މީގެ ކުރިން ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ފޮޓޯއެއް
ޕޯސްޓުން 3 ކިލޯގެ ޑްރަގް؛ ބުނީ އެތެރެކުރީ ބޭނުން ކުރަން ކަމަށް
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ އޮގަސްޓް މަހު ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ އެ މަސްތުވާތަކެއްޗަކީ އޭނާ އަމިއްލަ އަށް ބޭނުން ކުރުމަށް ގެނައި ތަކެތި ކަމަށެވެ.
ވީ ކިހިނެއް؟ - ޕޯސްޓު މެދިވެރިކޮށް އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ މީހަކު ހައްޔަރުކުރީ ކޮންޓްރޯލްޑް ޑެލިވަރީއެއްގަ އެެވެ.
-
އެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރީ އިސްމާއީލް ނަސްވާހު، 26، ރަތް ތަނޑިމާގެ / ކ. ކާށިދޫ
-
އޭނާ ހައްޔަރުކުރީ އޮގަސްޓް 25ގައި
-
މަސްތުވާތަކެތި ފެނުނީ ޕޯސްޓް މެދުވެރިކޮށް އައި ފޮށިގަނޑެއްގައި އޮތް ފުޓް މަސާޖާއެއްގެ ތެރެއިން
-
އޭގެ ތެރެއިން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފެނުނު؛ ތަހުލީލުކުރި އިރު އެއީ 2.98 ކިލޯގެ އެމްފެޓަމިން
ތަފްސީލް - އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ މަސްތުވާތަކެތި އެތެރެކުރި ކަމަށް އިއުތިރާފްވެފަ އެވެ. އެކަމަކު އެއީ ވިޔަފާރިކުރުމުގެ ބޭނުމުގައި އެތެރެކުރި ތަކެތި ކަމަކަށް އޭނާ އެއްބަހެއް ނުވެ އެވެ.
"މީނާ ވަނީ މަސްތުވާތަކެތި އެތެރެކުރި ކަމަށް އިއުތިރާފްވެފައި. ނަމަވެސް އެއީ ވިޔަފާރިކުރުމަށް ނޫން ކަމަށާއި އެއީ ބޭނުންކުރުމަށް ކަމަށް މީނާ ބުނޭ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ކޯޓުން ނިންމީ އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށް ގެނައި ތަކެތި ކަމަށް ބުނި ނަމަވެސް، އެކަން އެކަށީގެންވާ ގޮތެއްގައި އޭނާއަށް ސާބިތު ކޮށްނުދެވޭ ކަމަށެވެ. އަދި އޭނާ އެހެން ބުނި ނަމަވެސް، 2.98 ކިލޯއަކީ ގާނޫނު ގަބޫލުކުރާ ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަކަށް ވާތީ، ގާޒީ ސަފްއަތު ހަބީބު ނިންމެވީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން އޭނާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ކޮމެންޓް (2)
ޝާހިދާ
ޣުހުތާ