ސުޕްރީމް ކޯޓް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޗެއިން އޮފް ކަސްޓަޑީގެ އިރުޝާދަށް ވަކީލުންގެ ފާޑުކިޔުން: 'އެއީ ސުޕްރީމް ކޯޓަށް ނެތް ބާރެއް'
މުހިންމު ނުކުތާތައް
ސުޕްރީމް ކޯޓުން ބުނީ ހެކިން ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް
މިގޮތަށް ދަށު ކޯޓުތަކަށް އިރުޝާދު ދިނުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބެނީ ކޮން ގޮތަކުންތޯ ސުވާލު އުފެދޭ
މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓަން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދަކުން ލާޒިމްކުރޭ
ހެކިން ހާޒިރުކޮށްގެން ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދިން އިރުޝާދަށް ވަކީލުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މިއީ ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗުގެ ނިންމުމަކަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެވެ.
ވީ ކިހިނެއް؟ - ފުލުހުން ތަހުލީލުކުރާ މަސްތުވާތަކެއްޗަކީ އަތުލައިގަނެވުނު މަސްތުވާތަކެތިތޯ ކަށަވަރުކުރާ ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތަސް ނުވަތަ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ހާލަތްތަކުގައި، ހެކިން ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ޕްރެކްޓިސް ޑިރެކްޝަނެއް ނެރެފަ އެވެ.
އެކަމަކު މިއީ ސުޕްރީމް ކޯޓަށް ލިބިފައި ނެތް ބާރެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށާއި، މިހެން ނެރޭ އިރުޝާދުތަކަށް ދަށު ކޯޓުތަކުން ތަބާވާން ނުޖެހޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގެ މި އިރުޝާދަށް ފާޑުވިދާޅުވި އެންމެ ފާހަަގަކޮށްލެވޭ އެއް ބޭފުޅަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުން ތަމްސީލުކުރައްވާ އަބްދުލް މާނިއު ހުސެއިން އެވެ. އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ގޮތުގައި:
-
ޕްރެކްޓިސް ޑިރެކްޝަން ނެރުމަކީ އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫން
-
މިފަދައިން ޕްރެކްޓިސް ޑިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ)އާ ހިލާފު ކަމެއް
-
ސުޕްރީމް ކޯޓަށް ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން
-
މި އިރުޝާދަށް ދަށު ކޯޓުތަކުން ތަބާވާކަށް ނުޖެހޭ
މާނިއުގެ ޕޯސްޓް ނިންމަވާލައްވަމުން އޭނާ ވަނީ މި "ނުކިއްސަރު ހަރަކާތް" ސުޕްރީމް ކޯޓުން ވަގުތުން ހުއްޓާލަން ގޮވާލައްވާފަ އެވެ.
ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ވަކީލަކީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ހަމްޒާ ލަތީފެވެ. މާނިއު ފަދައިން އޭނާގެ ވެސް މައިގަނޑު ކަންބޮޑުވުމަކަށް ވީ މިއީ ސުޕްރީމް ކޯޓަށް ނުލިބޭ ބާރެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކުރެއްވުމެވެ. އެގޮތުން، ހަމްޒާ 'ދައުރު'އަށް ވިދާޅުވި ގޮތުގައި:
-
މިކަން ކުރަން ބާރުދޭ ގާނޫނެއް ނެތި ސުޕްރީމް ކޯޓަކަށް އެ ބާރެއް ނުލިބޭ
-
ގާނޫނުތައް ހެދުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް
-
ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވެސް ދެވޭނީ މަޖިލީހަށް އެކަނި
-
ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް ގޯސް ނިންމުމެއް
ހަމްޒާ ވިދާޅުވި ގޮތުގައި، މީގެ ކުރީގެ ބެންޗުތަކުން ވެސް އަދުލު އިންސާފުގެ ނަމުގައި ގާނޫނުއަސާސީން ތަން ނުދޭ ވިރާސީ ބާރުތަކެއްގެ ބޭނުންކޮށްގެން ކުރި ކަންކަމުގެ ނުރަނގަޅު ނަތީޖާ ފެންނަން ހުރި އިރު، މި ބެންޗުން މިގޮތަށް ގާނޫނު މާނަކުރަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ.
އޭގެ ބަދަލުގައި ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައެއްގައި މިގޮތަށް ގާނޫނު މާނަކުރުމުގެ ބާރު އެ ކޯޓަށް ލިބޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ މައްސަލައެއް ނެތި މިގޮތަށް ގާނޫނުތަކާއި ގަވާއިދުތައް މާނަކުރެވޭނެ އެއްވެސް ބާރެއް އެ ކޯޓަށް ނުލިބޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވަކީލުންގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާގެ ކަންބޮޑުވުން އަމާޒުކުރެއްވީ ޝަރީއަތް ފެށޭ ފަހުން ހެކި ހުށަހަޅަން ފުރުސަތު ދިނުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާ އެއިން ދިފާއުވުމުގެ ހައްގާ ގުޅޭ ގޮތުންނެވެ.
ހައިލަމް ޓުވިޓާގައި އޭނާ ލިޔުއްވި ގޮތުގައި:
-
ދައުވާ ހުށަހަޅާއިރު މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކި ދައުވާ ފޯމުގައި ހިމަނަން ޖެހޭ
-
ޝަރީއަތުގެ މެދުން ހެކި ހުށަހަޅަން ފުރުސަތު ދިނުމުން އިޖުރާއީ ތަރުތީބު ފުނޑުފުނޑު ވެގެން ދާނެ
-
ފުލުހުންނާއި ދައުލަތުން ގުޅިގެން ސޮއި/ތާރީހު ޖަހާފައިވާކަން ކުރިން ފާހަގަކުރެވިފައިވޭ
އެނގުން މުހިންމު - ޗެއިން އޮފް ކަސްޓަޑީ ފޯމަކީ 'މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު'ގެ ދަށުން ފުރިހަމަކުރަން ޖެހޭ ލިޔުމެކެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޕީޖީ އޮފީހުން ހަދާފައިވާ ގަވާއިދެކެވެ.
"ޗެއިން އޮފް ކަސްޓަޑީ ކަމަށް ބުނެފައި އެ ވަނީ، ގަވާއިދުގައި ބުނެފައިވާ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި އެ ތަކެތި ހަވާލުކުރާ ފަރާތާއި ހަވާލުވާ ފަރާތުގެ މައުލޫމާތާއި ތާރީހާއި ގަޑި ލިޔެ ރިކޯޑްކުރާ ކުރުމަށް،" އެ ގަވާއިދުގައިވެ އެވެ.
މި ގަވާއިދުގައިވާ ގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ ހަވާލުކުރާ ފަރާތާއި ހަވާލުވާ ފަރާތުގެ ވަނަވަރު އަދި ހަވާލުކުރެވޭ ތާރީހާއި ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށް ފަހު އެވެ.
އެހެންވެ، މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓަން، ފުލުހުންނާއި ކަސްޓަމްސްގެ މައްޗަށް ލާޒިމުކުރެ އެވެ.
ކޮމެންޓް (1)
އެކްސް