އދ. ދިއްދޫ ސްކޫލް

އދ. ދިއްދޫ ސްކޫލަށް ކުދިން ނުފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް: މިނިސްޓްރީ

22 އޮކްޓޯބަރު 2022
6

އދ. ދިއްދޫ ސްކޫލުގައި ބެލެނިވެރިން ފާހަގަކުރާ މައްސަލަތަކެއް ނެތް ކަމަށާއި ދަރިވަރުން ސްކޫލަށް ނުފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މައްސަލަ - ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް ރަށް ކަމަށްވާ ދިއްދޫ ސްކޫލަށް ދަނީ ގާތްގަނޑަކަށް 14 ވަރަކަށް ކުދިންނެވެ. އެކަމަކު އެ ސްކޫލުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބެން ނުހުންނަ ކަމަށް ބުނެ ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލަން ބެލެނިވެރިން ވަނީ ނިންމާފަ އެވެ. އެހެންވެ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެއްވެސް ދަރިވަރަކު ސްކޫލަކަށް ނުދެ އެވެ. އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަންގެ ޓީމެއް ވެސް އެ ރަށަށް ޒިޔާރާތްކޮށް ސްކޫލްގެ ހާލަތު ބަލާފައިވެ އެވެ.

މިހާރު އެ ރަށު ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ދެ ގްރޭޑެއް އެއްކޮށްލައިގެން، މަލްޓިގްރޭޑް ސިސްޓަމަށެވެ. ދަރިވަރުން މަދުވުމުގެ ސަބަބުން ކިޔަވައިދެނީ ވެސް ގްރޭޑް 1-7 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ

ބުނީ ކީކޭ؟- އެ މައްސަލައާއި ގުޅިގެން މިއަދު 'ދައުރު' އާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވަނީ، ބެލެނިވެރިން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފަ އެވެ. މިދިޔަ ހަފްތާގައި އެ ރަށަށް ޒިޔާރާތްކުރި ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ އަހުމަދު ވިދާޅުވީ، އެ ދުވަހު އެ ރަށަށް ގޮސް، ސްކޫލްގެ ހާލަތު ވަރަށް ރަނގަޅަށް ބަލާފައިވާނެ ކަމަށެވެ. އެކަމަކު، ބެލެނިވެރިން ފާހަގަކުރާ މައްސަލަތަކެއް ފާހަގަނުކުރެވުނު ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ދަރިވަރުން ސްކޫލަށް ނުފޮނުވަން ނިންމި ސަބަބުތަކަކީ، ބެލެނިވެރިއަކު ކިޔާދިން ގޮތުގައި:

  • ފާހާނައެއް ނުހުރުން. ދަރިވަރުން ފާހާނަ ކުރަން އަންނަން ޖެހެނީ ގެއަށް

  • ބޯފެން ލިބެން ނެތުން

  • ކަރަންޓުގެ މައްސަލަތައް

  • ޓީޗަރުން މަދުވުން:8 ޓީޗަރުން ތިއްބަސް ޓީޗަރުން ނެތިގެން ބައެއް ދުވަސްދުވަހު ދަރިވަރުން އަވަހަށް ގެއަށް ފޮނުވާލާ

  • މުވައްޒަފުން މަދުވުން: ސްކޫލުގައި އުޅެނީ އިދާރީ އެންމެ މުވައްޒަފެއް

  • ވަސީލަތްތައް މަދުވުން

"ކައުންސިލް ބޭފުޅާ ގާތުވެސް އަޅުގަނޑު ދެންނެވިން ފާހާނަވެސް ބޭނުން ކުރެވެއެއް ނޫންހޭ. އަޅުގަނޑުމެން އެދުވަހު ފާހަގަކުރި ކަންތައްތަކަށް ކައުންސިލުން ވެސް އެއްބަސްވި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިއްދޫ ސްކޫލަކީ ދަރިވަރުން ގިނަ ރަށްރަށުގެ ސްކޫލްތަކާއި އަޅާބަލާއިރު ފެންވަރު ރަނގަޅު ސްކޫލެއް ކަމަށެވެ.

"މިއަށް ވުރެ ކުޑަ ސްކޫލްތަކުގެ ހާލަތު މާ ގޯސް. ވިސްނާލައްވާ މި ސްކޫލްގައި 14 ކުދިން ތިބޭއިރު ސްކޫލްގައި ވެސް 13 މުވައްޒަފުން އެބަ ތިބޭ،" މުވައްޒަފުންގެ މަދުކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބެލެނިވެރިންނާ މަޝްވަރާކޮށްގެން ހައްލަކަށް އާދެވޭޭތޯ މިނިސްޓްރީން މަސައްކަތް ކުރި އެވެ.  އެކަމަކު ބެލެނިވެރިން ބޭނުންވަނީ ސީދާ މިނިސްޓަރާ ބައްދަލުކުރުމަށް ކަމަށް ވާތީ، އަންނަ އާދިއްތަ ދުވަހަށް އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވަނީ، މިގޮތަށް ދަރިވަރުން ސްކޫލަށް ނުފޮނުވާ ތިބުމަކީ އެކުދިންގެ ހައްގުތަކަށް ވެސް އަރައިގަތުން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގާނޫނީ ކުށެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެނގުން މުހިއްމު - އުނގެނުމުގެ ހައްގަކީ ކޮންމެ ދިވެއްސަކަށް ވެސް ގާނޫނުން ކަށަވަރުކޮށްދޭ ހައްގެކެވެ. ތައުލީމުގެ ގާނޫނުގައި ބުނާގޮތުން:

  • ކުޑަކުއްޖެއްގެ އުމުރުން  ހަތަރު އަހަރުން ފެށިގެން، އުމުރުން 18 އަހަރު ވަންދެން ތައުލީމު ލިބުމުގެ ހައްގު ލިބިދޭ

  • އެއްވެސް ފަރާތަކުން، އެއްވެސް ކުޑަކުއްޖަކު، އުނގެނުމުގެ ހައްގުން މަހުރޫމްކޮށްގެން ނުވާނެ

  • މަޖުބޫރު ތައުލީމު ލިބެންޖެހޭ އުމުރުގެ ކުދިން ސްކޫލަށް ވެއްދުމާއި ގަވާއިދުން ކުދިން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް

  • ކިޔެވުމުގެ ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުމަކީ ވެސް ބެލެނިވެރިންގެ ޒިންމާއެއް

އަހުމަދު ތަކުރާރުކޮށް އިލްތިމާސްކުރެއްވީ މަޝްވަރާކޮށްގެން މި މައްސަލަތަކަށް ހައްލު ހޯދުމަށެވެ. އަދި ދަރިވަރުން އަލުން ސްކޫލަށް ފޮނުވައި ތިބުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

" ސްކޫލަށް ކުދިން ނުފޮނުވަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ވުޖޫދުގައެއް ނެތް" އަހުމަދު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މިއީ ކުދިން ސްކޫލަށް ނުފޮނުވަން ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ މި އަހަރު، އެ ފިޔަވަޅު އެޅި ދެ ވަނަ ފަހަރެވެ. މިދިޔަ މެއި މަހު ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލީ ޕްރިންސިޕަލާއި ޓީޗަރުން ނެތުމުގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން އަޅާނުލުމުން ކަމަށް، ބެލެނިވެރިން ބުނެ އެވެ. ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި އެ ސްކޫލްގެ މައްސަލަތައް އެ ނޫން ގޮތަކަށް ހައްލެއް ނާދެ އެވެ.

ކޮމެންޓް (6)

އޮމަންޑޫ

24 އޮކްޓޯބަރު 2022
ތިރަށުގެ ސްކޫލް އުވާލާ! ނޫނީ ކިޔަވައިދޭންވީ އޮންލައިންކޮށް ގޭގައި ތިބެގެން. އެއި ދައުލަތުގެ ކަރަދުތައް 14 ކުދިންނަސ ްކިޔަވައިދޭން 13 މުވައްޒަފުން އެރަށުގައި ބޭތިއްބުމަކީ އިންސާފެއްނޫން! މާލޭގެ ސްކޫލްތަކުގައިވެސް 25- 30 ކުދިންނަށް މިހުންނަނީ 1 ޓީޗަރެއް!
0 0

ސާކިރު

23 އޮކްޓޯބަރު 2022
ދިއްދޫގައި އަޅަންވީ ކޮލެޖެއް. ހިތް މޮޅުވިޔަސް ބޮޑު ވަރު
0 0

ކުޑަމީހާ

23 އޮކްޓޯބަރު 2022
އެއްފަސްކުރުން ނޫން ގޮތެއް ނެތް، ޖަޒީރާ ފެރީގައި ތަޢުލީމު ހޯދަން އަދި ސިއްހީ ޚިދުމަތް ހޯދަން ކޮންމެ ދުވަހަކު ދަތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ޕޮޕިއުލޭޝަން ސެންޓަރުތައް ހަދައިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހިޖުރަކޮށް ތަރައްޤީކުރަންވީ، 14 ކުދިންނަށް ހުރިހާ ވަސީލަތެއް ލައިގެން ވެސް ސްކޫލެއް ހިންގުމަކީ ވަސީލަތުގެ ގޮތުން ބުރަކަމެއް، ހައްލެއް ނޫން.
4 0

ބަލަދުވެރިޔާ

22 އޮކްޓޯބަރު 2022
މިހާރުގެ ބެލެނިވެރިން މާކަންތައް ބޮޑީ ދޯ
2 1

ޕޅެއސ

22 އޮކްޓޯބަރު 2022
ކީއްވެތޯ ޖަވާބުދާރީވާން މިނިސްޓަރަށް ނުކެރެނީ؟ ތި ޕީއެސްއަކީ އުރަތްޕެެއް ހުރި މީހެއް ނުން
3 2

އަލިނަރު

24 އޮކްޓޯބަރު 2022
@ޕޅެއސ ކޮންމެ ކަމެއްގައި މިނިސްޓަރު ޖަވާބުދާރީވުން އެހެން ޟިހަކާއި ހަވާލުކުރުމަކީ އެއްވެސް މައްސަލއެއް ނޫން! މާ ފޮނިބޮޑީ! ސައިޒު އޮޅިގެން ތިރަށު 6 އެއްކަ ކަނޑާ ތިއުޅެނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް