ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިސް ރޭންކުތަކުގެ ފުލުހުންތަކަކާ އެކު. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުން

'ވަގަކު' ހައްޔަރުކުރުމުން ގޭންގަކުން ޕޮލިސް ސްޓޭޝަނަށް ވަދެ، މަރުގެ އިންޒާރު ދީފި

އިންޒާރު ދިން މީހާ ހައްޔަރުކުރި ފަހުން ވެސް އެ ޕޮލިސް ސްޓޭޝަން ދޮށަށް އެ ގްރޫޕަށް ނިސްބަތްވާ ބަޔަކު އެއްވި
18 ސެޕްޓެމްބަރު 2022
1

މާލޭގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކު ވައްކަމުގެ ތުހުމަތަށް މިއަދު ހައްޔަރު ކުރުމުން، އެ ގޭންގަށް ނިސްބަތްވާ މީހަކު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހުންނަ މަރުގެ އިންޒާރު ދީފި އެވެ.

ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މާފަންނުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އެ މީހާ ހައްޔަރު ކުރުމުން، އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.  

"... ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައި ވާތީ އޭނާ ވެސް ވަނީ ހައްޔަރުކުރެވިފައި،" ހަމީދު ވިދާޅުވި އެވެ.

ތަފްސީލް - ހަމީދު ވިދާޅުވީ އޭގެ ފަހުން ވެސް އެ ސްޓޭޝަން ދޮށަށް އެ ގްރޫޕަށް ނިސްބަތްވާ ބަޔަކު އެއްވި ކަމަށެވެ. އަދި އެ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އޭގެ އިތުރުން، ކޮމިޝަނަރު ވަނީ، ޖަމާއަތް ހަދައިގެން ކުށް ކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ގުޅުން ހުރި ކަމެއް - މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އިރު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އޮފިސަރުންތަކަކަށް ހަމަލާދިން މައްސަލައެއް މި މަހުގެ ކުރީކޮޅު ވަނީ ފެންމަތިވެފަ އެވެ.

އެ ފަހަރު ވެސް ފުލުހުންނަށް ހަމަލާދިނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް (1)

ސޮރީސަރ

19 ސެޕްޓެމްބަރު 2022
ވެރިކަން ނިމި ހަމީދު ގެއައް ވަޑައި ގަންނަވާ މަގުމަތިގަވެސް ނޫސްވެރިން ސުވާލެއްކޮށްފިނަމަ ބުނާނީ ދެން މަގާމު ލިބިއްްޖެނަމަ ގޭންގު ހުއްޓުވާނަމޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް