ދީބާޖާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް.

ސުޕްރީމް ކޯޓު

ދީބާޖާގެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް؛ ބަދަލު ހޯދަން ދެވޭނެ: ސުޕްރީމް ކޯޓު

ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރީ 2013ގައި
9 އޮކްޓޯބަރު 2022

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް، ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ނިންމައި ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރީ 2013ގަ އެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓަށް ދިޔަ އެވެ. ނަމަވެސް، 2016ގައި ސިވިލް ކޯޓުން ހުކުމް ކުރީ 348 މިލިއަންގެ ބަދަލެއް ނަގައިދިނުމަށެވެ.

އޭގެ ފަހުން:

  • ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރި 

  • ސުޕްރީމް ކޯޓުން ފުރަތަމަ ނިންމީ ހައި ކޯޓުގެ ނިންމުން ގޯސްކަމަށް

  •  ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ދައުލަތުން އެދުނު

  • ރިވިއުއަށް ފަހު ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށް އަދި ހައި ކޯޓުގެ ނިންމުން ދެމިއޮތް ކަމަށް 

  • ހައި ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު ދީބާޖާއަށް އޮތް ކަމަށް ކަނޑައެޅި

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ރިވިއުގައި ފުރުސަތު ދިން ގޮތަށް ހައި ކޯޓުގެ ނިންމުން ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލައިގައި މިއަދު އޮތީ ހުކުމް ކުރުމެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން.

މައްސަލަ ދީބާޖާ ކޮޅަށް ނިމުނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔާއި އެ ބެންޗުގައި ދެން އިންނެވި ދެ ފަނޑިޔާރުންގެ ތެރެއިން ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔު އެއްގޮތް ވުމުންނެވެ.

ބެންޗުގައި ހިމެނިވަޑައިގަންނަވާ މަހާޒު އަލީ ޒާހިރުގެ ރައުޔު ނެރުއްވީ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށެވެ.

ތަފްސީލް - ދީބާޖާ އިން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ:

  • އިސްތިއުނާފީ މުއްދަތާ ގުޅޭ ތިން ނުކުތާއެއް 

  • އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ދެ ނުކުތާއެއް 

  • ބަދަލު ނަގައިދިނުމާ ގުޅޭ ދެ ނުކުތާއެއް

އިސްތިއުނާފީ މުއްދަތާ ގުޅޭ ގޮތުން ދީބާޖާގެ ފަރާތުން ހުށަހެޅި ނުކުތާއަށް، ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރަން ފުރުސަތު ދިން ސުޕްރީމް ކޯޓުގެ ހުކުމުގައި އެ ކަންކަމާ މެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ނިހާއީ ނިންމުމެއް އޮތް އިރު، އެ ނިންމުން ރިވިއުނުކޮށް އެ ނުކުތާތަކާ މެދު އަލުން ގޮތެއް ނުނިންމޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދީބާޖާގެ ވަކީލުން.

މި ތިން ނުކުތާގައި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް ބެންޗުގައި ހިމެނިވަޑައިގެންނެވި މަހާޒާއި މުހައްމަދު އިބްރާހިމް ވެސް ތާއީދުކުރެއްވި އެވެ. ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ރައުޔު ތަފާތުވީ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާތަކާ ގުޅޭ ގޮތުންނެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔު

ދީބާޖާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅުއްވައި ނެރުއްވި ރައުޔުގައި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ އެއްބަސްވުމުގެ ވަކި މާއްދާއަކަށް ރިއާޔަތްކޮށް، އެއްބަސްވުން ބާތިލުކުރެވޭނީ އެ މާއްދާއެއްގައި ބުނާ ކަންކަން ފުރިހަމަކުރުމަށް ފަހު ކަމަށެވެ.

އެ އެއްބަސްވުމުގައި ވަނީ އިތުރު ނޯޓިހެއް ދިނުމަކާ ނުލާ ޓްރާންސްޕޯޓަށް އެއްބަސްވުން ބާތިލުކުރެވޭނީ:

  • ވިދިވިދިގެން ފަސް ދުވަހު، ބޮޑު ސަރަހައްދަކަށް ހިދުމަތް މެދުކެނޑިފައިވާ ނަމަ

  • އެ ނޫން ހާލަތެއްގައި އެއްބަސްވުން އުވާލެވޭނީ 90 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު

  • ޓްރާންސްޕޯޓުން އެއްބަސްވުން ބާތިލުކުރީ ދެ ރަށަކަށް ފެރީގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ސިޓީ ފޮނުވި ދުވަހުގެ އަނެއް ދުވަހު

ފަނޑިޔާރު އަލީ ރަޝީދު ނިންމެވީ އެއްބަސްވުން ބާތިލުކުރީ ވަކި މާއްދާއަކާ ހަވާލާދީ ކަމަށް ޓްރާންސްޕޯޓުން ބުނާއިރު، އެއްބަސްވުން ބާތިލުކުރިކަމުގެ ނޯޓިސް ފޮނުވީ ބޮޑު ސަރަހައްދަކަށް ފެރީގެ ހިދުމަތް ދެމުން ދަނިކޮށްކަން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުން ބުރަވެވޭ ކަމަށެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމުގައި ދީބާޖާއަށް ލިބުނު ސީދާ ގެއްލުމުގެ ބަދަލުގެ އިތުރުން އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 50 އަހަރުގެ ތެރޭގައި، މުސްތަގުބަލުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ ވެސް ބަދަލުގެ ތެރޭގައި ހިމެނި އެވެ. ދީބާޖާގެ އެ ހިސާބުތައް ބިނާކުރީ ދަތުރުކޮށްގެން ލިބޭނެ ކަމަށް ބުނާ އާމްދަނީގެ އަންދާޒާ ރިޕޯޓެއްގެ މައްޗަށެވެ.

މިއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ، ގެއްލުމުގެ ބަދަލުގެ ބަޔާ ގުޅޭ ގޮތުން އަލުން ގޮތެއް ނިންމުމަށް، މައްސަލަ ސިވިލް ކޯޓަށް ފޮނުވަން ހައި ކޯޓުގައި ތަހުވީލުކުރަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔާ ބައެއް ތަފާތުތައް ހުރި ނަމަވެސް، ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ އެ ރައުޔަށް ޖުމްލަ ގޮތެއްގައި ތާއީދުކުރައްވާފަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގަައި ފަނޑިޔާރު މަހާޒްގެ ރައުޔަކީ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • އެއްބަސްވުން ބާތިލުކުރުމުގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާ ސިޓީގެ ކުރިން ފޮނުވި ސިޓީއެއްގައި އެއްބަސްވުމަށް އަމަލުކުރަން ޓްރާންސްޕޯޓުން އަންގާފައިވޭ 

  • އޭގެ ކުރިން ކުރި މުއާމަލާތްތަކުގައި ވެސް، ދިގު މުއްދަތުތަކަކަށް ދީބާޖާ އިން އެއްބަސްވުމަށް އަމަލުކޮށްފައި ނުވާ މައްސަލަ ފާހަގަކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް