މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާ. (ފޮޓޯ/އެމްއެމްސީ)
ޖިންސީ ފުރައްސާރައިގެ މައްސަލައިގައި 'މެމްބަރުންނަށް ނޭނގި' ބަޔާން ނެރުނު މައްސަލަ ބޮޑުވެއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު މުހައްމަދު ޝާފިއު 'ވަގުތު' ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ސަސްޕެންޑްކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނައިކަން އިއުލާނުކޮށް އެމްއެމްސީން އިއްޔެ ބަޔާން ނެރެފައިވަނީ އެ ކައުންސިލުގެ މެމްބަރުންނަށް ނާންގައި އިޖުރާއަތްތަކާ ހިލާފަށް ކަމަށް އެމްއެމްސީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ޝާފިއު ފޯނުން 'ވަގުތު' ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައި 'ވަގުތު' ނޫހުން އެކަމާ ގުޅިގެން ބަޔާން ނެރެފައިވަނީ މިދިޔަ މަހުގެ 23ގަ އެވެ.
-
އިތުރަށް ކިޔާލަން - އެމްއެމްސީގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރިިކަމުގެ ތުހުމަތު
އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ބެލުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކައުންސިލުގެ މަސްއޫލިއްޔަތުތަކުން ޝާފިއު އެކަހެރިކޮށް، ސަސްޕެންޑުކޮށްފައި ހުރުމަށް ފަހު، އެމްއެމްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ:
-
ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއިރު އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ނިންމައި ފައިލް ކޮށްފައިވާ ކަމަށް
-
އެހެންވެ ޝާފިއުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް
ވީ ކިިހިނެއް؟ - އިއްޔެ މެންދުރުފަހު އެމްއެމްސީން އެ ބަޔާން ނެރުމާ އެކު އެމްއެމްސީގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ ހިމެނޭ ގޮތަށް އެ ބަޔާނާ ދެކޮޅަށް އެ ކައުންސިލުގެ ބައެއް މެމްބަރުން ވާހަކަދައްކަވާފައިވެ އެވެ. އެގޮތުން، އެ މެމްބަރުން ވިދާޅުވާ ގޮތުގައި:
-
ބަޔާން ނެރެފައި ވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް؛ ވަކި ކޮމިޓީއެއް ނަގައިގެން ޝާފިއުގެ މައްސަލަ ބަލަން ކައުންސިލުގެ ޖަލްސާއަކުން ނިންމާފައި ވާއިރު، އެކަން ކޮށްފައެއް ނުވޭ
-
ބަޔާން ނެރުނުއިރު ފުލުހުންގެ ނިންމުމާ ބެހޭ ގޮތުން ކައުންސިލުގެ ޖަލްސާއެއް ބާއްވާފައެއް ނުވޭ
-
އާންމު އުސޫލަކީ އެމްއެމްސީގެ ހުރިހާ މެމްބަރުންނަށް ބަޔާން ފޮނުވައި އެންމެންގެ ފީޑްބެކް ހޯދުމަށް ފަހު ބަޔާން ނެރުން؛ ނަމަވެސް ބައެއް މެމްބަރުންނަށް ބަޔާން ފެނިފައިވަނީ އެމްއެމްސީން އެ ބަޔާން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުން
ބުނީ ކީކޭ؟ - "މިއީ ވަރަށް ހަޑި ހުތުރު ލަދުވެތި ބަޔާނެއް. މި ބަޔާނާ ދެކޮޅު. ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ،" އެމްއެމްސީގެ މީޑިއާ ގްރޫޕުގައި ޝަހުބާން މެސެޖު ކުރައްވާފައިވެ އެވެ.
"މި ބަޔާނަކީ ބަޔާން ނެރުމުގެ ކުރިން ކައުންސިލުގެ ހުރިހާ މެމްބަރުންނާ ހިއްސާކުރި ބަޔާނެއް ނޫން."
އެމްއެމްސީގައި މިވަގުތު ހުންނެވި ހަމައެކަނި އަންހެން މެމްބަރު މަރިޔަމް އަހުމަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އޭނާ ހިމެނޭ ގޮތަށް އެމްއެމްސީގެ ފަސް މެމްބަރުން ވަނީ ޝާފިއުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ކައުންސިލުން އަމަލުކުރި ގޮތާއި މެދު ހިތްހަމަނުޖެހި، އެ މައްސަލާގައި ބޭއްވި ފުރަތަމަ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
އެ ޖަލްސާގައި ފުރަތަމަ ނިންމާފައިވަނީ ޝާފިއު ސަސްޕެންޑް ނުކުރަން؛ ޝާފިއު ސަސްޕެންޑުކުރާ ގޮތަށް ނިންމުން ބަދަލުކޮށްފައި ވަނީ ފަސް މެމްބަރުން އެކަމާ ނުރުހުން ފާޅުކުރައްވައި ޖަލްސާ ދޫކުރައްވައި ވަޑައިގަތުމުން
-
ވަކި ކޮމިޓީއެއް އެކުލަވާލައިގެން އެ މައްސަލަ ތަހުގީގުކުރަން އެ ޖަލްސާގައި ނިންމާފައިވޭ؛ އޭގެ ފަހުން މިހާތަނަށް ދެ ޖަލްސާ ބާއްވާފައި ވާއިރު، އެ ކޮމިޓީގެ މަސައްކަތާ ބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ
-
ކޮމިޓީއެއް އެކުލަވާލި ކަމެއް، ކޮމިޓީގައި ތިބީ ކޮން މެމްބަރުންނެއް ކަމެއް އަންގާފައެއް ނުވޭ؛ ކޮމިޓީ ރިޕޯޓެއް ވެސް އެއްވެސް މެމްބަރަކަށް މިހާތަނަކަށް ނުފެނޭ
-
ތުހުމަތުތައް ކުރެވުނު އިރު ޝާފިއު މީޑިއާ ކައުންސިލުގެ އިނާމު ކޮމިޓީގެ މުގައްރިރަކަށް ހުންނެވުމުން އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރަން ބައެއް މެމްބަރުން އެދިވަޑައިގަތް
-
އެކަމާ ގުޅިގެން ވެސް އެއްވެސް ކުރިއެރުމެއް ނުލިބުނު؛ މި މަހުގެ 12ގައި އިނާމު ދޭން ކަނޑައަޅާފައި އޮއްވައި އޭނާގެ ސަސްޕެންޝަން އުވާލާފައި ވާތީ މަރިޔަމް ކަންބޮޑުވުން ފާޅުކުރެއްވި
"[އެމްއެމްސީގައި] އަޅުގަނޑުމެން [ފަސް މެމްބަރުން] ފިޔަވާ އެކަމާ ސުވާލު ކޮށްލާނެ އެއްވެސް މެމްބަރަކު ވެސް ނެތް. ރައީސްއާ ސުވާލުކުރާ މެމްބަރަކު ވެސް ނެތް، ސުވާލު އުފައްދާނެ މެމްބަރަކު ވެސް ނެތް،" މަރިޔަމް ވިދާޅުވި އެވެ.
"އެހެންވީމަ އެއީ ފުރައްސާރައާ އެއްކޮޅަށް ތިބި މެމްބަރުންކަމުގައި އަޅުގަނޑަށް ސިފަވެގެން ދިޔައީ."
އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަން މިވަގުތު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި ހުންނެވުމުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެނގުން މުހިއްމު - އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަން ނުދޭ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. ނޫސްވެރިކަމުގެ ދާއިރާގައި ވެސް މިފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކުން އެކަން ރިޕޯޓުކުރުމުން ފުރިހަމަ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ކަންބޮޑުވުން އަންހެން ނޫސްވެރިން މީގެ ކުރިން ވެސް ފާޅުކޮށްފައިވެ އެވެ.
ކޮމެންޓް (1)
އަހްމަދު