ހުޅުމާލެ ފޭސް 2 ގައިވާ އިމާރާތްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މާލޭގެ ބޯހިޔާވަހިކަމަށް އެދި 35،800 މީހުން؛ އެންމެ ގިނަ ފޯމު ގޯއްޗަށް
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު ރޭ ހަމަވިއިރު 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށައަޅައިފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވީ ރޭ 12 ޖެހިއިރެވެ. ކުރިން ކަނޑައަޅާފައި އޮތް ސުން ގަޑި އަކީ 26 ސެޕްޓެމްބަރު އެވެ. އެ ސުން ގަޑި އިތުރުކުރީ މާލޭ މީހުން ކަމަށް ބަލާ އުސޫލަށް ގެނައި ބަދަލާ އެކު، އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ.
ތަފްސީލު - ސުން ގަޑި ހަމަވިއިރު ކުރިމަތިލި މީހުންގެ ތަފާސްހިސާބުތައް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ ޓުވިޓާގައި ވަނީ ހިއްސާކުރައްވައިފަ އެވެ. އޭނާ ހިއްސާކުރެއްވި ނަންބަރުތަކަށް ބަލާއިރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗަށެވެ. އެގޮތުން:
-
ގޯއްޗަށް: 15،164 މީހުން ކުރިމަތިލި
-
ތިން ކޮޓަރީގެ އެޕާޓްމަންޓް: 14،489 މީހުން
-
ދެ ކޮޓަރީގެ އެޕާޓްމަންޓް: 6،208 މީހުން
-
މުޅި ޖުމުލަ 35،861
އެނގުން މުހިއްމު - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ނަމަވެސް ގޯއްޗަށް ކުރިމަތިލެވެނީ ހަމައެކަނި މާލޭ މީހުންނަށެވެ. އެގޮތަށް ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ.
މާލޭގަި ރަޖިސްޓްރީނުކުރިޔަސް މުޅި އުމުރު މާލޭގައި ހޭދަކުރި އެހެން ރަށްރަށުގެ އެތައް ހާސް ބަޔަކު ގެންދަނީ މާލެ ސަރަހައްދުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅެމުންނެވެ.
މާލޭ މީހުން ކަމަށް ބަލާ އުސޫލު އޮތް ގޮތުން، މާލޭ ދަފްތަރުގައި ހިމެނޭ ބައެއް މީހުން ވެސް ގޯތީގެ ސްކީމުން ބާކީވެ އެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ގެނައުން އުނދަގޫވާނެކަން، މިހާރު ކުރިމަތިލާފައިވާ މީހުންގެ އަދަދުން ވެސް އެނގެ އެވެ.
ކޮމެންޓް (1)
ޢަލީބެ