އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި، 12 އޮކްޓޫބަރު 2022

އުދައްޔުގެ މަރު

އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދިން ތަން ފެނުނު ހެކިވެރިޔަކު ނެތް

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިން ހަތަރު ސިއްރު ހެކިން ވެސް ބުނީ ތުހުމަތު ކުރެވޭ މީހުން މާރާމާރީ ހިންގި ނަމަވެސް ތޫނު އެއްޗަކުން ހަމަލާދިން ތަން ނުފެންނަ ކަމަށް
12 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ސިއްރު ހެކިންގެ ހެކިބަސް ނެގުން

ހަތަރު ހެކިވެރިން ވެސް ބުނީ ގްރޫޕް މާރާމާރީ ހިންގިތަން ފެނުނު ކަމަށް

ތޫނު އެއްޗަކުން ހަމަލާދިން ތަން ފެނުނީ މައްސަލަ ސާބިތުވެފައިވާ ކުޑަކުއްޖާ އެކަނި

ގއ. މާމެންދޫގައި މިދިޔަ އަހަރު ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު، 17، މަރުވެ، އޭނޭގެ ބޭބެ ފިރުޝާން ޒާހިރަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުވާ ލިބޭ އެއްވެސް މީހަކު އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދެނިކޮށް ފެނިފައި ނުވާ ކަމަށް ސިއްރު ހެކިވެރިންތަކެއް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. 

އެ މައްސަލައިގައި ދައުވާ ލިބެނީ؛

1. އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 

2. ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

3. މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އުދައްޔު މަރާލުމުގެ ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ދެ ދައުވާ ވެސް ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު 14ގައި، ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އޭނާއަށް ކަނޑައެޅި އަދަބު އަދި ހާމައެއް ނުކުރެ އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުން ބޭއްވީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމަށެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިވެރިޔަކު ހެކިބަސް ދިނެވެ.

ތަފްސީލް - ސިއްރު ހެކިވެރިންގެ ތެރެއިން ހާޒިރުކުރި ހުރިހާ ހެކިން ވެސް ބުނީ އެ ދުވަހު ސިލްސިލާކޮށް ހިނގި މާރާމާރީތަކުގެ ތެރޭގައި މި ދައުވާ ރައްދުވާ މީހުން އުޅޭ ތަން ފެނިފައިވާ ކަމަށެވެ.

އެކަމަކު އެއިން އެކަކު ވެސް ތޫނު އެއްޗަކުން އުދައްޔުއަށް ނޫނީ އެ ހަމަލާގައި ޒަހަމްވި ފިރުޝާނަށް ހަމަލާދޭ މަންޒަރު ފެނިފައި ނުވާ ކަމަށް އެ ހުރިހާ ހެކިވެރިން ވެސް ބުންޏެވެ. ތޫނު އެއްޗަކުން ހަމަލާދިން ތަން ނުފެނުނު ނަމަވެސް އެ ދުވަހު ހިނގި މާރާމާރީތަކުގައި ތުހުމަތުކުރެވޭ ތިން މީހުން ވެސް އުޅެފައިވާ ކަމަށް ހެކިވެރިން ބުންޏެވެ. 

ވަޅި ހެރި ތަން ދުށް ކަމަށް ހެކިބަސް ދިން ދެ ހެކިވެރިން ވެސް ބުނީ، އެ މީހުނަށް ފެނުނީ، މި މައްސަލަ ސާބިތުވެފައިވާ ކުޑަކުއްޖާ ވަޅިހެރިތަން ކަމަށެވެ. އަދި މާޒިން އަތުން ވަޅިއަކާއި ކީހެއް ފެނުނު ކަމަށް ބުނި ދެ ހެކިވެރިން ވެސް ބުނީ އެ އެއްޗެހި އޭނާގެ އަތުން ފެނުނު ނަމަވެސް، އެ ބޭނުންކޮށްގެން ހަމަލާދިން ތަން ނުފެންނަ ކަމަށެވެ.

ހަމަލާދިން މީހުން ތިބީ މަސްތުގެ ހާލަތުގައި: ހެކިވެރިއެއް

ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނި ގޮތުގައި، މާރާމާރީ ހިންގި މީހުންގެ އަމަލުތައް ހުރި ގޮތުން އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަން އެނގެ އެވެ. އެކަމަކު އެކަން އެނގުނީ މަސްތުވާތަން ފެނިގެންތޯ މާޒިން އާއި ޝަމީމްގެ ވަކީލު ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ ބަޔާނުގައި އެގޮތަށް ބުނީ އޭނާއަށް ފެނުނު މަންޒަރުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އުދައްޔު މަރާލުމުގެ ތުހުމަތު ކުރެވޭ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް އޭނާ ބުނި ނަމަވެސް އެހެން ހެކިވެރިޔަކު މިފަދަ ވާހަކައެއް ނޫނީ އެއަށް ބާރުދޭ ވާހަކައެއް ވެސް ނުދައްކަ އެވެ. 

އެނގުން މުހިންމު - މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މާދަމާއަށް އެ އަޑުއެހުން ތާވަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް