އަދުހަމް (ކ) އަދި ޓެކްސީ ޑްރައިވަރު ގާސިމް.

'ގާސިމް މަރާލުމުގެ ނިޔަތް އަދުހަމުގެ އޮތް'؛ އޭނާ އެދެނީ ލުޔަކަށް

ދެން އޮންނާނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ މެދު ގޮތެއް ކަނޑައެޅުން؛ އެ އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ 21އަށް
10 އޮކްޓޯބަރު 2022

ޓެކްސީ ޑްރަވައިރު ގާސިމް ހަސަން މަރާލެވުނީ އޮޅިގެން ކަމަށް އަދުހަމް ބުނި ނަމަވެސް އޭނާގެ އަމަލުތަކުން ގާސިމް މަރާލުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށާއި، މި މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވާ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - މި މައްސަލައިގައި ދައުވާ ކުރާ އަދުހަމް މުހައްމަދު، ޅ. ހިންނަވަރުު/ބޮޑުހިޔާގެ، ޓެކްސީ ޑްރައިވަރު ގާސިމް މަރާލީ 4 ޑިސެމްބަރު 2019ގެ ރެ އެވެ. މި ހާދިސާ ހިނގީ ހުޅުމާލޭ ހާފްވޭ ހައުސް ހުންނަ މަގުގަ އެވެ.

މި މައްސަލައިގެ ތަހުގީގުގަ އާއި ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ބިރުދައްކަން ވެގެން ވަޅި ދެއްކުމުން، އެކަމާ ގާސިމް ދެކޮޅު ހެދުމުން ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން ކަމަށް އިއުތިރާފުވެފަ އެވެ. 

  • ގާސިމް މަރާލި ކަމަށް އެއްބަސްވެ ދައުލަތާ އެކު އަދުހަމް އިއުތިރާފު އެއްބަސްވުމެއް ހެދި

  • ފަހުން އޭނާ ވަނީ އެ އިއުތިރާފު އެއްބަސްވުން އަނބުރާ ގެންގޮސްފައި

  • އޭރު އޭނާ ބުނީ އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދައްކައިގެން ކަމަށް

  • މިކަމާ ގުޅިގެން އިއުތިރާފު އެއްބަސްވުން އުވިފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވި

  • އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ދެވަނަ ފަހަރަށް ކުށަށް އިއުތިރާފުވެ، ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިފައި

ވީ ކިހިނެއް؟ - ގާސިމްގެ މަރާލި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ހުލާސާ ބަޔާން އިއްވުމެވެ. 

ބުނީ ކީކޭ؟ - ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނީ ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުން މިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ދައުލަތުން ފާހަގަކުރި މުހިންމު ނުކުތާތައް:

  • ޖުމްލަ 11 ހެއްކެއް

  • ސީނުންނާއި ވަޅިން ފެނުނު ލެ އާއި ގާސިމް އާއި އަދުހަމްގެ ޑީއެންއޭ ޕްރޮފައިލް ދިމާވޭ

  • ހަމަލާ ދޭން ބޭނުންކުރި 6 އިންޗި ހުންނަ ވަރުގެ ވަޅިން ފެނުނު އިނގިލީގެ ނިޝާންތައް އަދުހަމްގެ އިނގިލީގެ ނިޝާނާ ދިމާވޭ

  • މެޑިކޯ ލީގަލް ރިޕޯޓާއި މަރު ސާބިތުކުރި ރިޕޯޓުން ގާސިމް މަރުވީ އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުންކަން އެނގޭ

  • ކަރުގައި ހުރި ޒަހަމުގެ ދިގުމިނުގައި 6 ސެންޓިމީޓަރު އަދި ފުންމިނުގައި 2 ސެންޓިމީޓަރު ހުރި

  • ސީސީޓީވީ ފުޓޭޖުގެ އެނަލިސިސް އިން، ހާދިސާ ހިނގި ގޮތް ކަމަށް އަދުހަމް ބުނާ ކަންކަމުގެ ސިލްސިލާ ދިމާވޭ

މި ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން އެދުނީ އޭނާ ވެފައިވާ އިއުތިރާފު ދަމަހައްޓައިދިނުމަށެވެ. ދައުލަތުން ބުނީ މިއީ ގަސްތު މަރެއް ނޫން ކަމަށް އަދުހަމް ބުންޏަސް، ހަމަލާ ދިނީ ހަށިގަނޑުގެ ނާޒުކު ގުނަވަކަށް ވާތީ، ގަސްތުގައި މަރާލުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމަކަށް އަދުހަމް ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ. (ފައިލް ފޮޓޯ/ ސަން)

ދައުލަތުން މިހެން ބުނި ނަމަވެސް، އަދުހަމްގެ ވަކީލު ރުކްޝާނާ އިބްރާހިމް ވަނީ މި މައްސަލައިގެ ތަހުގީގަށް އަދުހަމް އެއްބާރުލުން ދީފައި ވާތީ އާއި އިއުތިރާފު ވެފައި ވާތީ ހުކުމް ކުރާ އިރު އޭނާއަށް އެ ލުއިދޭން އެދިވަޑައިގެންފަ އެވެ. އަދި މިއީ ގަސްތު މަރެއް ނޫން ކަމަށާއި، ގަސްތުގައި މީހަކު މަރާލުމުގެ އެއްވެސް ނިޔަތެއް އަދުހަމްގެ ނެތް ކަމަށް ވެސް ވަކީލު ފާހަގަކުރެއްވި އެވެ.

ދިފާއުން ފާހަގަކުރި މުހިންމު ނުކުތާތައް:

  • ދެވަނަ ފަހަރަށް އިއުތިރާފުވި އިބްތިދާއީ އަޑުއެހުމުގެ ތެރޭގައި އޭނާ އެދިފައި ވަނީ އިއުތިރާފް ބަޔާނަށް ރުޖޫއަވާން

  • މަރުވި ސަބަބު ކަށަވަރުކޮށްދޭން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި 'އެކްސްޕާޓް' ޑރ. އުލްޔާއަކީ އެކްސްޕާޓެއްތޯ ސުވާލު އުފެދޭ

  • މެޑިކޯ ލީގަލް ރިޕޯޓުގެ ސަފުހާއެއް މަދު؛ އިދާރީ ކަންކަން ފުރިހަމައެއް ނުވޭ

  • އަދުހަމް ހުރީ ރިހެބް ފުރުސަތުގައި؛ ރިހެބް ނުލިބުމުގެ ދައުލަތުގެ އިހުމާލު އެބައޮތް

  • ފޭރުމުގެ އަމަލުތައް ހިންގަމުން ދިޔައީ މަސްތުވުމުގެ އިތުރުން ގޭގެ ކުލި ދައްކަން ވެގެން

އެނގުން މުހިންމު - ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ މެދު ގޮތެއް ކަނޑައެޅުމެވެ. އެ އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ 21 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް