ރާނީ އެލިޒަބެތުގެ ޖަނާޒާއަށް ފަހު ރައީސްގެ ދެކަނބަލުން. (ފޮޓޮ/ރައީސް އޮފީސް)

ރައީސްގެ ދެކަނބަލުން ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ލިޔުއްވާފައި
19 ސެޕްޓެމްބަރު 2022

މި މަހުގެ ކުރީކޮޅު އަވަހާރަވި އިނިގިރޭސި ރާނީ އެލިޒަބަތު IIގެ ޖަނާޒާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - 70 އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މި މަހުގެ 8ގަ އެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.

ތަފްސީލް - ރަސްމީ އެންމެ މަތީ އިއްޒަތުގައި މިއަދު ރާނީ އެލިޒަބަތު ފަސްދާނުލާފައި ވަނީ، އެ ކަމަނާގެ ރަނިކަމާއި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރުމަށް ފަހު އެވެ.

ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުން 

  • އިނގިރޭސި ދައުލަތުގެ އެންމެ އިސް ވެރިން 

  • ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސް ވެރިން 

  • ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސް ވެރިން 

  • ގިނަ އަދަދެއްގެ އާއްމުން

ރައީސް އޮފީހުން ބުނީ ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ފަހު، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލީވާލީ ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ގުޅުންހުރި ކަމެއް - ރައީސްގެ ދެކަނބަލުން ވަނީ އިއްޔެ ރާނީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރައްވައި ލަންޑަނުގެ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ލިޔުއްވާފަ އެވެ.

އެނގުން މުހިންމު - އިގްތިސާދީ ގޮތުން ދަތި، މި ދަުވަސްރުގައި ރައީސް ބޮޑު ހަރަދެއް ކުރައްވައިގެން ޖަނާޒާއަށް ވަޑައިގަންނަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ރައީސްގެ ދެކަނބަލުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުންޏަސް، ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުފުޅުގެ ހަރަދު މިލިއަނަކަށް ވެސް ނާރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް