ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ކުރީގެ އޭޖީންގެ ބަސް: ރާއްޖެއަށް ލިބެން އޮތް ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތްކޮށްފައެއް ނެތް

ދިޔާނާ އާއި އާޒިމާ ވިދާޅުވި ގޮތުގައި ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑުކުރުން ޖަސްޓިފައިވާ ހާލަތްތައްހުރި ނަމަވެސް ސަރުކާރުން އެކަމަށް މަސައްކަތް ކޮށްފައެއް ނުވޭ
26 އޮކްޓޯބަރު 2022

އައްޑޫގެ ދެކުނުގައި އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކުރަން ދިވެހި ސަރުކާރުން ނިންމި އިރު، ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ދެ ބަންޑާރަނައިބަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން- މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައި، މި ހަފްތާގައި ޖަރުމަނުގެ ހަމްބާގުގައި ބަހުސް ނިމުނު މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ، ކުރިން ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވައިފަ އެވެ.

އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނަސް، ބައެއް މީހުން ބުނަމުން އަންނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވީ ކިހިނެއް؟- ހޫނުވެފައިވާ އެ މައްސަލައާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކާއި ތަޖުރިބާކާރުންގެ ބަސް އިއްވަމުންދާ މި ދަނޑިވަޅުގައި، ކުރީގެ ދެ ބަންޑާރަނައިބުން ކަމުގައިވާ ފާތުމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝަކޫރު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ހަ ސޮފުހާގެ އެ ބަޔާނުގައި އެ ބޭފުޅުން ވަނީ، މި މައްސަލައިގައި ކަން ހިނގަމުންދާ ގޮތާއި ޓްރައިބިއުނަލްގައި ކުރި މަސައްކަތްތަކާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު

އެ ބަޔާނުގައި ބުނީ ފުށުއަރާ ކަމަށް ބުނާ ސަރަހައްދު ބެހުމާ ގުޅޭގޮތުން މޮރިޝަސްއިން އިޓްލޮސްގައި ދައުވާކޮށް، މިހާރު ހިނގަމުންދާ މައްސަލައަށް ބަލާއިރު ޗާގޮސް ރަށްތަކަށް، ނިސްބަތްވާ ކަމަށް ބުނާ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ޗާގޮސް ރަށްތަކުގެ ފަރާތުން ރޮނގު ބޭރަށް ދަމާނީ ކޮން އައްސޭރިއެއްގައި ފާހަގަ ކުރާ ބޭސް ޕޮއިންޓުތަކަކުންތޯ ފަރަގު އުފެދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން:

  • އެ ބޭސް ޕޮއިންޓުތައް ފާހަގަ ކުރާނީ ބްލެންހައިމް ފަރުގައި ކަމަށް މޮރިޝަސްއިން ބުނާއިރު އެކަމަށް ރާއްޖެއިން އިންކާރު ކުރޭ

  • ރާއްޖެއިން ބުނާގޮތުން އެ ބޭސް ޕޮއިންޓުތައް ހުންނަން ވާނީ ބްލެންހައިމް ފަރަށް ވުރެ ޗާގޯސްގެ ރަށްތަކާ ދިމާއަށް އެތެރެވަރިއަށް 

  • ޕެރޯސް ބަންހޯސްއޭ ކިޔުނު އަތޮޅާއި ސެލޮމަން އައިލެންޑްސްއޭ ކިޔުނު އަތޮޅުގައި ފާހަގަކުރާ ޖުމްލަ 18 ތަނެއްގައިި 

"ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވަނީ އަދި އެކަމުގެ މައްޗަށް އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތީ ރާއްޖެއިން ހުށަހެޅި މި ދެންނެވި ބޭސް ޕޮއިންޓުން ޗާގޯސް ރަށްތަކުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމަށް ބުނާ ސަރަހައްދު ދަމާލުމުން ރާއްޖެއިން ކްލެއިމް ކުރާ ސަރަހައްދާ ދެމެދު ފުށުއަރާ ބައި ބެހުމަށް ރާއްޖެއިން ހުށަހަޅާ ގޮތާމެދު،" ބަންޑާރަ ނައިބުންގެ އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ގޮތުން އެ ބަޔާނުގައި ބުނީ، ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް ހުށަހަޅައި އެއްބަސްވަނީ މިހާތަނަށް ދައުލަތުން އެކަމަށް އިއުތިރާޒު ކުރަމުން އައި ސްފައިވާ 'އެކިއުޑިސްޓަންސް'ގެ އުސޫލުން ހަމަހަމައަށްކަން، ރާއްޖެއިން ޓްރައިބިއުނަލަށް ހުށަހެޅި 'ކައުންޓާ މެމޯރިއަލް'ގެ ބައެއް ނުކުތާތަކުން ސާފުވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ބަންޑާރަނައިބެއްގެ ގޮތުގައި ހުންނެވި ދިޔާނާ އާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމުގައި ހުންނެވި އާޒިމާ ވިދާޅުވި ގޮތުގައި ފުށުއަރާ ސަރަހައްދު ބައިކުރުމަށް މިހާރު ބޭނުން ކުރާ މެތޮޑޮލޮޖީ ތިން މަރުހަލާއަކަށް ބެހެ އެވެ. އެއީ:

  • 1-

    ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ވަގުތީ ރޮނގެއް ދެމުން 

  • 2-

    ހާލަތްތަކަށް ރިއާޔަތްކޮށް، އެ ވަގުތީ ރޮނގަށް ގެންނަން ޖެހޭ ބަދަލު އޮތްތޯ ބެލުން

  • 3-

    އެ ދަމާލެވޭ ރޮނގުން، ކަނޑައެޅޭ ވަކި ހަމަތަކެއްގެ މައްޗަށް ބިނާކޮށް ބަލާއިރު ބޭއިންސާފު ނަތީޖާއެއް ނުކުމޭތޯ ބެލުން

ކަން މިހެން ހުރި ނަމަވެސް، ބަޔާނުގައި ބުނިގޮތުގައި ބައިކުރުމުގެ ފުރަތަމަ މަރުހަލާގައި ފުށުއަރާ ފުރަތަމަ ސަރަަހައްދުގެ މެދުން ދަމާލެވޭ ވަގުތީ ރޮނގު ބޭރަށް ޖައްސައި، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ލިބެން ޖެހޭ ކަމަށް ފެށުނީއްސުރެ ދައުލަތުން ދެކެމުން އައީ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދުމަށް ދެ ވަނަ އަދި ތިން ވަނަ މަރުހަލާގައި ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ދިޔާނާ ސައީދު (ވ) ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި

އަދި ދައުލަތުން ޒަމާނުއްސުރެ ވަކާލާތު ކުރަމުން އަންނަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު އެކުގައި ފަހަރެއްގައި ލިބެން ނޯވެދާނެ ހާލަތުގައި ވެސް، އެ ސަރަހައްދު، މެދު ރޮނގަށް ވުރެ ބޭރަށް ޖައްސައި، ވީހާވެސް ބޮޑު ސަރަހައްދެއް ހޯދުމަށް މަސައްކަތް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްވީ ނަމަވެސް އެ މަސައްކަތް ސަރުކާރުން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިޓްލޮސް އިން ނިންމީ، މޮރިޝަސްގެ އަޅުވެތިކަން މުޅިން ނިމުމަކަށް ނައި ނަމަވެސް، ޗާގޯސް ކައިރިން އީއީޒެޑްގެ އިން ކަނޑައެޅުމުގެ މައްސަލައެއްގައި ބަލަން ޖެހޭ ގައުމަކީ މޮރިޝަސް ކަމަށް ބެލޭނެ ކަމަށާއި އެހެންކަމުން ރާއްޖެއާ ޖެހިގެން އެ އޮތް އައްސޭރިފަށަކީ މޮރިޝަސް ކަމަށެވެ.

ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑުކުރުން ޖަސްޓިފައިވާ ހާލަތްތައްހުރި ނަމަވެސް އެ ހާލަތްތައް ސަރުކާރުގެ ހުށަހެޅުންތަކުގައި ވެސް ބަޔާންކޮށް، އެ މަގުން މަސައްކަތްކޮށްފައި ނެތުމުން އެކަމުގެ ގާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސްއަށް ދޫދީ، ދީލާލުމަށް ވެގެން ދިޔުންކަމަށް ފެންނަ ކަމަށް ބަޔާނުގައި ބުންޏެވެ.

"އެހެން ކަމުން މިއީ ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއް ކަމަށް ފެންނާތީ މިކަމުގައި އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަ ކުރަމެވެ." ބަޔާނުގައި، ބަންޑާރަ ނައިބުން ވިދާޅުވެފައިވެ އެވެ.

އެ މަސައްކަތުގެ ތެރެއިން ސަރުކާރަށް ކަނޑުގެ އެ ސަރަހައްދު ދިފާއު ކުރެވިދާނެ ސަބަބުތައް ވެސް އެ ބޭފުޅުން ވިދާޅުވެދެއްވި އެވެ. އެގޮތުން:

  • ރާއްޖެއަކީ ޗާގޯސްގެ ރަށްތަކާ ހިލާފަށް މީހުން ދިރިއުޅޭ، އަދި ކަނޑުގެ ސަރަހައްދަކީ އާމްދަނީ ހޯދުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ތަނަކަށްވުން

  • އަނެއް ކޮޅަށް ބަލާއިރު، އޮތީ މީހުން ދިރިނޫޅޭ، އަދި އެތަނުގެ ބައެެއް، ދިގުމުއްދަތަކަށް އަސްކަރީ ބޭނުމަށް އެކަނި ބޭޏުންކޮށްފައިވާ ތަނަކަށްވާއިރު 'އެކުއިޑިސްޓަންސް'ގެ އުސޫލުން ހަމަހަމައަށް އެ ސަރަހައްދު ބެހުމަކީ، ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބުނާ އަދުލުވެރި ހައްލު ލިބިގެންދާގޮތް ކަމަށް ބެލެވެން ނެތުން

  • އެގޮތަށް ބަލައިގެން ވިޔަސް، ރާއްޖެއަށް ލިބެންވާ، އިގްތިސޯދީ ސަރަހައްދު އެންމެ ބޮޑުމިނަކަށް ކްލެއިމްކޮށް، ދިފާއު ކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކަމެއްކަން ފާހަގަ ކުރަން

ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްތިޝާރީ ލަފާ ދިން ހިސާބުން އެ ރަށްތަކުގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިފައިވާ ކަމަށް، އެ މައްސަލައިގައި ރާއްޖެ ތަމްސީލްކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ބަންޑާރަނައިބުންގެ ބަޔާނުގައި ވިދާޅުވީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއާ އެއްކޮޅަށް، އައިސީޖޭއިން ދިން އިސްތިޝާރީ ލަފައަކީ ގާނޫނީ ބުރަދަނެއްގެ މައްޗަށް އޮތް ލަފައަކަށް ވީ ނަމަވެސް، އެއީ ގާނޫނީގޮތުން އޭގެ މައްޗަށް އެއްވެސް ފަރާތަކުން ބަނދެވޭ ނިންމުމެއް ނޫންކަމަށެވެ.

އެހެންވެ، ރާއްޖެއާއި ޗާގޯސް ރަށްތަކާ މެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ދައުވާއެއް ހުށަހަޅާ، އެ ދައުވާ ހިނގަމުންދާ ދުވަސްވަރެއްގައި، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، މިކަމުގައި ރާއްޖޭން ނަގަމުން އައި ސްޓޭންޑަށް ބަދަލު ގެނެސް، މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް އޮތްކަން ގަބޫލުކުރުމަކީ ހަމަޖެހޭ ކަމަކަށް ނުފެންނަ ކަމަށް، ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް