އުދައިން ރައްކާތެރިވުމަށް، ސަލްމާން މިސްކިތު ފުރަގަހާއި އިން ވެގެން، މާލޭ ސިޓީ ކައުންސިލުން އެޅި ފާރު (ފޮޓޯ/މޭޔަރު މުއިއްޒު)

އުދައިން ރައްކާތެރިވުމަށް ފާރެއް؛ ރައްކާތެރިކަން ލިބުނު

އިއްޔެ މާލެއަށް ވަރަށް ބޮޑަށް އުދަ އެރި އިރު، ސަލްމާން މިސްކިތް ހުރި ދިމާލުން އުދަ އަރައި ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ
6 ނޮވެމްބަރު 2022

މީގެ ކުރިން ވަރަށް ބޮޑަށް އުދައިގެ ރާޅު އަރާ ހެންވޭރު ހިތްފަސޭހަ މައިދާނާ ދިމާލުގައި ފާރެއް ރޭނުމުން، މީގެ ދެ ދުވަސް ކުރިން މާލެއަށް އެރި އުދައިން އެ ސަރަހައްދަށް ބޮޑު ރައްކާތެރިކަމެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟- މާލެއަށް އުދަ އަރާ ދުވަސްވަރެއްގައި، މިހާރު ސަލްމާން މިސްކިތް ހުރި ދިމާލުން ވަރަށް ބޮޑަށް ރާޅު އަރައި ލޮނުގަނޑު ބޮޑުތަކުރުފާނު މަގާ ހަމައަށް ފޯރަ އެވެ. އެ ސަރަހައްދުގައި، ރާއްޖޭގެ އެންމެ އަގުބޮޑު މިސްކިތް ބިނާކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެންމެ ބޮޑު ފާޑުކިޔުމެއް ވެސް އަމާޒުވީ، އުދަ އަރާ ސަރަހައްދެއްގައި އެ ތަން އަޅާތީ އެވެ.

ނުފެނޭ ދެއްތޯ އެއްވެސް ގެއްލުމެއް ސަލްމާން މިސްކިތަށް ނޫނީ ޕާކިން ޒޯނަށް ލިބިފައި ހުއްޓައެއް. އެއީ ފާރު ރޭނުމުގެ ސަބަބުން ލިބުނު ރައްކާތެރިކަމެއް.

އާދަމް ރަމީޒު / ކައުންސިލް މެމްބަރު

އެކަމަކު އިއްޔެ ހެނދުނު މާލެއަށް ވަރަށް ބޮޑަށް އުދަ އެރި އިރު، ލޮނުގަނޑު މިސްކިތާ ހަމައަށް ވެސް ނުފޯރަ އެވެ. އޭގެ ސަބަބެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނީ، ރާޅުތަކުން ރައްކާތެރިވުމަށް އެ ކައުންސިލުން މޫދާ އިންވެގެން އެޅި ފާރެވެ. މީގެ ތިން ވަރަކަށް ހަފުތާ ކުރިން ނިންމި އެ ފާރު، ސަލްމާން މިސްކިތު ފުރަގަހުން، އެ ސަރަހައްދުގެ ޕާކިން ޒޯނާ އެކު ނިވާވާނެހެން ވަނީ ރާނާފަ އެވެ.

"ނުފެނޭ ދެއްތޯ އެއްވެސް ގެއްލުމެއް ސަލްމާން މިސްކިތަށް ނޫނީ ޕާކިން ޒޯނަށް ލިބިފަ ހުއްޓައެއް. އެއީ ފާރު ރޭނުމުގެ ސަބަބުން ލިބުނު ރައްކާތެރިކަމެއް،" ކައުންސިލުގެ މެދުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އާދަމް ރަމީޒު ވިދާޅުވި އެވެ.

"އެހެން ނޫނީ އުދަ އަރާ އިރު، އެ ތަނަށް ބިންދާލާ ރާޅުގެ ލޮނުގަނޑު ދާނެ މަގުމައްޗާ ހަމައަށް."

އުދައިން ރައްކާތެރިވުމަށް، ސަލްމާން މިސްކިތު ފުރަގަހާއި އިން ވެގެން، މާލޭ ސިޓީ ކައުންސިލުން ރޭނި ފާރު. (ފޮޓޯ/މޭޔަރު މުއިއްޒު)

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި:

  • މޫދު ތޮށިގަނޑާއި ފާރާ ދެމެދު 20 ވަރަކަށް ފޫޓުގެ ދުރުމިން ހުންނާނެ

  • ފާރުގެ އުސް މިނުގައި 3 ވަރަކަށް ފޫޓު ހުރޭ

  •  ތޮށިގަނޑުމައްޗަށް ބިންދާލާ ރާޅުގެ ލޮނުގަނޑު، ފާރާ ހެދި މަތަވޭ

ކައުންސިލުން ބުނި ގޮތުގައި، އެ ފާރު ރޭނީ ވެސް އުދައިން މާލެ ރައްކާތެރިކުރުމުގެ ބޭނުމުގަ އެވެ.

އުދައިން ރައްކާތެރިވުމަށް، ސަލްމާން މިސްކިތު ފުރަގަހާއި އިން ވެގެން، މާލޭ ސިޓީ ކައުންސިލުން އެޅި ފާރު. (ފޮޓޯ/މޭޔަރު މުއިއްޒު)

އިއްޔެ މާލެއަށް އެރި އުދައިގައި، ކާނިވާ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ރާޅުގެ އަސަރުކޮށްފަ އެވެ. އެގޮތުން، އެ ތަނުގައި ހުންނަ ޑޮލްފިން ކެފޭއަށް ގެއްލުންތައް ލިބި، އެ ތަނުގެ ތިރީ ބައި އިއްޔެ ބޭނުމެއް ނުކުރެވެ އެވެ.

ރަމީޒު ވިދާޅުވީ ކާނިވާ ސަރަހައްދަށް އުދަ އެރުން ކުޑަކުރުމަށް އެ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަޝްރޫއެއް މިދިޔަ ސަރުކާރުން ފެށި ކަމަށެވެ. އެކަމަކު އެ މަޝްރޫއު، ފައިސާ ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓާލާފައި ވާކަން، މީގެ ދެތިން ހަފުތާ ކުރިން ސަރުކާރުން ކައުންސިލަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަމީޒު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ، އިއްޔެ ލިބުނު ވަރުގެ ގެއްލުމެއް އެ ސަރަހައްދަކަށް ނުލިބުނީހެވެ.

އުދަ އަރާނެ ކަމުގެ އިންޒާރު

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވެސް ވަނީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް، ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން:

  • ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ

  • ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:15 އިން މެންދުރު 2އާ ހަމައަށް

  • ރާޅުގެ އުސްމިން އަރާނީ 2-5 ފޫޓަށް ކަމަށް ބުނި

  • މެދު ރާއްޖެތެރެ އާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް