އދ.ގެ އާންމު މަޖިލީހުގައި ޝާހިދު ރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/އދ.)

ރާއްޖެ-އދ

މޫސުމީ ބަދަލުތަކަށް އަހުލުވެރިވާން ދޭން ބުނި ފައިސާގެ ބޮޑު ބައި އަދިވެސް ނުދޭ: ޝާހިދު

ޝާހިދު ވަނީ އެއްބަސްވެފައިވާ ގޮތަށް ފައިސާ ދިނުމަށް ބޮޑެތި ގައުމުތަކަށް ގޮވާލައްވާފައި
24 ސެޕްޓެމްބަރު 2022

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެ ކަންކަމަށް ހޭނުމަށް ކުދި ގައުމުތަކަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާގެ ބޮޑު ބައެއް އަދިވެސް ނުދޭ ކަމަށް ވިދާޅުވެ، އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ދިނުމަށް ބޮޑެތި ގައުމުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އދ.ގެ އާންމު މަޖިލީހުގެ 77 ވަނަ ދައުރުގެ ބަހުސްގައި ރާއްޖެ ތަމްސީލު ކުރައްވާފައި ވަނީ، އެ މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދެވެ. އޭނާ ވަނީ ރާއްޖޭގެ ބަޔާން ރޭ އިއްވަވާފަ އެވެ.

ބުނީ ކީކޭ؟ - ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާ ބޮޑު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • 2030 އަންނަން ވާއިރަށް ނެޓް ޒީރޯއަށް ވާސިލްވުމަށް ރާއްޖޭން ވަނީ ގައުމީ ޕްލޭނެއް އެކުލަވާލައި އެ އަމާޒަށް މަސައްކަތް ކުރަމުން 

  • އެ އަމާޒަށް ވާސިލުވެވޭނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން

ކޯޕަންހޭގަންގައި 2009ގައި ބޭއްވި ކޮޕް15 ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކަށް ހޭނުމަށް 100 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ގައުމުތަކުން "އުއްމީދީ ވައުދެއް" ވެފައި ވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"ނަމަވެސް، 2022 ވަނަ އަހަރު ގުނަމުން އަންނަ އިރު ވެސް އެ ވައުދު ފުއްދުމަށް ދުނިޔެ އޮތީ ވަރަށް ދުރުގައި،" އޭނާ ވިދާޅުވި އެވެ.

"މިދިޔަ 2021 ވަނަ އަހަރު ގްލާސްގޯގައި އެއްބަސްވެފައިވާ ގޮތަށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީތެރިކަން ދެ ގުނައަށް އިތުރުކުރުމަށް އަޅުގަނޑުމެންގެ ބައިވެރިންނަށް އިލްތިމާސްކުރަން."

އެނގުން މުހިންމު - މިދިޔަ އަހަރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސްގައި ރާއްޖެ ތަމްސީލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނު ދެއްވި ތަގުރީރުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެ ކަންކަމަށް ހޭނުމަށް ކުދި ގައުމުތަކަށް ފަސޭހައިން އަދި ލުއި ގޮތެއްގައި ފައިސާ ފޯރުކޮށްދިނުމަށް ބޮޑެތި ގައުމުތަކަށް ގޮވާލައްވާފަ އެވެ.

'އދ.ގެ ދެވަނަ ވާޝަންއެއް ބޭނުންވޭ'

ޝާހިދު ވަނީ، އދ. އަކީ ބޭނުންތެރި ތަނަކަށް ހެދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައްވާފަ އެވެ.

"މި ޒަމާނުގައި ކުރިމަތިވަމުން ދަނީ ވަރަށް ބޮޑެތި، ވަރަށް ގިނަ ގުނަ މައްސަލަތަކެއް. އާ ގޮންޖެހުންތަކަށް މުސްކުޅި ހައްލުތަކެއް އަޅުގަނޑުމެންނަކަށް ބޭނުމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ނިޒާމު އިސްލާހު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ބޭނުންވަނީ އދ.ގެ ދެވަނަ ވާޝަންއެއް."

އދ. އަލުން ދިރުވައި އާލާކުރުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކަށް ވާން ޖެހޭނީ، ޝާހިދު ވިދާޅުވި ގޮތުގައި، ސަލާމަތީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ.

"ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތަކުގެ އަދަދު ވެސް އިތުރުކޮށް، އެ މަޖިލިސް މިހާރަށް ވުރެ ޒިންމާދާރު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން ކެނޑިނޭޅި ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އދ. 1945 ވަނަ އަހަރު އުފެއްދީއްސުރެ ނުދެކޭ ފަދަ ބޮޑެތި ގޮންޖެހުންތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ޝާހިދު ބައެއް މިސާލުތައް ވެސް ދެއްކެވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ބައެއް މުހިންމު ކަންކަމަކީ:

  • މޫސުމީ ކާރިސާގެ އަސަރު ބޮޑުވަމުން ދިއުން 

  • އިގްތިސާދުތައް ހީނަރުވުން 

  • މި ފަހުން ކުރިމަތި ނުވާ ފަދަ ބޮޑު ބަލިމަޑުކަމަކާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުން

"އެކަމަކު އަޅުގަނޑުމެން އެންމެން ގުޅިގެން މި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ. މުޅި އިންސާނިއްޔަތަށް އުޖާލާ މުސްތަބަލެއް ހޯދައިދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބާރާއި ހީވާގިކަމާއި މުރާލިކަން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގައި ހިމެނޭ ގައުމުތަކުގެ މެދުގައިވާ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެ ތަސައްވުރު ހާސިލު ކުރުމުގައި ރާއްޖޭން އަބަދުވެސް އެއްބާރުލުން ދޭނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް