އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި 'ޔުނައިޓެޑް ނޭޝަންސް ސެކްރެޓަރީ ޖެނެރަލްސް ކްލައިމެޓް މޮމެންޓު'ގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ (ކ) އާއި ރައީސް ސޯލިހް (މ) ވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށް އެހީވާން ބޮޑެތި ގައުމުތަކަށް ރައީސް ގޮވާލައްވައިފި

ރައީސް ވަނީ، 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފައި
21 ސެޕްޓެމްބަރު 2021

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެ ކަންކަމަށް ހޭނުމަށްޓަކައި ކުދި ގައުމުތަކަށް ފަސޭހައިން އަދި ލުއި ގޮތެއްގައި ފައިސާ ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ގައުމުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.

ބުނީ ކީކޭ؟ - އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި 'ޔުނައިޓެޑް ނޭޝަންސް ސެކްރެޓަރީ ޖެނެރަލްސް ކްލައިމެޓް މޮމެންޓު' ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ހިންގާ މަޝްރޫއުތަކަށް ފަސޭހައިން ފައިސާ ނުލިބޭ ކަމަށެވެ.

"އެއީ، އެފަދަ މަޝްރޫއުތަކުގެ އަގުބޮޑުވުމާއި ސީދާ ގޮތެއްގައި މާލީ ފައިދާއެއް ނުކުރާތީ،" އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އދ.ގެ މައި އިދާރާގައި އޮތް ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

 'ޔުނައިޓެޑް ނޭޝަންސް ސެކްރެޓަރީ ޖެނެރަލްސް ކްލައިމެޓް މޮމެންޓު' ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވާހަކަދައްކަވަނީ. (ވީޑިއޯ/އދ.)

ތަރައްގީވެފައިވާ ގައުމުތަކަށް ރައީސް ގޮވާލެއްވީ:

  • މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މާލީ އިދާރަތަކާއި ބޭންކުތަކުން ފޯރުކޮށްދޭ ފައިސާ އިތުރުކޮށްދިނުމަށް

  • ގްރީން ކްލައިމެޓް ފަންޑަށް ފައިސާ ދިނުމަށް

  • މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުން އެ ބަދަލުތަކަށް އަހުލުވެރިވާން ކުރާ މަސައްކަތްތަތަކަށް ގްރީން ކްލައިމެޓް ފަންޑުން ފައިސާ ލިބޭނެކަން ޔަގީންކޮށްދިނުމަށް

  • އަންނަ މަހު ބާއްވާ ކޮޕް26 ސަމިޓުގެ ކުރިން، ތެލާއި އެފަދަ ތިމާވެއްޓާ ރަށްޓެހި ނޫން ހަކަތަ އުފައްދާ ވަސީލަތްތަކަށް ދޭ ސަބްސިޑީތަކާ ދެކޮޅަށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިގްތިސާދު ހިމެނޭ ޖީ20 އިން ފިޔަވަޅު އެޅުމަށް

"ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭންކުތައް މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެކަށޭނަ މިންވަރަކަށް، ލުއި ގޮތްތަކެއްގެ މަތިން ފައިސާ ލިބޭނެކަން ކަށަވަރުކޮށްދިނުމަށް އެންމެހާ ލީޑަރުންނަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭންކުތައް މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެކަށޭނަ މިންވަރަކަށް، ލުއި ގޮތްތަކެއްގެ މަތިން ފައިސާ ލިބޭނެކަން ކަށަވަރުކޮށްދިނުމަށް އެންމެހާ ލީޑަރުންނަށް ގޮވާލަން.

ރައީސް ސޯލިހް

އިތުރު ތަފްސީލް - ރައީސް ވަނީ، 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް 2015 ގައި ސޮއިކުރި ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑި އަށް ހާސިލްވުމަށް މަސައްކަތްކުރުމަށް ވެސް ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލައްވައިފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • ކުދި ގައުމުތަކުން އެންމެ ފުރަތަމަ އެ ލަނޑުދަނޑި އަށް ވަކާލާތުކުރަން ފެށިއިރު، އެއީ ހާސިލްކުރުމުގެ ފުރުސަތު ބޮޑު ކަމެއްކަން

  • އެކަމަކު، ދުނިޔޭގެ ހޫނުމިން މިހާރު ވެސް 1.1 ޑިގްރީ އަށް އަރާފައިވާއިރު، 1.5 ޑިގްރީގެ އަމާޒަކީ މިހާރު ހާސިލްކުރެވުމަށް ވުރެ ނުވުން ގާތް ލަނޑުދަނޑިއެއްކަން

"އަޅުގަނޑުގެ ބިރަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ވަރަށް ބޮޑުތަނުން މަދު ނުކުރެވިއްޖެ ނަމަ، ޕެރިސް އެއްބަސްވުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެކަން،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރިޔާސަތު ބަލަހައްޓަވާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ބަހުސްގައި ރައީސް ސޯލިހް މާދަމާ ތަގުރީރުކުރައްވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް