ނ. މަނަދޫގައި މިއަދު ބެއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

އެމްޑީޕީއަށް މަޖިލިސް ލިބުނީ ގާސިމް މަކަރު ހެއްދެވުމުން: ޔާމީން

ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީޕީއެމުން އެއްވެސް ދާއިރާއެއް ދޫނުކުރާނެ ކަމަށް ވިދާޅުވި
27 އޮކްޓޯބަރު 2022
3

ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން މަކަރު ހެއްދެވުމުން ކަމަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫގައި ވާހަކަފުޅު ދައްކަވަމުން ގާސިމްގެ އިތުރުން ކުރިން އެމަނިކުފާނުގެ ގާތް ބޭފުޅެއް ކަމަށްވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއަށް ވެސް ފާޑުވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ އެ އިންތިހާބުގައި ޕީޕީއެމުން ވާދަނުކޮށް އެ ދެ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލި ކަމަށެވެ.

"އޭގެ ހިތި އަޅުގަނޑުމެން ތަހައްމަލުކުރަމުން މިދަނީ. މިއަދު އެމްޑީޕީއަށް ލިބިގެން ތިއުޅޭ ބޮޑު މެޖޯރިޓީއަކީ ހަމަ ކަނޑައެޅިގެން ޖުމްހޫރީ ޕާޓީން، ގާސިމް އިބްރާހީމާއި އޭނާގެ އިސްކޮށް ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މަކަރު ހައްދަވައިގެން އަޅުގަނޑުމެންނާ އެކީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެގެން އެތައް ވާހަކައެއް ހައްދަވައިގެން އަޅުގަނޑުމެންނަށް ކަށަވަރުވެގެން އަޅުގަނޑުމެން ދާއިރާތަކެއް ދޫކޮށްލީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި ވާދަކުރާ ބައެއް ޕާޓީތަކާ އެކު ހަދާ ކޯލިޝަނެއްގެ ދަށުން ބައެއް ދާއިރާތަކަށް ވާދަނުކުރަން ޕީޕީއެމުން އެއްބަސްވުމުން އެ ދާއިރާތަކުގެ ރައްޔިތުން މިއަދު ގެންދަނީ ހިތާމަކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި ވެސް ޕީޕީއެމުން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށާއި، ގޮނޑި ދޫކޮށްލަން އެއްވެސް ޕާޓީއަކާ އެކު ދެން އެއްބަސް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނ. އާއި ދ. އަތޮޅުގެ ދާއިރާތަކަށް ވާދަނުކޮށް ދޫކޮށްލީ ދ. މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ ޕާޓީ، އެމްޑީއޭއާ އެކު ހެދި 'ވަރުގަދަ' އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެކަމަކު އެ ދާއިރާތައް އެމްޑީއޭއަށް ދިނުމުން، އެ ޕާޓީން މަސައްކަތްކުރީ ރައްޔިތުންގެ ހައްގުތައް ހިޔާޔަތްކުރުމުގެ ބަދަލުގައި ޕާޓީ ކުރިއަރުވަން ކަމަށް ވެސް ވިދާޅުވި އެވެ.

ނ. މަނަދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ސަޕޯޓަރުން ޕީޕީއެމް ކުލައިން ޒީނަތްތެރިވެގެން (ފޮޓޯ/ޕީޕީއެމް)

"އަޅުގަނޑު ކަށަވަރުކަން އަރުވަން އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި އެ ނޫން ގޮތެއް ނެތިގެން އެކި ފަރާތްތަކާ އެކީ އިއްތިހާދުވެ ކޯލިޝަން އެގްރީމެންޓް ހެދިކަމުގައި ވިޔަސް ދެން އިރާދަކުރެއްވިއްޔާ އެއްވެސް އަތޮޅެއް، އެއްވެސް ދާއިރާއެއް ހާއްސަކޮށް ނ. އަތޮޅެއް، ދ. އަތޮޅެއް އެއްވެސް ބަޔަކަށް ދުލެއް ނުކޮށްލާނަން. އެމްޑީއޭއަކަށް [ވެސް] ދުލެއް ނުކޮށްލާނަން،" ޔާމީން ވިދާޅުވި އެވެ.

ނ. މަނަދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ޔާމީން ވިދާޅުވީ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމުން ވެސް އޭގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ "ރައްޔިތުންގެ ހެޔޮ ވިސްނުމުން" ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގަ އެވެ.

ނަމަވެސް އެއީ ކޮން ދާއިރާތަކެއް ކަމެއް ވިދާޅެއްނުވެ އެވެ.

"ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑި ލިބުނީކީއެއް ނޫން. ޕީޕީއެމްއަށް އެ ދާއިރާތަކަށް މީހުން ނުދެއްކުނީ. އެހެންނަމަވެސް އަޅުގަނޑުމެން މަޖުބޫރީ ހާލަތުގައި ނޫނީ ގަން ޕޮއިންޓުގައި ތިބެގެން ކުރަން ޖެހުނު ކަމެއްގެ ނަތީޖާ ވެސް ރައްޔިތުން އެގޮތަށް ގަބޫލެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (3)

ޣަމުލަ

27 އޮކްޓޯބަރު 2022
ޖުމްހޫރީ ޕާޓީއަށް ގޮނޑި ނުލިބުނީ ޕީޕީއެމް މަކަރު ހެދީމަ
1 0

ގާއްޓެ

27 އޮކްޓޯބަރު 2022
ތެންކްސް ގާބެ!
0 0

ޔާންސް

27 އޮކްޓޯބަރު 2022
ޔާނު ވެސް ހާދަ ވާހަކަ ގިނަ އޭ ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް