މިދިޔަ މެއި މަހު ބޭއްވި ވިލިމާލެ ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ: މިފަދަ ބައި-އިލެކްޝަންތައް މަދުކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި (ފޯޓޯ/ އީސީ)

އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް އިސްލާހުކުރަނީ

ހަރަދު ކުޑަކުރުމަށް، ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް ބޭއްވުމުގެ ބާރު އިސްލާހުން ދީފައިވަނީ އަތޮޅު ކައުންސިލަށް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހަދައި، ކޯރަމް ގެއްލޭ ހާލަތުގައި ދެ މަސް ދުވަސް ތެރޭ އިންތިހާބު ބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ. ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތައް ބޭއްވުމުގެ ބާރު އެ ކޮމިޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކަށް ދިނުމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

ފެށުން - އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމާ އެކު، ކޮންމެ ފަހަރަކު އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބައި-އިލެކްޝަންތައް ވަރަށް ގިނައިން ބާއްވަން ޖެހި، ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮށްފަ އެވެ.

ވީ ކިހިނެއް؟ - މި މައްސަލައަށް ހައްލެއް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް އެވެ. ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. 

ތަފްސީލު - އެމްޑީޕީގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަން ވެސް ކުރައްވާ ރޮޒައިނާ މައިގަނޑު ހަ އިސްލާހެއް ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައިވެ އެވެ. ބޮޑު އިސްލާހަކަށް އޮތީ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް މަދުކުރުމުގެ އިސްލާހެވެ.

އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމިޓީތަކުގެ ކޯރަމް ނުގެއްލޭހާ ހިނދަކު، އެ ކޮމިޓީއެއްގެ ބައި-އިލެކްޝަން ބާއްވަންވާނީ ކޮންމެ އަހަރަކު އެއް ފަހަރު ކަމަށެވެ. އެހެން ކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ ކޯރަމް ނުގެއްލޭ ހާލަތުގައި މިހާރު މި ބާއްވާ ގޮތަށް ވަގުތުން އިންތިހާބު ބާއްވަން ލާޒިމެއް ނުވާނެ އެވެ. އެގޮތުން:

  • ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެކަން 14 ދުވަސް ތެރޭ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަންގަންވާނެ

  • މަގާމު ހުސްވުމުން ކޯރަމް ގެއްލޭ ހާލަތެއް މެދުވެރިވާ ނަމަ، އީސީއަށް އެކަން އަންގާތާ ދެ މަސް ދުވަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭ

  • ނަމަވެސް މަގާމު ހުސްވިއިރު، ކޮމިޓީގެ ފަސް އަހަރުގެ ދައުރުގެ އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އިންތިހާބު ބާއްވާކަށް ނުޖެހޭނެ

މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ: އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންތައް މަދުކުރަން ގާނޫނަށް އިސްލާހު ވަނީ ހުށަހަޅުއްވާފައި (ފޮޓޯ/ މަޖިލިސް)

ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލަށް

މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ މި އިންތިހާބު އިސީން ބާއްވަން ޖެހި ހަރަދު ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އެ ކޮމިޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލުން އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމަށް އީސީއިން ވެސް ތާއީދުކޮށްފައިވެ އެވެ.

މި މަހު23 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައްދަލުވުން: ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލުން ބޭއްވުމަށް އެލްޖީއޭއިން މި ކޮމިޓީއަށް ވަނީ ހުށަހަޅާފައި (ފޯޓޯ/ މަޖިލިސް)
މި މަހު 23 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީގެ މެންބަރުން: އެލްޖީއޭގެ ހުށަހެޅުމަށް އީސީން ވަނީ ތާއީދުކޮށްފައި (ފޮޓޯ/ މަޖިލިސް)

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގަރިރުކަން ވެސް ކުރައްވާ ރޮޒައިނާގެ އިސްލާހުގައި ވަނީ، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އަތޮޅު ކައުންސިލަށް ދީފަ އެވެ. އިސްލާހުގައި ބުނެފައިވަނީ، މިފަދަ ބައި-އިލެކްޝަންތަކާ ގުޅޭ ކަންކަން ކުރާނީ އީސީގެ އިރުޝާދުގެ ދަށުން، އެ ކޮމިޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. 

އަދި ލާމަރުކަޒީ ގާނޫނުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރެއަށް މިފަދަ ބައި-އިލެކްޝަން ބޭއްވުމުގެ ޒިންމާ ވަނީ ހިމަނައިފަ އެވެ. 

ފަސްމަންޒަރު - އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މި އަހަރުގެ މިހާތަނަށް އީސީން ވަނީ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން، އިންތިހާބުތައް ބާއްވަން އެ ކޮމިޝަނަށް ދީފައިވަނީ، 1.5 މިލިއަން ރުފިޔާ އެވެ. މިހާރު ވެސް ފަސް ބައި-އިލެކްޝަނެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. 

އީސީން މަޖިލީހުގައި ކުރިން ބުނެފައިވާ ގޮތުގައި:

  • އަންހެނުންގެ ކޮމިޓީތަކުން ކޮންމެ މަހަކު ހަތަރު ވަރަކަށް މެމްބަރުން އިސްތިއުފާދޭ 

  •  ކޮންމެ ފަހަރަކު ވެސް ބައި-އިލެކްޝަނަށް 150،000ރ. ހަރަދުކުރަން ޖެހޭ

  • އޭގެ ސަބަބުން އީސީއަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު އަހަރު ދެބައި ނުވަނީސް ހުސްވާން ވަނީ ކައިރިވެފައި

  • ފިނޭންސް މިނިސްޓްރީން ބަޖެޓް އިތުރުކުރަން ދެކޮޅު ހަދާ. މި ރޭޓުގައި ދާ ނަމަ، އޮގަސްޓް މަހު ބަޖެޓް އެއްކޮަށް ހުސްވެދާނެ

އެނގުން މުހިއްމު - ރޮޒައިނާގެ ބިލުގައި އިތުރު ބައެއް ކަންކަން ވެސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި:

  • އަތޮޅުގެ ކައުންސިލްގެ ރައީސްގެ ވާޖިބުތަކުގެ ތެރޭގައި ކައުންސިލްގެ ޖަލްސާތަކުގެ ރެކޯޑިންގެ އަޑު ނުވަތަ އަޑާއި ވީޑިއޯ އެ ކައުންސިލް ނިސްބަތްވާ އަތަޮޅެއްގެ ހުރިހާ ރަށު ކައުންސިލްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން

  • ރަށު ކައުސިލް ރައީސްގެ ޒިންމާތަކުގެ ތެރެއަށް، އަންހެނުންގެ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ކޮމިޓީން ނިންމާ ނިންމުންތައް ކޮމިޓީގެ ރައީސްގެ މަޝްވަރާއާ އެކު ތަންފީޒުކުރުން

  • އަންހެނުންގެ ކޮމިޓީގެ މަގްސަދުތައް އިތުރަށް ތަފްސީލުކޮށްދީފައިވޭ. އެގޮތުން، ރަށެއްގެ ނުވަތަ ސިޓީއަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ހާސިލުކުރުމަށް ކުރަން ޖެހޭ ކަންކަން ރާވައި، އިމްތިޒާމްކޮށް ހިންގުން. އަދި އެ ކޮމިޓީއެއް ނިސްބަތްވާ ކައުންސިލުގެ އެހީތެރިކަމާއެކު ހިންގަން ޖެހޭ ކަންކަން ރަށު ކައުންސިލްގެ ރައީސް ނުވަތަ ސިޓީ ކައުންސިލްގެ މޭޔަރަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުން

ކޮމެންޓް (1)

އިއްބެ

22 ޖޫން 2022
މުހިންމު ޗޭންޖެއް - އަވަސް ކުރައްވާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް