ފުރައްސާކުރިކަމުގެ ތުހުމަތު ކުރެވޭ އެމްއެމްސީގެ މެމްބަރު މުހައްމަދު ޝާފިއު. (ފޮޓޯ/އެމްއެމްސީ)
އެމްއެމްސީގެ މެމްބަރަކު އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރިިކަމުގެ ތުހުމަތު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރަކު 'ވަގުތު' ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު މިއަދު ކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައާ ގުޅިގެން މިއަދު 'ވަގުތު' ނޫހުން ނެރުނު ބަޔާނެއްގައި ވަނީ، އެ ނޫހުގެ ނޫސްވެރިއަކަށް، އެމްއެމްސީގެ މެމްބަރު މުހައްމަދު ޝާފިއު ތަކުރާރުކޮށް ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ އެ ނޫހުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.
ތަފްސީލް - އެ ބަޔާނުގައި ބުނެފައިވަނީ، އެ ނޫސްވެރިޔާއަށް ޝާފިއު ތަކުރާރުކޮށް މެސެޖުކޮށް، އެ ނޫސްވެރިޔާގެ ޒާތީ މައުލޫމާތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ޝާފިއު އޭނާއަށް މެސެޖުކުރަން ފެށީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމްއެމްސީން އިންތިޒާމްކޮށްގެން އިންޑިއާގެ ދިއްލީއަށް ކުރި ދަތުރަކަށް ފަހު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ދަތުރުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ޝާފިއު ވެސް ހިމެނެ އެވެ.
"ޖިންސީ ފުރައްސާ އާއި ގޯނާ ކުރުން މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި (ށ)އަށް ބަލާއިރު މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއުގެ އަމަލުތަކަކީ ޖިންސީ ފުރައްސާކުރުމުގެ އަމަލެކެވެ،"އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ފާހަގަކޮށް 'ވަގުތު' ނޫހުން ގޮވާލީ:
-
ޝާފިއު މަގާމުން އިސްތިއުފާ ދެއްވުމަށް
-
އިސްތިއުފާ ނުދެއްވާ ނަމަ، އެމްއެމްސީން އޭނާ މެމްބަރުކަމުން ވަކިކުރުމަށް
ބުނީ ކީކޭ؟ - ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވޭ ޝާފިއު މިއަދު 'ދައުރު'އަށް ވިދާޅުވީ އެފަދަ ވާހަކައެއް އެ ނޫސްވެރިޔާއާ އޭނާ ދައްކާފައި ނުވާނެ ކަމަށާއި މިކަމުގައި ގާނޫނީ ލަފާ ހޯދަމުންދާ ކަމަށެވެ.
"ކުރަންވީ ކޮމެންޓެއްވެސް ނޭނގެ. ވަގުތު މީހުންނަށް އޭތި [ދެއްކި ވާހަކަތަކުގެ ސްކްރީން ޝޮޓް] ލިބުނު ގޮތެއް ނޭނގެ. އެއީ އަމިއްލަ ދެ މީހުންގެ ދޭތެރޭ ދެކެވިފައި ހުރި ވާހަކައަކާ ގުޅިގެން ކަމެއް، އެ އެއް ވެސް ނެތް،" ޝާފިއު ވިދާޅުވި އެވެ.
ނޫސްވެރިޔާއަށް ޖިންސީ ފުރައްސާރަކުރިތޯ އާއި ދައްކަން ނުޖެހޭ ވާހަކައެއް ދެއްކެވިންތޯ ސުވާލު ކުރުމުން، ޝާފިއު ސުވާލު އުފެއްދެވީ، ދައްކަން ނުޖެހޭ ވާހަކަ ނިންމާނީ ކިހިނެއްތޯއާ މެދު އެވެ.
"މިސާލަކަށް ކޮން ރަށެއްތޯ، ފިރިމީހާ ކޮން ތަނެއްގައިތޯ އުޅެނީ. އެކަހަލަ ވާހަކަ އެއީ ދައްކަން ނުޖެހޭ ވާހަކަ ނަމަ، އެކަހަލަ ވާހަކަ އެބަހުރި ދެކެވިފައި،" އޭނާ ވިދާޅުވި އެވެ.
'ވަގުތު' ނޫހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަނީތޯ ސުވާލު ކުރުމުން ޝާފިއު ވިދާޅުވީ، ޖިންސީ ފުރައްސާރަކުރުން "ގާނޫނުގައި އޮންނަނީ ވަރަށް ފުޅާކޮށް، އެ ބޭފުޅުން ގާނޫނު މާނަކުރައްވާ ގޮތާއި އަޅުގަނޑު މާނަ ކުރައްވާ ގޮތް ތަފާތުވެދާނެ" ކަމަށެވެ.
"އެކަމަކު އަޅުގަނޑު ހިތެއް ނުބުނޭ އެކަހަލަ [ޖިންސީ ފުރައްސާރައިގެ] ވާހަކައެއް ދެއްކިފައި ހުންނާނެއޭ،" 'ވަގުތު' ނޫހުގެ އެ ތުހުމަތުތައް ދޮގުކުރައްވައި ޝާފިއު ވިދާޅުވި އެވެ.
އެމްއެމްސީގެ ބަސް - އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު 'ދައުރު'އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހެޅިކަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީކަން އޭނާ ދެއްވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާއި ސުވާލުކުރުމުން އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.