި-އިލެކްޝަންތައް މަދުކުރުމާ ގުޅޭ ގޮތުން ހުރި މާއްދާތައް އުނިކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެ މާއްދާތައް އުނިކުރުމަށް ނިންމި ސަބަބެއްގެ ގޮތުގައި ކޮމިޓީ ރިޕޯޓުގައި ބުނީ:

  • އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރިއާޔަތް ކުރުމުގެ ގޮތުން 

  • އެއީ މިވަގުތަށް ގެންނަން މުހިންމު ބަދަލެއް ނޫން ކަމަށް ކޮމިޓީގެ މެންބަރުން ފާހަގަކުރައްވާފައިވޭ

މި އަހަރު ބޭއްވި ޑަބްލިއުޑީސީގެ ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ދަނީ. (ފޮޓޯ/އިލެކްޝަންސް ކޮމިޝަން)

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޑަބްލިއުޑީސީގެ އިންތިހާބުތައް މަދުކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން:

  • އެ ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭ

  • އެގޮތަށް އަންގާތާ ލަސްވެގެން 365 ދުވަސް ނުވަތަ އަހަރެއްގެ ތެރޭގައި އެ ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭ

  • ނަމަވެސް ކޯރަމް ގެއްލޭ ހާލަތުގައި އިންތިހާބު ބާއްވަން ޖެހެނީ ދެ މަސްދުވަހުގެ ތެރޭގައި

ލާމަރުކަޒީ ކޮމިޓީން ނިންމީ، ޑަބްލިއުޑީސީގެ އިސްލާހުތައް ފާސްކުރުމަށެވެ. އެހެންކަމުން، މަޖިލީހުން ފާސްކޮށް، ރައީސް މި އިސްލާހުތައް ތަސްދީގުކުރައްވާ ދުވަހުން ފެށިގެން، ކޯރަމް ނުގެއްލޭ ހާލަތުގައި ދެން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަރަކު، އެއްފަހަރާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޯންނާނެ އެވެ.

އެނގުން މުހިންމު - ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮަތަށް ލާމަރުަކަޒީ ގާނޫނު އިސްލާހު ކުރަން އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް މިދިޔަ ޖޫން މަހު ބިލެއް ހުށަހަޅުއްވާފައިވެ އެވެ. އެ ބިލުގައި އެ ބައި-އިލެކްޝަންތައް ބޭއްވުމުގެ ބާރު ދީފައި ވަނީ، އެ ރަށެއްގެ އަތޮޅު ކައުންސިލަށެވެ. އެއީ އިސީގެ ބެލުމުގެ ދަށުންނެވެ. އެ ބިލު އަދި އޮތީ ކޮމިޓީގަ އެވެ.

ފަސްމަންޒަރު - އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މިދިޔަ ޖޫން މަހުގެ ނިޔަލަށް އީސީން ވަނީ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން، އިންތިހާބުތައް ބާއްވަން އެ ކޮމިޝަނަށް ދީފައިވަނީ، 1.5 މިލިއަން ރުފިޔާ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް މި އަހަރު 458،628ރ. އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. އެއީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިލެކްޝަންސްގެ ބަޖެޓް އިތުރު ކުރަން ޖެހުނީ ޕާޓީތަކަށް ދޭ ފައިސާ ފިނޭންސްގެ ހާއްސަ ބަޖެޓުން ސީދާ އިލެކްޝަންސްގެ ބަޖެޓަށް އިތުރު ކުރުމާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް