އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމާއި ޔާމީން. (ފޮޓޯ/އަބްދުﷲ އަބީދު)

މިހުރީ ޕާޓީގެ މަސައްކަތުގައި ޔާމީންއާ އެކު؛ ބައިބައިވުމަށް ޖާގައެއް ނެތް: އަބްދުއްރަހީމް

ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން އަންނަނީ ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ތެރޭގައި ބައިވައިވުން ހާމަކުރައްވަމުން
23 ސެޕްޓެމްބަރު 2022
1

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އެތެރޭގައި ސިޔާސީ ކޯޅުން ބޮޑުވެ ޕާޓީގެ މަސައްކަތްތަކާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ދުރުވެފައިވާ ކަމަށް އެ ޕާޓީގެ ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ތުހުމަތުތައް އޭނާ މިއަދު ދޮގު ކުރައްވައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންއާ އެކު ހުންނެވި ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމްގެ ހަޒާންދާރު އަދި ޔާމީންގެ ވަރަށް އަރިސްބޭފުޅުންގެ ތެރޭގައި ހިމެނޭ އަހުމަދު މުސްތޮފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެފައި އޮތް ގޮތް ސިފަކޮށްދެއްވައިފަ އެވެ.

އޭނާ ލިޔުއްވި ގޮތުގައި ޔާމީންގެ ބޯމަތިން މިނިކާ ބާޒުތައް އަދި ތިރިން ހިޔަޅުތައް ވަނީ ދިމާކޮށްލައިފަ އެވެ. ރައީސް ޔާމީންއަކީ ޖަންގަލީގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރައްވަމުން މުސްތޮފާ ވިދާޅުވެފައިވަނީ ޔާމީންއާ ހަސަދަވެރިވާ މީހުން ބަލަނީ، "ނިކަން ބާރަށް މައްޗަށް ޖެހިގަނެ ވެރިވެގަނެވޭތޯ" ކަމަށެވެ.

މުސްތޮފާގެ ޓްވީޓް

ތަފްސީލް - އެ ޓްވީޓަާ ގުޅިގެން މުސްތޮފާއާ އަމާޒުވި އެއް ސުވާލަކަށްވީ އޭނާ ވިދާޅުވާ ބާޒާއި ހިޔަޅުގެ ތެރެއިން އަބްދުރަހީމް ނިސްބަތްވަނީ ކޮން ދިމާލަކަށް ތޯ އެވެ. އެ ސުވާލަށް ފާޅުގައި ޖަވާބު ދެއްވަމުން ކުރެއްވި ޓްވީޓްގައި މުސްތޮފާ، އަބްދުއްރަހީމް ސިފަކުރެއްވީ ތަފާތު ތިން ކުލަޔަކަށް ފޮޅޭ މަލެއްގެ ގޮތުގަ އެވެ.

"ބޯކިރު ކުލަޔާ، ދަނބުކުލަ އަދި ރީދޫ ކުލަޔަށްވެސް ފޮޅޭނެ،" ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ސްޓާފުކަން ވެސް ކުރެއްވި މުސްތޮފާ އަބްދުއްރަހީމްއަށް ނިސްބަތްކޮށް ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ބުނި ގޮތުގައި މުސްތޮފާ އެ ވިދާޅުވަނީ އިދިކޮޅު ކޯލިޝަންގައި އަބްދުއްރަހީމް ހުންނެވި ނަމަވެސް، އެކި އިރު ހުންނަވަނީ އެކި ޕާޓީގެ ވިސްނުމުގައި ކަމަަށެވެ. އެގޮތަށް އެކި ފަރާތްތަކުން މާނަ ނެގި ނަމަވެސް މުސްތޮފާ އޭގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅެއް ނުވެ އެވެ.

ޕީޕީއެމްގެ އެކި މަސްދަރުތަކުން ބުނާ ގޮތުގައި އަބްދުއްރަހީމްއާ މެދު އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެކަމާ ވިދިގެން އަބްދުއްރަހީމް ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.  

 ބުނީ ކީކޭ؟ - އެ އަޑުތަކާ ގުޅިގެން އަބްދުއްރަހީމްއާ މިއަދު 'ދައުރު'އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކާ "ބޭކާރު" ވާހަކަތަކަށް ރައްދު ދެއްވަން ވަގުތެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތްކޮށް ޔާމީން އަނބުރާ ވެރިކަމަށް ގެންނަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަން ފިތުނަކޮށް ބައިބައިވުން އުފައްދަން ޖާގަ ނުދެއްވާނޭ ކަމަށް ވެސް އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.

03 ސެޕްޓެމްބަރު 2021 ގައި އިދިކޮޅު ކޯލިޝަނުން "އައްޑަނަ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޖުނައިދު)

"އަޅުގަނޑު މިހާރުވެސް މިހުރީ ޕާޓީގެ މަސައްކަތެއްގައި، ރައީސް ޔާމީންގެ ކެމްޕޭންގެ މަސައްކަތެއްގައި މާލެއިން ބޭރުގައި. ޕާޓީއާ އެކު ސާބިތުކަމާ އެކު އަޅުގަނޑު މި ހުރީ. އެއްވެސް އިރަކު ދުރަކަށް ނުދަން. ބައިބައިކޮށްލުމަށް ކުރާ މަސައްކަތަށް އެއީ ކޮންމެ ބޭފުޅަކު ކުރި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ތެރޭގައި ޖާގައެއް ނެތް. ޕީޕީއެމް ޕީއެންސީގެ ސެނެޓް، މެންބަރުން އަޅުގަނޑުމެން އެންމެން މިތިބީ ސާބިތުކަމާ އެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހުރިހާ ފޯކަސްއެއް މިހުރީ 2023 ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދޭން. އެ މަސައްކަތުގައި ސާބިތުވާނަން."

ފާހަގަކޮށްލެވޭ ކަމެއް - ޔާމީންއަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ދީފައިވީ ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ހުކުމް އަންނަ ގޮތަކުން ވެރިކަމަށް ކުރިމަތިލުމުގެ ޖާގަ ޔާމީންއަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޕީޕީއެމްގެ ތެރެއިން ރިޔާސީ ޓިކެޓް ހޯއްދެވުމަށް ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ހުރެ އެގޮތަށް މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އަރަ އެވެ.

އަބްދުއްރަހީމްއާ މެދު ނުތަނަވަސްކަން އުފެދުނީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބައެއް ފަރާތްތަކަށް އަބްދުއްރަހީމް ވާގިވެރިވެ ތާއީދު ކުރައްވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

'ޕާޓީ އޮތީ ބަދަހިކޮށް؛ ފޯކަސް އޮތީ އިންތިހާބަށް'

އެ އަޑުތަކާ ވިދިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވެސް މިއަދު ވަނީ އަބްދުއްރަހީމްއަށް އިތުބާރު އޮތްކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ ޔާމީންގެ ފުރިހަމަ އިތުބާރު އަބްދުއްރަހީމްއަށް އެބަ އޮތް ކަމަށެވެ. އަދި އެ ޕާޓީ އޮތީ ބަދަލިކޮށް ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުމުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި އަދި އިތުރަށް ބުނީ ހަގީގަތެއް ނެތް "ބޭކާރު" ވާހަކަތަކުން ކޯލިޝަންގެ ލީޑާޝިޕް ބައިބައިކޮށް ބަލިކޮށްލެވޭނެ ކަމަށް ގަބޫލުކުރެވޭނަމަ އެއީ ކުށްހީއެއް ކަމަށެވެ.

ގުޅުން ހުރި ކަމެއް - ސޯޝަލް މީޑިއާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް އިދިކޮޅުގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ދަނީ ތިލަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް ޕީޕީއެމް ތަމްސީލުކުރާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ދެބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް، ފައިސާއާ ގުޅުވައިގެން، 'މަލާމާތު'ގެ ބަސްތަކެއް ރައްދުކުރައްވާފަ އެވެ. 'ދައުރު' އަށް އެނގިފައިވާ ގޮތުގައި އެ ދެ މެންބަރުން ނިސްބަތްވަނީ، ދެ ފެކްޝަނަކަށެވެ. 

އިތުރަށް ކިޔާލަން-

  • ޕީޕީއެމްގެ އެތެރޭގެ ކޯޅުން މަޖިލިހަށް: ސައީދު ވިދާޅުވި ވާހަކައަށް ތޯރިގުގެ ރައްދެއް

  • ޕީޕީއެމްގެ އެތެރޭގައި ރެނދެއް، ޔާމީން ކުއްލި ބައްދަލުވުމަކަށް

ކޮމެންޓް (1)

އިބްރޭ

23 ސެޕްޓެމްބަރު 2022
ކޮންތާކު އަދުރޭ؟ ލގައި ޕާޓީ މަސައްކަތޭ؟ އޮތީ ހަމަނުޖެހުން ނޫންތޯ؟ ތިދެން އެއްގަލަށް އަރާވަރައްވުރެ މަ ގޯސްވެފަ އޮތީ އަސްލު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް