ސާއިދު: ކިޑްނީ ބައްޔާ ހަނގުރާމަ ކުރުމުގައި އޭނާ އަންނަނީ ހިތްވަރު ދައްކަމުން. (ފޮޓޯ/ލެޓްސް ހެލްޕް ސާއިދު ޓީމް)

ކިޑްނީ ބަލި

އޮޕަރޭޝަން ނުކުރެވި 6 މަސް ފަހުން ސާއިދު އެނބުރި ރާއްޖެއަށް

ދެ ކިޑްނީ ފެއިލްވެ، ބައްޔާ ހަނގުރާމަ ކުރާތާ ހަތަރު އަހަރު ފަހުން މިދިޔަ އޭޕްރީލް މަހު ސާއިދު ލަންކާއަށް ފުރީ އޮޕަރޭޝަން ކުރެވޭނެ ކަމުގެ އުއްމީދާ އެކު، އެކަމަކު އެނބުރި އަންނަން ޖެހުނީ ހުސްއަތާ

ދެ ކިޑްނީ ފެއިލްވެ، ބަލީގެ ވޭނާ އެކު ޑޯނަރެއް ހޯދުމުގެ ހަނގުރާމައިގައި ވެސް އެތައް އަހަރެއް ވާންދެން އުޅުމަށް ފަހު، ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު މިދިޔަ އޭޕްރީލް މަހު ރާއްޖޭން ބޭރަށް ފުރީ ދިރިއުޅުމަށް އިތުރު އުއްމީދެއް ލިބުމުންނެވެ. ކިޑްނީއެއް ހޯދުމުގައި އެތައް ބައެއްގެ ކެއްސާއި ބޭވަފާ ތަޖުރިބާ ކުރުމަށް ފަހު، ލިބުނު ޑޯނަރުުގެ އެހީގައި އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

އެކަމަކު އެ އުއްމީދުގައި ހަ މަސްދުވަސް ވާންދެން ސްރީ ލަންކާގައި ހުރެފައި، އޭނާ ރޭ އެނބުރި ރާއްޖެ އައީ އަނެއްކާވެސް ހުސް އަތާ އެވެ. ހޮސްޕިޓަލަށް ދާތާ އެއް މަސްދުވަސް ފަހުން އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން އެ ތަނުން ދިން ނަމަވެސް އެ މުއްދަތު ދިގުލައި އެންމެ ފަހުން ކައިރި މުސްތަގްބަލެއްގައި އޮޕަރޭޝަން ކުރެވެން ނެތްކަން ހޮސްޕިޓަލުން އެންގުމުންނެވެ. 

"އާ ދިރިއުޅުމެއްގެ އުއްމީދުގައި ދިޔައީ. އެކަމަކު އެނބުރި މި އަންނަން ޖެހުނީ އެކަން ފުރިހަމަ ނުވެ،" 'ދައުރު'އާ ވާހަކަ ދައްކަމުން ސާއިދު، 33، ބުންޏެވެ. 

އަގުހެޔޮކޮށް އަދި އާސަންދައިގެ އެހީގައި މި ސަރަހައްދުގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވެނީ އިންޑިއާ އާއި ލަންކާއިންނެވެ.

އިންޑިއާގައި އޮޕަރޭޝަން ކުރުމަށް ކިޑްނީ ޑޯނަރަކީ ތިމާގެ މީހަކަށް ވާން ޖެހެ އެވެ. އެކަމަކު ސާއިދަށް ކިޑްނީ ހަދިޔާ ކުރީ، ރަހުމަތްތެރިޔަކު ހެޔޮހިތުން ކަމަށް ވުމުން އެކަން ދެން އޭނާއަށް ކުރެވެން އޮތީ ލަންކާއިންނެވެ. އެކަމަކު ގަވައިދާ އެއްގޮތަށް، އެ ގައުމުގައި މި ފަދަ އޮޕަރޭޝަން ކުރަނީ ލަންކާ ހޮސްޕިޓަލުން އެކަންޏެވެ.

ސާއިދު ލަންކާއަށް ދިޔައީ މަހެއްގެ ތެރޭގައި އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން އެ ތަނުން ދިނުމުންނެވެ. އެކަމަކު ތަންކޮޅެއް ލަސްވީ އެވެ. ލަންކާ ނޫން މީހުން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ގަވައިދު ރިވިއު ކުރުމަށް، އެ ގައުމުގެ ސަރުކާރުން ވަގުތީ ގޮތުން މަޑު ޖައްސާލާފަ އެވެ.

ސާއިދު އޭނާގެ ޑަޔަލިސިސް ހެދުމަށް އެހީވި ނަރުހަކާ އެކުގައި. (ފޮޓޯ/ލެޓްސް ހެލްޕް ސާއިދު ޓީމް)

ސާއިދު ބުނީ އޮޕަރޭޝަން ކުރެވޭނެ ކަމުގެ ތާރީހު ހޮސްޕިޓަލުން ވަރަށް ގިނަ ފަހަރު ދިން ކަމަށާއި އެކަމަކު ވަގުތު ޖެހޭއިރު އަނެއްކާވެސް ލަސްކުރަނީ ކަމަށެވެ. އެހެންވެ، އަނެއްކާވެސް ޖެހެނީ ކެތްތެރިކަމާއެކު އެކަމަށް އިންތިޒާރު ކުރާށެވެ. އެންމެ ފަހުން ހޮސްޕިޓަލުން ބުނީ، ގަވައިދު އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގައި އޮތް އިރު، އެކަމާ މެދު ގޮތެއް ނިންމުމަށް ވަގުތު ނަގާނެ ކަމަށެވެ.

"އެ މީހުން ބުނީ ނޭނގެއޭ ދެން އޮޕަރޭޝަން ކުރެވޭނެ ދުވަހެއް ބުނަން،" ސާއިދު ބުންޏެވެ.

އޭރު ސާއިދުއާ އެކު، ތިން ހާހެއްހާ މީހުން އޮޕަރޭޝަން ކުރުމަށް ކިޔޫގައި ތިއްބެވެ. އެ އެންމެންނަށް ވެސް ލިބުނީ ނާއުއްމީދީ ހަބަރެކެވެ. އޮޕަރޭޝަން ނުކުރެވިގެން، ސާއިދުއާ އެކު އިތުރު ދެ ދިވެހިން ވެސް އެނބުރި ގައުމަށް އަ އެވެ.

މިކަމުގައި ސާއިދުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ބައިވަރެވެ. ފުރާނަ އަތްމައްޗަށް ލައިގެން އެތައް ބަޔަކު ކިޔޫގައި މަޑުކޮށްގެން ތިބި އިރު، މައްސަލަ އޮތީ ޕޮލިސީ ލެވެލްގަ އެވެ. މިއީ ސާއިދު ދެކޭ ގޮތުގައި، ދޭދޭ ގައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމާއި ވެފައިވާ އެއްބަސްވުންތައް ކުރިއަށް ނެރެން ޖެހޭ ވަގުތެވެ.

"އަޅުގަނޑުމެންނަށް ފެނޭ މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމަށް، ސަރުކާރުގެ އިސްވެރިން ދެއިރު މި ފަދަ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާ ތަން. އެކަމަކު މިފަދަ ކަމެއްގައި އެއްވެސް ވެރިއަކު އަޅައެއް ނުލާ،" ސާއިދު ޝަކުވާކުރި އެވެ.

ސާއިދު ދެކޭ ގޮތުގައި އޭނާއަކީ ނިކަމެއްޗެކެވެ. ޕޮލިސީ ލެވެލްގައި އޮތް މައްސަލައެއް ހައްލުކުރުމަށް، އޭނާގެ ގައުމުގެ ވެރިންގެ އެހީ ބޭނުންވާނެ އެވެ. އެ ނިޔަތުގައި އެތައް ފަހަރަކު އޭނާ މިނިސްޓަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގުޅައި މެސެޖްކޮށް ހެދި އެވެ. ބޭނުމަކީ، ބަޔަކު ފުރާނައާ ހަނގުރާމަ ކުރަމުން ދާއިރު، އެކުވެރިންގެ ހައިސިއްޔަތުން ވެސް ގައުމުތަކުގެ އިސް ވެރިން މަޝްވަރާކޮށް، އެކަން އަވަސްކޮށްދިނުމަށް މަސައްކަތް ކޮށްދިނުމެވެ.

"އަޅުގަނޑު ދުށިން އިންޑިއާގެ ޕޭޝަންޓަކަށް އޭނާގެ ގައުމުގެ އެމްބަސީން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން މަންޒަރު. އެކަމަކު އެވަރު އަޅުގަނޑުމެންނަކަށް ނުވި،" ދޭދޭ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި އެކުވެރިކަމުގެ މުއާހަދާތަކުގެ ބޭނުމާ ގުޅޭ ގޮތުން ސުވާލު އުފައްދަމުން ސާއިދު ބުންޏެވެ.

ސާއިދު ޓީވީއެމްގެ ޕްރޮގްރާމެއް ހުށަހަޅަނީ: ބަލީގައި އޭނާ ހޭދަކުރަމުން ދަނީ ވޭންދެނިވި ދުވަސްތަކެއް.

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ލަންކާގެ އެހެން ބައެއް ހޮސްޕިޓަލުތަކުން ކޮށްދިން ނަމަވެސް އެކަން ކުރަނީ ގަވައިދުތަކުގެ ބޭރުންނެވެ. އެއީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވުމާއި އަވަސް މުއްދަތެއްގެ ތެރޭގައި ކިޑްނީގެ ބާރު ދިޔުން ފަދަ ކަންކަން ހިނގާތީ، ވަކި ސްޓޭންޑަޑެއް ގާއިމުކުރުމަށް ޔަގީންކުރަން ހަދާފައިވާ ގަވައިދުތަކެކެވެ.

ސާއިދު ބުނީ އޭޝިއާގެ އެހެން ގައުމުތަކާއި ޔޫރަޕުން ހަމައެކަނި އޮޕަރޭޝަން ކުރުމަށް ވެސް 300،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަން ޖެހޭ ކަމަށެވެ. އެއީ އޭނާ ފަދަ މީހަކަށް ވަރަށް ބޮޑު އަދަދެކެވެ.

ޑޯނަރެއް ލިބުމާ ހަމައަށް ކިޑްނީ ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި ސާއިދު ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 530 ފަހަރު ޑަޔަލަސިސް ހަދައިފަ އެވެ. ފުރަތަމަ ތިން އަހަރު، ދެ ދުވަހުން އެއް ދުވަހު ޑަޔަލަސިސް ހަދަން ޖެހުނެވެ. އޭގެ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު އެނދުމަތިވެގެން އޮންނަން ޖެހެ އެވެ. އެ ދުވަސްތަކުގައި ހާލު ގޯސްވެގެން ތިން ފަހަރު އައިސީޔޫގައި އެޑްމިޓްކުރި އެވެ.

ސާއިދު އަދިވެސް އުއްމީދު ކަނޑައެއް ނުލަ އެވެ. މިހާރު ވެސް ބަލަމުން އަންނަނީ، ކޮންމެވެސް ގޮތަކުން އޭނާއަށް އޮޕަރޭޝަން ކުރެވޭނެ މަގެއް ފެނޭތޯ އެވެ.

ކޮމެންޓް (11)

ނަހުލާ

22 އޮކްޓޯބަރު 2022
ތިހާވަރަށް ހުރަސްތަައް ކުރިމަތިވުމުގެ ފަހަތުގައި ސިހުރުވެރިއެއް ހުރިތޯ ބަލާލަބަލަ
3 0

ސަރީރު

22 އޮކްޓޯބަރު 2022
ސާއިދު އަށް އަވަސް ޝިފާއަކަށް އެދެން. މާތްﷲ ސާއިދުއަށް ކެތްތެރިކަން ދެއްވައި ތިކަން ވާނެގޮތް މިންވަރު ކޮށްދެވުން އެދި ދުއާ ދަންނަވަން
14 0

ނުބެހޭ

22 އޮކްޓޯބަރު 2022
މަހަމަ އަށް ބުނެލަން. ކަލޭވެސް މިކަހަލަ ކަމަކާ ކުރިމަތހި ލާންޖެހުނީމަ އެގޭނީ އުޅެންޖެހޭ ހާލު. ލިޔާނެ އެއްޗެއް ނެތިއްޔާ އެއްޗެއް ނުލިޔެހުރެބަލަ؟
6 0

މަހަމަ

22 އޮކްޓޯބަރު 2022
ލަންކާއަކީ ކޮންމެ ދުވަހަކުވެސް ފުރައިގެން ދެވޭނެ ތަނެއް. އޮޕަރޭޝަން ކުރެވޭނެ ދުވަހެއް ނޭނގެއިރު ހަމަސްވަންދެން ހުރި ސަބަބެއް ނުވިސްނޭ. އެމީހުން މާދަމާއޭ ބުންޏަސް ޕޮލިސީ ލެވެލްގަ ޕާލިމަންޓްގަ އޮތް ކަމެއް ހަމަ ބުއްދިން ވިސްނާލީމަވެސް އެނގޭނެ އަވަހަކަށް ގަވައިދު ހެދި ތަންފީޒެއް ނުވާނެކަން. އަބަދުވެސް ނޫހުގަ މި އޮންނަނީ ސާއިދުގެ ބަސް، އޭނަ ދައްކާ ވާހަކަ. ހާދަ ބައެއްގެ ލާރިއެކޭ ތި ބޭނުންް ކުރަނީ އެކަމު އަބަދުވެސް އެހެން މީހުން ނޫނީ ސިސްޓަމް ގޯސްކުރާތަން މި ފެންނަނީ
9 125

ނަހަމަ

22 އޮކްޓޯބަރު 2022
@މަހަމަ ތަންދޮރު ނޭނގޭ ހާލު ރަނގަޅު ބަހެއް ބުނަން ނޭނގުނީއްޔާ އެއްޗެއް ނުބުނެ ހުރުން ބުއްދިވެރި. މަރާއި ހަނގުރާމަކޮށް ގައިގާ ވޭން އަޅަމުން ދަނީ ސާއިދުގެ. ދެން އޭނާގެ ވާހަކަ ނުގެނެސްދީ ކާކުގެ ވާހަކަ ގެންނަންވީ. އޭނާގެއެއް ބަނޑުގައި އިންސާނެކޭ ބުނާވަރުގެ މީހެއް ނެތްކަން ވަރަށް ސާފު ކިތަންމެ ރުޅިއަޔަސް. ދެންއޮތީ މީހުންގެ ލާރީގެ ވާހަކަ. އޭނާގެ އެކައުންޓަށް ވަނުމަށް ފަހު އެއީ އޭނާގެ ލާރި. އަނެއްކާ އެލާރިން އަޗާތަޅަނީކީ ނޫންދޯ. ފަރުވާ އަވަސްވާނޭގޮތްތައް ހޯދަނީ.
10 1

ޢަހުރ

22 އޮކްޓޯބަރު 2022
@މަހަމަ ޢެފަދަ ނިކަމެތި އުނދަގޫ ތަކުލީފެއް ކަލެޔަށް ނުޖައްސަވާށި،
2 0

ކަލޭގެ އަމާ

22 އޮކްޓޯބަރު 2022
@މަހަމަ މައިތިރި ވެބަލަ ވާނުވާ ނޭގެންޔާ
0 0

ޅަޔާލް

22 އޮކްޓޯބަރު 2022
@މަހަމަ އަޅުގަޑު ހިތައް އަރަނީ އިންޑިއާއިން ނުހަދަނީ ކީއްވެބާއޭ. ކިޑުނީއެއްލުބުނީމަ އަވަހަށް ހެދެންް އޮތް ތަނަކުން ހަދަންވީނޫންތޯއޭ.
1 0

ވަޙީދު

22 އޮކްޓޯބަރު 2022
@މަހަމަ ތިބާޔަށް އެފަދަ ގިލަންވެރިކަމެއް ލިބުމަށް ނޭދެއްޗެވެ.
0 0

ސާބަސް

22 އޮކްޓޯބަރު 2022
@މަހަމަ ތިޔަނޫން ބަހެއް ބުނެލަން ހަމަނެތީތަ. ތިމާމީހާ ނުވަތަ ތިމާގެ އާއިލާގެ މީހެއް އެވޭނުގަ އުޅޭނަމަ ތިހެން ބުނަން ކެރުނީސްބާ. ކިޑްނީ ނޫނަސް އަހަންނަކީވެސް ބައްޔަކާ ހަނގުރާމަކުރާ މީހަކަށްވާތި ސާޢިދުގެ ކެކުޅުން އެނގި ވިސްނޭ
4 0

ކިނބޫ

23 އޮކްޓޯބަރު 2022
@ޅަޔާލް ލިޔުން ރަނގަޅަށް ކިޔާނުލާ ކޮމެންޓް ލިޔެލީކަން، ކޮމެންޓް ކިޔާލުމުން އެނގޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް