އެމްޖޭއޭގެ ކޮންގްރެސްގައި ނޫސްވެރިން ބައިވެރިވަނީ: ފެކްޓްޗެކިންއާ ގުޅޭ ވޯކްޝޮޕެއް ބާއްވަން ވަނީ ނިންމާފައި (ފޮޓޯ/ޝާބިން)
ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަނީ
ސައްހަ ނޫން މައުލޫމާތު ދެނެގަނެ، އެފަދަ މައުލޫމާތު އާންމުުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ފެކްޓްޗެކް ކުރާނޭ ގޮތާ ގުޅޭ ވޯކްޝޮޕެއް އިންޓަނިއުސް އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން ކުރިއަށް ގެންދަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެނގުން މުހިންމު - އެމްޖޭއޭއިން މިއަދު އިއުލާންކުރި ގޮތުގައި އިންޓަނިއުސްއިން އެމްޖޭއޭއާ ގުޅިގެން ބާއްވާ މިސް އިންފޮމޭޝަން/ޑިސްއިންފޮމޭޝަން އަދި ފެކްޓްޗެކިން ވޯކްޝޮޕަކީ ޔޫރަޕިއަން ކޮމިޝަނުން ފަންޑުކޮށްގެން އިންޓަނިއުސް އާއި އެމްޖޭއޭ އަދި އައިއެފްޖޭ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ "ސްޓްރޯންގާ މީޑިއާ ތްރޫ އެންހޭންސްޑް ފްރީޑޮމް އޮފް އެކްސްޕްރެޝަން އެންޑް، ރައިޓް ޓް އިންފޮމޭޝަން" (ޕީއީއެފްއެމް) ޕްރޮޖެކްޓްގެ ދަށުން ހިންގާ ވޯކްޝޮޕެކެވެ.
ތަފްސީލް - މިސް އިންފޮމޭޝަން/ޑިސްއިންފޮމޭޝަން އަދި ފެކްޓްޗެކިން ވޯކްޝޮޕްގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ޖެހެނީ:
-
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް
-
އެމްޖޭއޭއިން ބުނީ މި ވޯކްޝޮޕްގައި ކިޔައިދޭނީ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާ ސައްހަ ނޫން މައުލޫމާތު ދެނެގަންނާނެ ގޮތްތަކާއި އެފަދަ މައުލޫމާތު އާންމުންގެ ސަމާލުކަމަށް ގެންނަން ފެކްޓްޗެކް ކުރާނޭ ގޮތާ ގުޅޭ ގޮތުން
-
ރާއްޖޭގައި ފެކްޓްޗެކިންގެ ކޯސްތައް ހިންގާނޭ ޓްރޭނަރުން މި ވޯކްޝޮޕްގެ ތެރެއިން ތަމްރީން ކުރާނެ
-
މި ވޯކްޝޮޕްގައި 10 ފަރާތަކަށް ފުރުސަތު ދޭނޭ. ބޮޑަށް އިސްކަން ދޭނީ ނޫސްވެރިންނަށް
އެނގުން މުހިންމު - އެމްޖޭއޭއިން ބުނީ މިއީ އޮންލައިންކޮށް ކުރިއަށް ގެންދާ 5 ދުވަހުގެ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގައި ކިޔަވައިދޭނީ މި ސަރަހައްދުގެ ފެކްޓްޗެކިންނާ ގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުން ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
ބުނީ ކީކޭ؟ - އެމްޖޭއޭއިން ބުނީ މި ވޯކްޝޮޕަކީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރަން ނޫސްވެރިންގެ ގާބިލްކަން އިތުރު ކުރުމަށް މުހިންމު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގައި ފެކްޓްޗެކިންގެ ދާއިރާ ފުޅާކުރަން ބާރަކަށްވާނޭ ކަމަށް ވެސް ބުންޏެވެ.
"މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުން އާންމުވެފައިވާ ދުވަސްވަރެއްގައި ރާއްޖެއަށް އަދި ނޫސްވެރިންނަށް މުހިިންމު ވޯކްޝޮޕެއް. އަދި އީޔޫގެ ފަންޑިންގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ފެކްޓްޗެކިންގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި ނޫސްވެރިންގެ ގާބިލްކަން އިތުރުކުރަން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް،" އެމްޖޭއޭއިން ބުންޏެވެ.
ފެކްޓްޗެކިން ޔުނިޓެއް އުފައްދަން އެހީ ދެނީ
އެމްޖޭއޭއިން ބުނީ ޔޫރަޕިއަން ކޮމިޝަންގެ ފަންޑިންގައި ކުރިއަށް ގެންދާ ޕީއީއެފްއެމް ޕްރޮގްރާމްގެ ދަށުން ވޯކްޝޮޕް ބޭއްވުމުގެ އިތުރަށް ރާއްޖޭގެ މީޑިއާތަކުގެ ނިއުސް ރޫމްތަކުގައި ފެކްޓްޗެކިންއާ ގުޅޭ ފަންނީ ގާބިލްކަން އިތުރުކުރުމަށް ޓްރޭނިންތަކާއި ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެގޮތުން ނިއުސްރޫމެއްގައި ފެކްޓްޗެކިން އިންކުއުބޭޓާއެއް އުފެއްދުމަށް ފަންނީ އެހީ އަދި މާލީ އެހީދިނުމަށް ރޭވިފައިވާ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.