ނިޝާން މުލީގެ އިއްޒަތް ލިބިވަޑައިގެންނެވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ފޮޓޯ/ރައީސް އޮފީސް)
ޓޫރިޒަމްގެ އެއް ބާނީ ހެލްތު މިނިސްޓަރު ނަސީމަށް ނިޝާން މުލީގެ އިއްޒަތް
ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގެ އެއް ބާނީ ކަމަށްވާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ދިވެހި ދައުލަތުގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.
ވީ ކިހިނެއް؟- ދައުލަތަށް 37 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ނަސީމަށް އެ ޝަރަފު އެރުވީ މިރޭ ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އެނގުން މުހިއްމު- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ރާއްޖޭގައި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ.
ތަފްސީލް- ނަސީމަށް އެ އިއްޒަތް އަރުވަން ރައީސް ސޯލިހު ނިންމެވީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތް ދުވަސްވަރެއްގައި އެކަމަށް އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކާއި ވެވަޑައިގެންނެވި ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދިވެހި ދައުލަތަށާއި ގައުމަށް 37 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވެސް ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަހުމަދު ނަސީމް
-
ނަސީމަކީ ރާއްޖެއަށް 1972 ގައި ފަތުރުވެރިކަން ތައާރަފްކުރުމުގެ އިސް އެކަކު
-
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި
-
ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރެއް. ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި
ގުޅުން ހުރި ކަމެއް- ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވެސް ނަސީމަށް، އޭނާ ރާއްޖޭގެ ފަތުރުވެރިކަމަަށް ކޮށްދެއްވި ހިދުމަތްތަކަށް ރައީސްގެ ހާއްސަ އެވޯޑެއް ލިބިވަޑައިގެންނެވި އެވެ.
ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕެއް1972ގެ ކުރީކޮޅު ގެންނެވި އިނގިރޭސިއެއް ކަމަށްވާ ޖޯޖް ކޯބިން ރާއްޖެ ބަލައިލުމުގެ ފުރަތަމަ ދަތުރު ކުރެއްވީ ނަސީމުގެ މެހެމާނެއްގެ ގޮތުގަ އެވެ.
އިތުރަށް ކިޔާލަން