ޖިންސީ ފުރައްސާކުރިކަމުގެ ތުހުމަތު ކުރެވުނު އެމްއެމްސީގެ މެމްބަރު މުހައްމަދު ޝާފިއު (ފޮޓޯ/އެމްއެމްސީ)
'ޖިންސީ ފުރައްސާރަކުރި ކަމުގެ ހެއްކެއް ނެތް'؛ އެމްއެމްސީން ޝާފިއުގެ ސަސްޕެންޝަން އުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު މުހައްމަދު ޝާފިއު 'ވަގުތު' ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމްއެމްސީން މިއަދު ބުނެފި އެވެ.
އެމްއެންސީން ބުނި ގޮތުގައި އެނާގެ ސަސްޕެންޝަން ނިންމާލާފައިވަނީ ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ނިންމައި ފައިލުކޮށްފައިވާތީ އެވެ.
މައްސަލައިގެ ފެށުން - ޝާފިއު ފޯނުން އެ ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައި 'ވަގުތު' ނޫހުން އެކަމާ ގުޅިގެން ބަޔާން ނެރެފައިވަނީ މިދިޔަ މަހުގެ 23ގަ އެވެ.
އެ މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ބެލުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެމްއެމްސީން ވަނީ އެ ކައުންސިލުގެ މަސްއޫލިއްޔަތުތަކުން ޝާފިއު އެކަހެރިކޮށް، ސަސްޕެންޑުކޮށްފަ އެވެޒ
އިތުރަށް ކިޔާލަން: އެމްއެމްސީގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރިިކަމުގެ ތުހުމަތު
ބުނީ ކީކޭ؟ - ޝާފިއުގެ ސަސްޕެންޝަން ނިންމާލާފައިވާކަން އިއުލާނުކޮށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ:
-
އެ މައްސަލައާ ގުޅިގެން 'ވަގުތު' ނޫހުން ބަޔާން ނެރެ، ހަބަރު ޝާއިއުކޮށްފައިވަނީ އެމްއެމްސީ އާއި އެ ކައުންސިލުގެ މެމްބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް؛ އެކަން އެމްއެމްސީން "ހަރުކަށި އިބާރާތުން" ކުށްވެރިކުރި
-
'ވަގުތު' ނޫހުން ޝާއިއުކޮށްފައިވާ ހަބަރުތަކަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު ހަބަރުތަކެއް
"މީގެ އިތުރުން، ވަގުތު ނޫހުގެ ހަބަރާ ގުޅިގެން ދިވެހިރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި މިކަމާ ގުޅޭ ގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައެއްގައި ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތް ކުރާ ގޮތް ނޫން ކަމުގައި ވެސް ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެނގުން މުހިއްމު - އެމްއެމްސީގެ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ކޮންޑަކްޓްގައިވާ ހަމަތަކާއި އަހްލާގީ މިންގަނޑުތަކަށް ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ހުރިހާ ފަރާތަކުން ތަބާވާން ޖެހެ އެވެ. އެ މިންގަނޑުގައިވާ ގޮތުން:
-
މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ، ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ
-
ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި ކަމެއްގެ ހަގީގަތް އޮޅުވާލައިގެން ނުވާނެ