ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ބަޔަކު އަޑުއުފުލަނީ

ޔޯގާ ދައުވާތަކާ އެކު އިދިކޮޅުގެ ތުހުމަތުގެ އިނގިލި އިންޑިއާއަށް

އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުން ހިންގުމަށް ޔޯގާ ހަރަކާތަށް މީހުން ފޮނުވީ ސަރުކާރުން
3 އޮކްޓޯބަރު 2022

ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ބައެއް މީހުންނަށް މިއަދު ދައުވާ ކުރަން ފޮނުވާފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން އެންގި ގޮތަށް، ބޭރު ދުނިޔެއަށް ހަގީގަތް އޮޅުވާލުމަށް ކުރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ޖޫން މަހު ހިނގި އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 18 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވުނު އެންމެ ހައިޕްރޮފައިލް މީހުންގެ ތެރޭގައި ހިމެނޭ:

  • ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ 

  • ދީނީ އިލްމުވެރިން ކަމަށްވާ ފަޒުލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ކޮށްފައި

ބުނީ ކީކޭ؟ - އެކަން ކުށްވެރިކޮށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ:

  • ދައުލަތުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި ޔޯގާގެ ހަރަކާތުގައި ހަމަނުޖެހުން ހިންގީ، ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކަމަށް ތުހުމަތުކުރި 

  • އެ މައްސަލައިގައި ފުލުހުންގެ އިހުމާލުވާ ކަމަށް ތުހުމަތުވާއިރު އެކަން ތަހުގީގު ނުކުރާތީ ފާޑުކީ 

  • އެ މައްސަލަތައް ނުބަލައި، އެ ކަމުގައި ބައިވެރި ނުވާ އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް ބަޔާނުގައި ބުނި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ

ތަފްސީލް - އިދިކޮޅުން ބުނިގޮތުގައި އެ ހަމަނުޖެހުމުގައި ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއިލް ބައިވެރިވަޑައެއް ނުގަންނަވަ އެވެ. އެ ދުވަހު އޭނާ ދަނޑަށް ވެސް ވަޑައިނުގަންނަވާ ކަމަށާއި ހަމަނުޖެހުން ހިންގި އިރު އެތަނުގައި ނުހުންނަވާ ކަމަށް ބުންޏެވެ. އެހެންެވެ، ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރާތީ އެ ބަޔާނުގައި ވަނީ ދައުވާ އަނބުރާ ގެނައުމަށް ގޮވާލައިފަ އެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި އިތުރަށް ބުނީ:

  • އެ ހަމަނުޖެހުން ހިންގީ، އިންޑިއާ ސަރުކާރުން ލަފާ ދީފައިވާ ގޮތަށް، އެ ގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ގައިމުވެ ތިބުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ކަމަށް ބެލެވޭ ކަމަށް

  • އެ ދުވަހު ދަނޑަށް ވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް ތުހުމަތުކުރި. އަދި އެކަން ކުރުމަށް ފުލުހުން ފުރުސަތު ދީފައިވާ ކަމަށް

  • އަދި ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުން އެ ފުރުސަތު ދިނުމުން ކަމަށް ވެސް ބުނި

އިދިކޮޅުގެ ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަން ދެއްކުމަކީ ވެސް ސަރުކާރުން ބޭނުންވި ގޮތެވެ.

"ސަރުކާރުން ކުރާ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމަށް ވާއިރު، އިންޑިއާގެ އެމްބަސީންނާއި އިންޑިއާ ސަރުކާރުން އަންގާގޮތަށް ރައްޔިތުން ނިކަމެތި ނުކުރުމަށް މި ފުރުސަތުގައި ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.

މި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލި ބައެއް މީހުންނަށް ކުށް ސާބިތުވެއްޖެ ނަމަ، އަދަބެއްގެ ގޮތުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުން ކައިރި އެވެ.

ހާދިސާގެ ހުލާސާ:

  • ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގްރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކުބީރު ކިޔަމުން

  • ފުލުހުން މަގުމަތީ ބެރިކޭޑް ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މީހުން ފުލުހުންނާ ކުރިމަތިލައި ސަފުތައް ފޫއަޅުވާލި

  • ގަލޮޅު ދަނޑުގެ ގޭޓު ވެސް ފޫއަޅުވާލައި އެ މީހުން ވަނީ ދަނޑަށް ވަދެ، ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް، އެ މީހުންނަށް އިންޒާރުދީ، އެ ތަނުން ނުކުތުމަށް އަންގައި އަޑުގަދަކޮށްފައި

  • ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ތިބިި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ހަކަށް މިނެޓް ވަންދެން ހަމަނުޖެހުން ހިންގި

  • އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް