ނެކްޓަން މިޝަންގައި ބޭނުންކުރި ބޯޓު. (ފޮޓޯ/ރައީސް އޮފީސް)

ނެކްޓަން މިޝަންގެ ބޯޓުން ތެލަށް ފައިސާ ނުދައްކައިގެން ރާއްޖޭގައި ހިފަހައްޓައިފި

ހޯކްސް އިން ކޯޓަށް މައްސަލަ ހުށަހެޅީ 'އޮޑިސީ' ބޯޓަށް ވިއްކި 105،000 ލީޓަރުގެ ޑީސަލްއަށް ފައިސާ ނުދައްކައިގެން؛ 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ނުދައްކާ އެބައޮތް
10 އޮކްޓޯބަރު 2022
2

ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގޮސް ދިރާސާކުރުމަށް މި ފަހުން ކުރިއަށް ގެންދިޔަ 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި ގެންގުޅުނު މައި އުޅަނދު 'އޮޑިސީ'އަށް ދިވެހި ކުންފުންޏަކުން ވިއްކި ޑީސަލަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން އެ އުޅަނދު ފުރުން މަނާކޮށް ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.

އެނގުން މުހިންމު - ނެކްޓަން މިޝަން ކާމިޔާބުކަމާ އެކު ނިމުނުކަން އިއުލާނު ކުރުމަށް ރައީސް އޮފީހުގައި މިިދިޔަ ހޮނިހިރު ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބައެއް ހޯދުންތަކުގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ.

އޮޑިސީއަކީ ނެކްޓަން މިޝަންއަށް ކުއްޔަށް ހިފާފައިވާ އުޅަނދެކެވެ. އަދި އެބޯޓުގެ ވެރިފަރާތް އޯސީސީއެފް އާއި ނެކްޓަން މިޝަން ހިންގި އިނގިރޭސި ވިލާތުގެ ނެކްޝަން އަކީ ވެސް މުޅިން ވަކި ދެ ބައެކެވެ.

ނެކްޓަންއިން ބުނީ އޮޑިސީގެ ތެޔޮ ބިލަކީ ނެކްޓަން އިން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

ވީ ކިހިނެއް؟ - ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ސޮއިކުރައްވައި އިއްޔެ ނެރުއްވި އަމުރުގައިވާ ގޮތުން، ރާއްޖެއިން ބޭރުން އައި ސައިންސްވެރިންނާ އެކު އެ މިޝަންގެ މައި ބޯޓު 'އޮޑިސީ' ރާއްޖެއިން ފުރައިގެން ދަނިކޮށް އެ ބޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނީ އެ ބޯޓަށް ޑީސަލް ފޯރުކޮށްދިން ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ހޯކްސް އިންނެވެ.

ނެކްޓަން މިޝަންގައި ބޭނުންކުރި ބޯޓު (ދުރުގައި) އަދި ކަނޑުއަޑިއަށް ފީނަން ބޭނުންކުރި ސަބްމާސިބަލް. (ފޮޓޯ/ނެކްޓަން)

ތަފްސީލް - ހޯކްސް އިން އެދުނު ގޮތަށް، މައްސަލަ ނިމެންދެން އެ ބޯޓް ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފަ އެވެ. ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުގައި:

  • ހޯކްސް އިން ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން 'އޮޑިސީ' ބޯޓަށް ވިއްކި 105،000 ލީޓަރުގެ ޑީސަލްއަށް ފައިސާ ނުދައްކައިގެން

  • 'އޮޑީސީ' ބޯޓުން 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ހޯކްސްއަށް ނުދައްކާ އެބަ އޮތް

  • އެ ބޯޓްގެ ވެރިފަރާތް، ބޭރުގެ ބައެއް ކަމަށްވާ އޯސީސީއެފް އިން އެދުނު އެޑްރެހަށް ހޯކްސް އިން ތެލުގެ ބިލު މިދިޔަ މަހުގެ 4ގައި ފޮނުވައި މިދިޔަ މަހުގެ ނިޔަލަށް ފައިސާ ދައްކަން އެންގި 

  • އީމެއިލް އާއި އެ ނޫން ވެސް ގޮތް ގޮތުން އެ ފައިސާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ހޯކްސް އިން ބުނެފައިވޭ 

  • ހޯކްސް އިން ބުނީ ބޯޓްގެ ވެރިފަރާތް އޯސީސީސީއެފް އަކީ ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށް ވުމުން އެ ފައިސާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް 

  • އެ ބޯޓް ރާއްޖެއިން ފުރައިފި ނަމަ، ހުކުމެއް ކުރިއަސް އެ ފައިސާ ހޯދޭނެ މަގު ބަންދުވީ ކަމަށް ހޯކްސް އިން ބުނެފައިވޭ

އަމުރު - އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އޯސީސީއެފްގެ 'އޮޑިސީ' ބޯޓް މިވަގުތު ރާއްޖެއިން ފުރައިގެން ގޮސްފި ނަމަ، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ހޯކްސްއަށް ލިބުމުގެ ފުރުސަތު އޮތް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ. އަދި އަމުރެއް ނެރުމަށް ފުރިހަމަވާން ޖެހޭ ސަބަބުތައް ފުރިހަމާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

"... ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޯސީސީއެފްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ ކަނޑު އުޅަނދެއް ކަމުގައިވާ 'އޮޑިސީ' [އައިއެމްއޯ ނަމްބަރު:7347823] ރާއްޖެއިން ފުރައިގެން ދާން އުޅެފި ނަމަ، އެކަން ހުއްޓުވަން ކަމާ ބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ދައުވާ ލިބޭ ފަރާތްތަކުގެ ގައިރު ހާޒިރުގައި އަންގައި އަމުރުކޮށްފީމެވެ،" ޓްރާންސްޕޯޓާއި އިމިގްރޭޝަން ޑިފެންސް އަދި ޕޯޓްސްގެ މައްޗަށް ރައްދުވާ ގޮތަށް ނެރުނު އަމުރުގައިވެ އެވެ.

އެނގުން މުހިންމު - ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ފައުންޑޭޝަނެއް ކަމަށްވާ ނެކްޝަން ގުޅިގެން ސެޕްޓެމްބަރު 4 އިން މިދިޔަ މަހުގެ 5އާ ހަމައަށް ކުރިއަށް ގެންދިޔަ 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި، 'އޮޑިސީ' ބޯޓް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި ރާއްޖެ ހިމެނޭ ގޮތުން 10 ގައުމެއްގެ ސައިންސްވެރިން ބައިވެރިވި އެވެ.

ނެކްޓަން މިޝަން:

  • 295 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މެޕުކުރި

  • 453 ގަޑިއިރު ކަނޑުއަޑީގައި ހޭދަކުރި

  • 554 ސާމްޕަލެއް ނެގި؛ 

  • 186 ވައްތަރުގެ މަހާއި، 201 ވައްތަރުގެ އެހެން ދިރުންތައް

  • 10 ގައުމަކުން ސައިންސްވެރިން ބައިވެރިވި

  • 20 ޓެރަބައިޓުގެ ވީޑިއޯ ފުޓޭޖާއި އެހެނިހެން ޑޭޓާ

  • ކަނޑުގެ ސަތަހައިން 1،000 މީޓަރު ފުން މިނަށް ދިޔަ

ކޮމެންޓް (2)

ތެޔޮ ވިއްކާމީހާ

11 އޮކްޓޯބަރު 2022
މިފަދަ ފޭރޭކާ ޒަމާނެއްގަ އެއްވެސްއެއްޗެއް ފަހުން ފައިސާދޭގޮތައް ދިނުންރަނގަޅެއްނޫން އަދި އެއްވެސްބަޔަކަށް އިތުބާރުނުކުރުން ރަނގަޅުވާނީ ހާއްސަކޮށްބޭރުގެ ގޮތްނޭނގޭ ފަރާތްތަކަށް ކްރެޑިޓައް ތެޔޮދޫކުރީމަ ހުންނާނެ މިހާރު ފިލާވަޅެއް ލިބިފަ.ތިފައިސާ ލިބިއްޖެއްޔާ ވާ ރަނގަޅު.
2 0

ޙަބީބު

10 އޮކްޓޯބަރު 2022
ބޯޓުގެ ބުރަފަތި ކޯޓައް ގެނެސްބާއްވާ ފައިސާ ހަލާސް ކުރެވެންދެން އިނގިރޭސިން އުޅޭ އެއްޗެއް ނުވާނެ ރަނގަޅެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް