ހުޅުމާލެއިން އަޒުހާން އެންމެ ފަހުން ފެނުނު ސަރަހައްދާއި އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދު ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަޒުހާންގެ މަރު

އަޒުހާންގެ ފަހު ވަގުތުތައް: ލޯބިވެރިޔާއާ އެކު ބޮޑު ކޯޅުމެއް

ގެސްޓްހައުސްގައި ދެ މީހުން 'ތަޅައިގަތް'ކަމުގެ މައުލޫމާތު ރައްޓެހިންނަށް ލިބުނު

މުހިންމު ނުކުތާތައް

ބަޔަކު އަޒުހާނަށް 'ދުއްވާލަން އައިސްދާނެކަމުގެ ބިރު' އޮތް ކަމަށް ބުނި

ކުރިން ވެސް އަޒުހާނަކީ ލޯބީގެ ކަންކަމުގައި ވަރަށް ބޮޑަށް ދެރަވެ ގޮތް ހުސްވާ ޒުވާނެއް ކަަމަށްވޭ

ފުލުހުންނަށް ފޯނު ފެނިފައި އޮތުމުން އިތުރަށް ކަންކަން އެނގޭނެ

ފަތިހުގެ ހަމަހިމޭން ވަގުތެވެ؛ ހުޅުމާލޭ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މާލެއަށް ދާ ހައިވޭއަށް އަރަން އޮންނަ ނިރޮޅުމަގު ނިމޭ ކޮޅާ ދިމާލުން ވޯޓާ ތީމް ޕާކްގެ އަނެއް ފަޅީގައި އޮންނަ ބޯ ގަސްތަކުގެ ތެރެއަށް އަޒުހާން 'ގެއްލުނީ' އެވެ. އޭގެ 14 ދުވަސް ފަހުން، އާއިލާ އާއި ރަހުމަތްތެރިން އޭނާ ހެޔޮ ހާލުގައި ފެންނާނެ ކަމުގެ އުންމީދުގައި ތިއްބާ، ފުލުހުން އެ ސަރަހައްދުން ހޯދީ އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ފުރާނަ ނެތް މަސްގަނޑެވެ. ގިނަ ދުވަސް ވެގެން އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.

ހ. ބޮނޑިކަނދޮޅުގޭ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ގެއްލުމާ އެކު، ނުފެނި ދުވަސްތަކެއް ވާން ފެށުމުން އޭރު އެކި ގޮތްތަކަށް ވާހަކަތައް ދައްކަން ފެށި އެވެ؛ ބަޔަކު އޭނާ ރަހީނުކުރީ އެވެ. މަސްތުވާތަކެތީގެ މުއާމަލާތެއްގައި ފައިސާގެ މައްސަލައެއް ޖެހިގެން ފިލީ އެވެ. މިހެން ގޮސް، ހަގީގަތް ނޭނގޭ އެތައް ވާހަކައެއް ފެތުރުނެވެ.

ބައެއް މީޑިއާތަކުން އެގޮތަށް ރިޕޯޓު ވެސް ކުރި އެވެ.

އަޒުހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު ބަންދުކޮށް، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

'ދައުރު'ގެ ޓީމުން މިދިޔަ ދުވަސްތަކުގައި އެ އަޑުތަކާއި ޝައްކުތަކާއި ވަހުމް އިތުރަށް ބެލި އެވެ. އޭރު އުފެދުނު ސުވާލުތަކަކީ، އަޒުހާނަށް އަސްލު ވީ ކިހިނެއް ހެއްޔެވެ؟ އެ ގަސްތަކުގެ ތެރެއަށް އޭނާ 'ގެއްލުމު'ގެ ކުރިން ވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ފަހު ވަގުތުތަކުގެ ހަރަކާތްތައް ހުރީ ކިހިނެއް ހެއްޔެވެ؟ އޭނާ އެންމެ ފަހުން ހުރި ގެސްޓްހައުސް އާއި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓްގައި ކަމެއް ހިނގި ހެއްޔެވެ؟

  • ސެޕްޓެމްބަރު 17 - މެންދުރު 3

އަޒުހާން އާއި އޭނާގެ ލޯބިވެރިޔާ ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސައިޑް ގެސްޓްހައުސަށް ޗެކިންވާން ދިޔަ ގަޑިއަކީ މި އެވެ. އެ ގެސްޓްހައުސްގެ ދެވަނަ ބުރީގައި ހުރި ކޮޓަރިއަށް، އެއް ދުވަހުގެ މުއްދަތަށް ފައިސާ ދެއްކީ އޭނާގެ ލޯބިވެރިޔާ އެވެ. އޭރު ވެސް ދެ މީހުންގެ ފަރާތުން މާ ބޮޑު ނުރުހުމެއް، ކަންބޮޑުވާ ކަމެއް އަދި ނުތަނަވަސް ކަމެއް ވެސް ނެތް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ.

ދެ މީހުން ވެސް ތިބީ ވަރަށް ހަމަޖެހިލައިގެންނެވެ. 

އަޒުހާން ބުނީ ތިމަންނައަށް ހީވެޔޭ ބަޔަކު އޭނާ ދުއްވާލަން އައިސްދާނޭ

އަހްމަދު ހާނީ ބަދީއު/ އަޒުހާންގެ އެކުވެރިއެއް

ނަމަވެސް ޗެކިންވެ، އިރުއޮއްސުނު ފަހުން ދެ މީހުން ތިބި 203 ނަންބަރު ކޮޓަރިން ޒުވާބުގެ އަޑު އިވުނެވެ. އެހެން ކޮޓަރިތަކުގައި ތިބި ގެސްޓުންނަށް ވެސް އުނދަގޫވި އެވެ. ބައެއް މީހުންނަށް އެ އަޑު ސިފަވީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން ޒުވާބު ކުރަނީ ކަމަށެވެ. ނަމަވެސް ދެ ލޯބިވެރިން އަޑުގަދަކޮށް ދެއްކީ ކޮން ވާހަކައެއް ކަމެއް ސާފެއްނުވެ އެވެ.

  • ރޭގަނޑު 8

އަޒުހާން އާއި އޭނާގެ ލޯބިވެރިޔާ ގެސްޓްހައުސް އިން ނުކުމެ ކުރިމަތީގައި އޮންނަ ބީޗަށް ދިޔަ އެވެ. ނަމަވެސް މާ ގިނަ އިރެއް ނުވެ އަނެއްކާވެސް ގެސްޓްހައުސްއަށް ވަނެވެ. ނުކުތީ ކީއްކުރަން ކަމެއް ނޭނގެ އެވެ. ދެތިން ފަހަރަކު އެގޮތަށް އެ މީހުން ގެސްޓްހައުސް އިން ނުކުމެ އަނެއްކާވެސް ވަން ކަމަށްވެ އެވެ. 

  • ސެޕްމްބަރު 18 - ދަންވަރު 1:06

އަނެއްކާވެސް ދެ މީހުން އެކުގައި ގެސްޓްހައުސް އިން ނުކުތެވެ. އޭރު ނުކުތުމުން ގެސްޓްހައުސްގެ ސެކިއުރިޓީ ގާޑު ޗެކްއައުޓް ވަނީތޯ އަޒުހާންއާ ސުވާލުކުރި އެވެ. ޗެކްއައުޓްވާ ނަމަ، ކޮޓަރީގެ ކީ ކާޑު ދީފައި ދާން އެދުނެވެ. ނަމަވެސް ޖަވާބުގައި އަޒުހާން ބުނި ކަމަށް ވަނީ ޗެކްއައުޓް ވާނީ "ހެނދުނު 11 ޖަހާއިރު ނޫން ހެއްޔޭ" އެވެ. އަދި ޗެކްއައުޓް ވާން ޖެހޭ ވަގުތުގެ ކުރިން އެނބުރި އަންނާނަމޭ ބުނި ކަމަށް 'ދައުރު'އަށް އެނގިފައިވެ އެވެ. 

ހުޅުމާލޭ ބީޗު މަގެއްގައި ބަޔަކު ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭގެ ގާތްގަނޑަކަށް ފަސް މިނެޓް ފަހުން އަނެއްކާވެސް ދެ މީހުން އެކުގައި ގެސްޓްހައުސްއަށް ވަނެވެ. ފުރަތަމަ ލިފްޓަށް އެރީ ލޯބިވެރިޔާ އެވެ. އަޒުހާން ލިފްޓަށް އަރަން އުޅުމުން ލޯބިވެރިޔާ އަޒުހާން ކޮއްޕާލި ކަމަށް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ. އެއީ ރުޅި އައިސްގެން ކަމެއް ނުވަތަ މަޖަލަކަށް ކަމަށް ނޭނގެ އެވެ. ބޮޑަށް ބުރަވެވެނީ، ލޯބިވެރިޔާ އަޒުހާން ލިފްޓަށް ނާރުވާން ކުރި ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ދެ މީހުން އެކުގައި ލިފްޓުން ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.

  • ދަންވަރު 3

މިފަހަރު ގެސްޓްހައުސް އިން ނުކުންނަނީ ލޯބިވެރިޔާ އެކަންޏެވެ. އަޒުހާން އޮތީ ކޮޓަރީގަ އެވެ. ލޯބިވެރިޔާ އޭރު ގެސްޓްހައުސް އިން ނުކުމެގެން ދިޔަ ގޮތަށް އަނބުރާ ނާދެ އެވެ. އޭނާ ދިޔައީ މީހަކު/ބަޔަކާ އެކު ނުވަތަ އެކަނި ކަމެއް ސާފެއް ނުވި އެވެ. މިއީ ލިފްޓަށް އަރަނިކޮށް އަޒުހާން ކޮއްޕާލި ކަމަށް ބުނާ ވަގުތުގެ ދެ ގަޑިއިރެއްހާ ފަހެވެ.

ލޯބިވެރިޔާއާ އެކު 'ބޮޑު ފައިޓެއް'

ލޯބިވެރިޔާ ނުކުމެގެން ދިޔަތާ ފަސް މިނެޓެއް ހާއިރު ފަހުން، އަޒުހާން ނުކުމެ އެވެ. އޭރު ގަޑިން ވާނީ ދަންވަރު 3:06 އެވެ. ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އަޒުހާން ދިޔައީ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުގައި ހުރި އެޕާޓްމަންޓަކަށެވެ. އެ އެޕާޓްމަންޓްގައި މިހާރު ދިރުއުޅެމުން އަންނަނީ އަޒުހާންގެ ރައްޓެއްސެއް ކަމަށްވާ އަހްމަދު ހާނީ ބަދީއު އެވެ.

އަޒުހާން ހިޔާ ފްލެޓުން އެރި ހުދު ކުލައިގެ ކާރު. (ފޮޓޯ/ ފުލުހުން)

ގެސްޓްހައުސްގެ ކޮޓަރިން ދެ ލޯބިވެރިން ނުކުމެގެން ދިޔައިރު ފާހަގަވި ބައެއް ކަންކަން:

  • އެ ކޮޓަރީގެ ސްމޯކް ޑިޓެކްޓާ ހުރީ ނައްޓާލާފައި؛ ގިނަ އަދަދަކަށް ސިނގިރޭޓް ބޮއެފައި ބަޓް ބުރިތައް ހުރި

  • މީޑިއާ ނެޓުގެ ވާގަނޑު ހުރީ ކަރަންޓުން ކަނޑާލާފައި؛ ބެލެވެނީ ކޮންމެވެސް އެކަކު ޓީވީ ބަލާތީ ވާގަނޑު ނައްޓާލީ ކަމަށް

  • ޓެލެފޯނުގެ ވާގަނޑު ވެސް އޮތީ ނައްޓާލާފައި

  • އެއްވެސް އެއްޗަކަށް ގެއްލުމެއް ދީފައެއް ނުވޭ

  • މަސްތުވަތާކެތީގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތް

ގެސްޓްހައުސްގެ ކޮޓަރި ތެރޭގައި ދެ މީހުންގެ ދެމެދުގައި ކޯޅުމެއް ހިނގާފައިވާ ކަމަށް އިތުރަށް ބާރު ލިބެނީ އަޒުހާންގެ އެކުވެރި ހާނީ 'ދައުރު'އާ ހިއްސާ ކުރި މައުލޫމާތުތަކުންނެވެ.

ލޯބިވެރިޔާ 3 ޖެހި އިރު ގެސްޓްހައުސް އިން ނުކުމުގެން ދިޔުމާ އެކު އަޒުހާން މެސެޖްކުރީ ހާނީ އަށެވެ.

"އަޒުހާން މެސެޖްކޮށްފައި ބުނަނީ ބްރޯ ވަރަށް ކަޑައެއްޗެއް ވެއްޖެއޭ،" އެރޭ ކަން ހިނގި ގޮތް ހާނީ ކިޔައިދެމުން ބުންޏެވެ.

ޖަވާބުގައި ކިހިނެއްވީތޯ ހާނީ މެސެޖުން އެހި އެވެ.

އެ މެސަޖަށް ފަހު، އަޒުހާން ގެސްޓްހައުސްގައި ހުރެ ހާނީއާ ފޯނުން ވާހަކަ ދެއްކި އެވެ.

"އަޒުހާން ބުނީ [ލޯބިވެރިޔާގެ ނަން އުނިކޮށްފައި] އޭނާ ދޫކޮށްލާފައި ހިނގައްޖޭ ވަރަށް ބޮޑު ފައިޓެއް ކޮށްލާފައި. ވަރަށް ހާޑޭ،" ހާސްވެ، ވަރަށް ކަންބޮޑުވެފައި ހުރެ އަޒުހާން ވާހަކަ ދެއްކިކަން ފާހަގަކޮށް ހާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ގެސްޓްހައުސް ތެރޭ ދެ މީހުން ދެ މީހުންނަށް 'ތަޅައިގަތީ' އެވެ.

"ދެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަޒުހާން ނުބުނޭ. އެކަމަކު ދެ މީހުން މައްސަލައެއް ޖެހިގެން ބޮޑު ފައިޓެއް ކުރިކަން އޭނގޭ،" ހާނީ ބުންޏެވެ.

ފޯނުން ދެއްކި ވާހަކަތަކުން ދޭހަވަނީ، އަޒުހާން ހުރީ ލޯބިވެރިޔާއާ އެކު މި ޖެހުނު މައްސަލަގަނޑަށް ފަހު، "ބައެއްގެ ހަމަލާއެއް އަތުވެދާނެކަމުގެ ބިރުގައި" ކަމަށް ހާނީއަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށް ހާނީ ބުންޏެވެ.

"އަޒުހާން ބުނީ ތިމަންނައަށް ހީވެޔޭ ބަޔަކު އޭނާ ދުއްވާލަން އައިސްދާނޭ،" ފޯނުން އަޒުހާން ދެއްކި ވާހަކަތައް އިތުރަށް ކިޔައިދެމުން ހާނީ ބުންޏެވެ.

އަޒުހާންގެ އެ ވާހަކަ އެވަގުތު އެހާ ސީރިއަސްކޮށެއް ހާނީ ނުނަގަ އެވެ. އެއީ އަޒުހާންއަކީ، މިފަދަ ކަންކަމުގައި ވަރަށް ހާސްވެ، ކަންބޮޑުވެގެން ފުން ހިޔާލުތަކަށް ގޮސް، ބައެއް ކަންކަމުގައި "ވަރަށް ނެގެޓިވްކޮށް ވިސްނާ މީހެއް" ކަމަށް ވާތީ ކަމަށް ވެސް ހާނީ ބުންޏެވެ.

"އަހަރެން ބުނިން އެހެންވިއްޔާ އަންނާށޭ އަހަރެންގެ އެޕާޓާމަންޓަށް [ހިޔާގެ 13 ވަނަ ޓަވަރު]،" ހާނީ ބުންޏެވެ.

 ހާނީއާ ދެ މީހުންގެ މި ކޯލަށް ފަހު 3:06 ހާއިރު ގެސްޓްހައުސް އިން ހިޔާ ފްލެޓަށް އަޒުހާން ދިޔައީ އެވެ.

ލޯބިވެރިޔާއެކު ހިނގި ކޯޅުމަށް ފަހު އަޒުހާން ދިޔަ ހިޔާގެ 13 ވަނަ ޓަވަރު: މި ޓަވަރުގެ އެޕާޓްމަންޓެއްގައި އުޅެނީ އަޒުހާންގެ އެކުވެރިއެއް ކަމަށްވާ ހާނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ފަތިހު 4:53

އެ އެޕާޓްމަންޓްގައި ދެ ގަޑިއިރު އަޒުހާން ހޭދަކުރި އެވެ. އެ ތަނުގައި ހުއްޓާ ވެސް ލޯބިވެރިޔާ އަޒުހާނަށް ގުޅި އެވެ. ނަމަވެސް އަޒުހާން ފޯނު ނުނަގާ ކަމަށްވެ އެވެ.

"އަހަރެން ބުނިން އޭރު ވެސް ގެއަށް ދައްޗޭ. އޭރު ނޭނގެ ގެސްޓްހައުސްއަށް ކަމެއް މި ތަނުން ދިޔައީ،" ހިޔާގެ ހަތަރު ވަނަ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކު ދިރިއުޅެމުން ދިޔަ އަޒުހާންއާ އެކު ހިނގި އެންމެ ފަހުގެ މުއާމަލާތުގެ ތަފްސީލުތައް ކިޔައިދެމުން ހާނީ ބުންޏެވެ.

އެ ރެއަކީ ހާނީގެ އުފަން ދުވަހެވެ. އެ އެޕާޓްމަންޓްގައި ދެން ތިބީ ހާނީ އާއި އޭނާގެ އެހެން ރަހުމަތްތެރިއެކެވެ. އެރޭ ކަންވީ ގޮތް އެއްވެސް ދޮގެއް ނެތި ހުރިހާ ވާހަކައެއް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފުލުހުންނަށް ވެސް ކިޔައިދީފައިވާނެ ކަމަށް ހާނީ ބުންޏެވެ.

އަޒުހާން: އޭނާ ކަމަށް ބެލެވޭ މީހެއްގެ ކުނިވެފައިވާ ހަށިގަނޑު ފެނުނީ ގެއްލުތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން. (ފޮޓޯ/ އަޒުހާން ފޭސްބުކް ޕްރޮފައިލް)

ފުލުހުން ނެރުނު ބަޔާނުން އެނގޭ ގޮތުގައި 4:53ގައި ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ހިޔާގެ 13 ވަނަ ޓަވަރުން އަނެއްކާވެސް އަޒުހާން ދިޔައީ ގެސްޓްހައުސްއަށެވެ.

އެ ހުދު ކުލައިގެ ކާރު މަޑުކުރަނީ އަޒުހާން ހުރި ގެސްޓްހައުސްއަށް ވުރެ ތަންކޮޅެއް ދުރު ހިސާބަކަށެވެ. ސީދާ އަޒުހާން ހުރި ގެސްޓްހައުސް ކުރިމައްޗަކަށް ނޫނެވެ. ކާރުން ފައިބައިގެން ގޮސް، ގެސްޓްހައުސްއަށް ވަދެ، ދެން އަޒުހާން ދިޔައީ ކުއްޔަށް ނެގި 203 ކޮޓަރިއަށެވެ. 

  • ފަތިހު 5:30

އެކަނި އެ ކޮޓަރީގައި ބައި ގަޑިއެއް ހާއިރު އޮތުމަށް ފަހު، އެންމެ ފަހުން އަޒުހާން ގެސްޓްހައުސް އިން ނުކުތް ގަޑިއަކީ އެ އެވެ. ނުކުމެގެން ދިޔައީ ކީ ކާޑު ނުދީ އެވެ. އަދި ގެސްޓްހައުސް މީހުންނަށް ޗެކްއައުޓްވާކަން ވެސް ނާންގަ އެވެ.  އެ ތަނުން ނުކުމެގެން ދެން އޭނާ އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ކައިރިންނެވެ. އެ ހިސާބުން އަޒުހާން 'ގެއްލުނީ' އެވެ.

އަޒުހާން އެންމެ ފަހުން ފެނުނު ރެޑްބުލް ދަނޑު ސަރަހައްދު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

'ދައުރު' އިން އިތުރަށް ހޯދި އެހެން ބައެއް ހޯދުންތަކާއި ފާހަގަކުރެވޭ ކަންކަން:

  • ގެއްލުނުތާ ދެ ދުވަސް ފަހުން ހާނީގެ އެޕާޓްމަންޓްގައި ފޮރުވައިގެން ގެންގުޅެނީ ކަމަށް ބަލައި ލޯބިވެރިޔާ އެ ތަން ބަލަން ދިޔަ

  • މި ރިޕޯޓަށް މައުލޫމާތު ހޯދަން ލޯބިވެރިޔާއަށް ގުޅައި މެސެޖްކުރުމުން ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި

  • މިދިޔަ އަހަރު މެރާކީގައި އަޒުހާން މަސައްކަތް ކުރި؛ އޭގެ ފަހުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އުޅުނީ ގަލޮޅުގައި ހުންނަ ކޮފީ ޝޮޕެއްގައި

  • އެ ކޮފީ ޝޮޕްގެ ވަޒީފާއަށް އެންމެ ފަހުން ނުކުތީ ޖޫން ހިސާބުގައި

  • މި ފަހުން އޭނާ ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައި؛ ވަޒީފާއަށް ފަހުން ނުނިކުންނަނީ ބަލި ހާލަތު ހުރި ގޮތުން ކަމަށް އަޒުހާން ބުނެފައިވޭ

  • އަޒުހާންގެ މިހާރުގެ ލޯބިވެރިޔާއާ ރައްޓެހިވީ މި އަހަރުގެ ކުރީކޮޅު

  • އޭގެ ކުރިން އަޒުހާން 2020 ހިސާބުގައި ގާތްގަނޑަކަށް އެއް އަހަރު ވަންދެން އެހެން މީހަކާ ރައްޓެހިވެގެން އުޅުނު 

  • 2020 ވަނަ އަހަރުގެ ތެރޭގައި އެ އަންހެން މީހާއާ ރުޅިވި ހިސާބުން އަޒުހާން އިމޯޝަނަލީ ވަރަށް ޑައުންވި ކަމަށް އޭނާގެ ދުވަސްވީ ގާތް އެހެން ރަހްމަތްތެރިޔަކު ބުނި؛ މުޅި މީހާ ހިކި، ރައްޓެހިން އޭނާއަށް ވަރަށް ބޮޑަށް ބަލަން ޖެހުނު

  • އާއިލާ އިން ބުނެފައިވާ ގޮތުން، އަޒުހާންއަކީ މަސްތުވަތެކެއްޗާއި ގޭންގްތަކާ ގުޅުން އޮންނަ މީހެއް ނޫން

'ދައުރު'ގެ މި ހޯދުންތަކާ އެކު ވެސް އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އެބަ ހުއްޓެވެ. ނޭނގެނީ ސީދާ އަޒުހާންއަށް ވީ ގޮތެވެ. ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އަޒުހާން މަރާލި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

އޭނާގެ ފޯނު މިހާރު ވަނީ ހޯދައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ކަންކަން ނިއުޅިގެން ދާނެ ކަމަށް ބެލެވެ އެވެ. އަދި ބޭރަށް ހަށިގަނޑު ފޮނުވައިގެން ހަދާ އޮޓޮޕްސީން އެހެން މައުލޫމާތުތައް ވެސް ކަށަވަރުވާނެ އެވެ.

ކޮމެންޓް (26)

ރަފީގް

5 އޮކްޓޯބަރު 2022
މުޒައްޔިނުގެ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި. ތިއީ ވަރަށް މޮޅު ނޫސްވެރިއެއް. ފުލުހުންގެ އިންޓަރލިޖަންސް އިން ވަޒީފާ ދޭންވީ މި ފަދަ ދެވެހި ދަރިންނަށް. ހިތަވްރުގަދަކަމައި، ކެރުންތެރިކަމައި ޝައުޤުވެރިކަން އިންތިހާއަށް އެބަހުރި.
9 1

ރަޝިއްތާ

5 އޮކްޓޯބަރު 2022
ތިޔައީ ނޫސްވެރިކަމުގެ ލާމަސީލު ނަމޫނާއެއް. ބިރެއް ސިހުމެއްނެތި ، މި ފަދަ ނާމާން ދުވަސަވަރެއްގައި ތިޔަ ފަދަ ތަޙުޤީޤީ ލިޔުމެއް ލިޔެވޭނީ ވަރަށް ހިތްވަރުގަދަ ، ކެރޭ ނޫސްވެރިއަކަށްކަން ކަށަވަރު. ފަސް ކާފް ހަމަވާގޮތަށް ލިޔުމެއް ބައްޓަންކުރެވޭނީ ވަރަށް ހުނަރުވެރި ލިޔުންތެރިއަކަށް.ތިޔައީ ގއ.ވިލިނގިލި ފަޚުރުވެރިވާ ވަރަށް ޢިލްމީ ދަރިއެއް. މުޅި ވިލިނގިލި އެދެނީ ތިޔަ މައިދާނުގައި ކުރިއެރުމާއި އިތުރު ކާމިޔާބީމުޒައްޔިނު އަށް މިންވަރުކުރެއްވުން. މާތްﷲ މުޒައްޔިނު ތިކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތްލައްވާށި. އަދި މަސައްކަތުގެ މާޙައުލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަން މިންވަރުކުރައްވާށި!!! އާމީން
10 0

ާަަައަންތު

5 އޮކްޓޯބަރު 2022
ވަރަށް ފުރިހަމަ . ތީނޫސްވެރިންނަކީ.....
4 0

ބުހުތާނު

4 އޮކްޓޯބަރު 2022
މާ މޮޅު އެއްޗެއް ނެތް ނިޔަކު. ތި ސޮރަށް ނޭނގޭ އެކައްޗެއްވެސް.
7 20

ވިސްނަބަލަ

4 އޮކްޓޯބަރު 2022
މިކަހަލަ އާޓިކަލްތައް އާންމު ކުރީމާ އެކަން ކުރި މީހުންނަށް ހެކި ފޮރުވަން ފުރުސަތު ލިބިގެންދާނެ.. ނޫސްވެރިންނަކީ ކަންކަން ތަހްޤީގު ކުރަންތިބޭ ބައެއް ނޫން.. އެކަން ޕްރޮފެޝަނަލްކޮށް ކުރާ ބައެއް އޮންނާނެ ފުލުހުންނޭ ކިޔާ ބައެއް.. މިފަދަ ކްރިޓިކަލް މައުލޫމާތު މިހާ އަވަހަށް ހާމަ ކުރީމަ ކަޑަ
30 50

ޔެސް

4 އޮކްޓޯބަރު 2022
@ވިސްނަބަލަ އައި އެގްރީ ވިތް ޔޫ
6 3

ބަލަގަ

4 އޮކްޓޯބަރު 2022
@ވިސްނަބަލަ ފުލުހުން ނިދިން ހޭލި ދުވަހަކު އެމީހުންނަށް ކަމެއް ވާނީ، ޤައުމު ޚަރާބު ވެ ނިމިއްޖެ،
7 1

މޮހޮނު

4 އޮކްޓޯބަރު 2022
ފިލުހުންނައް ފީ މިރިޕޯޓު . މާފުރިހަމަ
15 3

ސެންޓި

4 އޮކްޓޯބަރު 2022
ޔޫރަޕް މީިުން އުޅޭހެން އުޅެނީ.ދެން ކިހިނެއް ވާނީ.ގާލް ފުރެންޑާ އެކު އެކަހެރިކޮށް ރޫމަށް ދިޔުން އެއީ ދައްކން ހުތުރު ވާހާކަ. ގައިމުވެސް މާ ރަނގަޅު އަދި ހަރުދަނާ އުޅުމެއް ހުރި މީހެއްނޫން.މުސްލިމު މުޖުތަމައެއްގަ ދއްކން ހުތުރުވާހާކަ ރިޕޯރޓްގަ އޮތީ.
88 9

ލިނބޯ

4 އޮކްޓޯބަރު 2022
އާއިލާ އިން ބުނެފައިވާ ގޮތުން، އަޒުހާންއަކީ މަސްތުވަތެކެއްޗާއި ގޭންގްތަކާ ގުޅުން އޮންނަ މީހެއް ނޫން ދެން ހާނީ ބަދީއު އަކީ މިސްކިތު މުދިމެއްތަ؟
55 8

ހަސަންތަކުރު

4 އޮކްޓޯބަރު 2022
@ލިނބޯ ހާނީ އަކީ ކޮކެއިން އަދި ރަލުގެ ވިޔަފާރި ކުރާ މީހެއް
0 0

ޖސަހސަހ

5 އޮކްޓޯބަރު 2022
@ލިނބޯ ހަހަހަހަހަހަ މަ ހީ ހީ ހަލާކު 😂😂😂😂
1 0

އަޒޫރާ

5 އޮކްޓޯބަރު 2022
@ލިނބޯ އާއިލާޔައް ގިނަފަހަރު އިނގޭނީވެސް ވާއެއްޗެއް ވީމަ. ޓްރެފިކިން ކަމަކަށް ވެދާނެ.
0 0

މަރްޔަމް ރަޝީދާ

4 އޮކްޓޯބަރު 2022
މުޒައްޔިނުގެ ވަރަށް ހުނަރުވެރި، ކުޅަދާނަ މަސައްކަތެއް. ނޫސްވެރިން ނަމޫނާ އަކަށް ބަލަންޖެހޭނީ މިފަދަ ނޫސްވެރިން. މިފަދަ ފުރިހަމަ ލިޔުމެއްލިޔެވޭނީ މި މަސައްކަތަށް ވަރަށް ބޮޑު ޝައުޤެއް ހުރެގެން. މުޒައްޔިނުއަށް އިތުރުކާމީޔާބީއަށް އެދެން.
84 3

ސުނީތާ

4 އޮކްޓޯބަރު 2022
ވަރަށް ފުރިހަމަ. މަ ބުނަމެއްނު މިއީ ތަފާތު ނޫސްވެރިކަމެއް ކުރާ ބައެކޭ. ގައިމު ވެސް ދައުރަކީ މިހާރު މގޭ ނަމްބަރ ވަން. ވޭޓުގޯ ގައީސް.
83 2

އޯސީސީއާރޕީ

4 އޮކްޓޯބަރު 2022
ފައިންޑް ދަ ގާރލްފުރެންޑް ޝީ އިޒް ބިހައިންޑް ދިސް
142 12

ޖައިސާމް

4 އޮކްޓޯބަރު 2022
@އޯސީސީއާރޕީ މީހެއްގެ ބޮލުގަ ތިވަރުގެ އިލްޒާމެއް އަޅުވާއިރު އާޚިރަތް ދުވަސް އޮންނަކަން ހަނދާން ބަހައްޓާތި. ފަހަރެއްގަ ވެދާނެ ގާރލްފްރެންޑްގެ އަތެއް ވާކަންވެސް. އެކަމު ތިހެން ބުނެވޭނީ ތަހުގީގަކަށްފަހު. އާޓިކަލްއަކަށް ފަހަކު ނޫން.
34 6

ކިޔު2 މަރުކާ މަތިންދާބޯޓު

4 އޮކްޓޯބަރު 2022
@އޯސީސީއާރޕީ ލެޓްސް ނޮޓް ފިކްސޭޓް އޮން އެން އެސަމްޝަން ޔެޓް
20 0

ހަސަންދީ

4 އޮކްޓޯބަރު 2022
@ޖައިސާމް ގިނަ މީހުންނަކީ ކަމެއް ފެންނައިރަށް ގޮތެއް ނިންމާ ޖަޖްމެންޓަލް ބައެއް.
18 8

ކަލޯގަޔާ

4 އޮކްޓޯބަރު 2022
@ޖައިސާމް އާޙިރަތޭ ކިޔާފަ ދެން މިބުނަނީ ގާރލްފްރެންޑޭ! އަމިއްލައަށް ދެއްކޭ ވާހަކަ އެބަ އިނގޭތަ؟ ކައިވެނިން ބޭރުން ގާލްފްރެންޑް އޯކޭ އެކަމު އިލްޒާމު ކަޑަ؟
56 3

މުރާދު

4 އޮކްޓޯބަރު 2022
ދައުރު މީހުންނަށް ތިވާރު ހޯދުނުއިރު ފުލުހުނަށއ ތިވަރުވެސް ނުވި؟
204 18

ބަރަނި

4 އޮކްޓޯބަރު 2022
@މުރާދު އެމީހުން މިވަރަށް ހޯދަން ނޫޅެންޔާ ނުވާނު؟ ފުޓޭޖުތައް ބަލައިގެން ކެމެރާ އައް ގެއްލުނު ހިސާބުން އެތަން ބަލަން ދާންވެސް ހިތަކައް ނާރާ އެމީހުން
71 4

ގަލަން

4 އޮކްޓޯބަރު 2022
@ބަރަނި ތީ އަޅުގަނޑުވެސް މި ބުނާ ވާހަކަ. އެންމެ ފަހުން ފެނުނު ހިސާބުން ނޫންތޯ ބަލަން ފަށަންވާނީ. ހަމައެކަނި އޮތް ގަސްކޮޅު މިރަށުގަ. ހަމީދު ކޮމިޔުނިޓީ ޕޮލިސް ގެނައިފަހުން ކޮމިޔުނިޓީ މާ ބިރުވެރި ވެއްޖެ! ކީއްތޯ ކުރއްވަނީ ބޮޑު މުސާރަ ނަންގަވައިން!!!
17 0

ާެއޭއާރު

4 އޮކްޓޯބަރު 2022
ފުލުހުންގެ ބަޔާނަށް ވުރެ މައުލޫމާތު މުއްސަނދި އާޓިކަލް އެއް. މީ ހަގީގީ ނޫސްވެރިކަމަކީ. 👏
420 27

ހަސަން

4 އޮކްޓޯބަރު 2022
@ާެއޭއާރު ބަލަގަ ފުލުހުން ތަޙްޤީޤަށް ލިބޭ މައުލޫމާތު ނުޖެހޭ ބަޔާނުން ހާމަކުރާކަށް..
73 41

ހަހަހަހަ

5 އޮކްޓޯބަރު 2022
@ހަސަން އެހެންވެއްޖެޔާ ދެފުށް ފެންނަ ތަހުގީގޭ ނުކިޔަނީ. ތަހުގީގެއް ކުރެވިގެނެއްނުން އެއްޗެއް ހާމަ ކުރެވޭނީ. ސިޔާ އޭ ކިޔާ އަންހެން ކުއްޖާ އަށް ކޮށްލިވަރު. މިއަދާ ހަމައަށް ވެސް އެއްވެސް މައުލޫމާތެއް ނުލިބޭ. މިވަރުގެ ކަމެއް އަދި ނެތް ރާއްޖޭގަ އަންހެން ކުއްޖަކަށް ކޮށްފައެއް. މިހިސާބުން އެވާހަކަ އޮތީ ނިމިފަ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް