ނެކްޓަން މިޝަންގައި ބޯޓު ބޭނުންކުރި ބޯޓު އޮޑިސީ (ފޮޓޯ/ނެކްޓަން)
ތެޔޮ ބިލަށް ފައިސާ ދެއްކުމަކީ އަހަރެމެންގެ ޒިންމާއެއް ނޫން: ނެކްޓަން
ރާއްޖޭގެ ކަނޑުތަކުގެ އަޑީގެ ދިރާސާކުރަން ބޭނުންކުރި ހާއްސަ އުޅަނދު، އެމްވީ އޮޑިސީގެ ތެޔޮ ބިލްތަކަށް ފައިސާ ދެއްކުމަކީ ނެކްޓަންގެ ޒިންމާއެއް ނޫން ކަމަށާއި އެއީ އެ ދިރާސާތަކަށް ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށް، ނެކްޓަން އިން މިއަދު ބުނެފި އެވެ.
ވީ ކހިނެއް؟ - ނެކްޓަން މިޝަންގެ އުޅަނދު އޮޑިސީއިން ރާއްޖޭގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ދައްކަން ޖެހޭ 2.8 މިލިއަން ރުފިޔާގެ ތެޔޮ ބިލް ނުދައްކާތީ، އެ ބޯޓު ރާއްޖެއިން ފުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވައިފަ އެވެ.
ތަފްސީލް - ރާއްޖޭގެ ކަނޑުގެ އަޑީގެ ދިރާސާތައް ކުރި މިޝަންއަކީ ސަރުކާރާއި ކަނޑުގެ ދިރާސާތަކަށް ހާއްސަ އިނގިރޭސި ވިލާތުގެ ފައުންޑޭޝަނެއް ކަމަށްވާ ނެކްޝަން ގުޅިގެން ހިންގި ހަރަކާތެކެވެ.
ހޯކްސް އިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައާ ގުޅިގެން ނެރުނު އަމުރާ އެކު އޮޑިސީ ފުރުން ވަނީ މަނާވެފަ އެވެ.
ނެކްޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ތެޔޮ ބިލް ދެއްކުމަކީ އުޅަނދުގެ ވެރިފަރާތް އޯޝަން ކޮންޒަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިޔުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް)ގެ ޒިންމާއެއް ކަމަށެވެ.
ނެކްޓަން އިން ބުނި ގޮތުގައި އެ ދިރާސާއަށް ބޯޓު ޗާޓާކުރި މުއްދަތު 7 އޮކްޓޯބަރަށް ވަނީ ހަމަވެފަ އެވެ.
"ނެކްޓަންއިން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވާނީ ހަލާސްކޮށްފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އެނގުން މުހިންމު - ހޯކްސް އިން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ބުނީ އޮޑިސީއިން 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ނުދައްކާ އޮތް ކަމަށާއި އެއީ މިދިއަ މަހު ދައްކާ ހަލާސްކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އެ ނުދައްކައި އޮއްވާ ބޯޓު ރާއްޖެއިން ފުރައިފި ނަމަ އެ ފައިސާ ލިބުމުގެ ފުރުސަތު ބަންދުވާނެ ކަމަށް ވެސް، ހޯކްސްގެ މައްސަލާގައި ބުނެފައިވެ އެވެ.
އޮޑިސީ ފުރުން މަނާކޮށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރުނީ އިއްޔެ އެވެ.
އިތުރަށް ކިޔާލަން
ކޮމެންޓް (2)
އަންނައުނު
ތެޔޮބޯޓު