ޑރ. އަބްދުﷲ ވަހީދު: އޭނާ ވަނީ މިއަދު އަވަހާރަވެފައި.

މަރު

ހިދުމަތްތެރިޔާ ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެ

އިންޑިއާ އިން އެމްބީބީއެސް ހާސިލް ކުރެއްވި ދިވެހި ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ވަހީދު ހިދުމަތާ ގުޅިވަޑައިގެންނެވީ 1984ގައި
20 ސެޕްޓެމްބަރު 2022
1

ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވަހީދު އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ތަފްސީލް - އިންޑިއާ އިން އެމްބީބީއެސް ހާސިލް ކުރެއްވި ދިވެހި ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ވަހީދު ހިދުމަތާ ގުޅިވަޑައިގެންނެވީ 1984ގަ އެވެ. އޭނާ ހިދުމަތް ފެއްޓެވީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހުރި ތަނުގައި އޭރު ހުރި ސެންޓްރަލް ހޮސްޕިޓަލުންނެވެ. އެއަށް ފަހު އޭނާ ވަނީ ސިއްހީ ދާއިރާގައި ހިދުމަތް ކުރެއްވުމުގެ އިތުރަށް ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.

ވަހީދުގެ ހިދުމަތް: 

  • 1-

    ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން

  • 2-

    އައިޖީއެމްއެޗް ހިންގެވުން

  • 3-

    ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުކަން

  • 4-

    އެންޑީއޭ ހިންގެވުން 

  • 5-

    އަތޮޅު ހޮސްޕިޓަލްތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި

ފާހަގަކޮށްލެވޭ ކަމެއް - ސިއްހީ ހާލަތު ހުރި ގޮތުން ވަހީދު ފަހުން ކުރެއްވި މަސައްކަތަކީ ތާރީހު ދިރާސާ ކުރެއްވުމެވެ. މީގެ އިތުރަށް ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތައް އަދި އަމިއްލަ ބްލޮގެއް މެދުވެރިކޮށް ތާރީހީ މައުލޫމާތު އޭނާ އާންމުންނަށް ގެންދެވީ ފޯރުކޮށްދެއްވަމުންނެވެ.

ވަހީދު: އޭނާ ވަނީ މިއަދު އަވަހާރަވެފައި.

'މިހާ ގިނަ ހިދުމަތްތަކެއް ކުރެއްވި ޑޮކްޓަރަކު މަދުވާނެ'

ވަހީދަކީ، އޭނާގެ ގާތް ބޭފުޅަކު ސިފަކުރެއްވި ގޮތުގައި، ވަރަށް މަޖާ މިޒާޖެއްގެ އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އަދި މަސައްކަތް ސީރިއަސްކޮށް ނަންގަވައި ކުރައްވާ މަސައްކަތެއް ފަރުވާ ބަހައްޓަވައިގެން ކުރެއްވި ބޭފުޅެކެވެ.

"އެނދުމަތި ވަންދެން ހިދުމަތުގައި އުޅުއްވި. އެހާ ގިނަ ހިދުމަތްތަކެއް ކުރެއްވި ޑޮކްޓަރަކު ވަރަށް މަދުވާނެ،" ވަހީދާ އެކު މަސައްކަތް ކުރެއްވި ގާތް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަހީދަކީ ކަސްރަތު ކުރުމާއި ރަށްޓެހިންނާ ގުޅުން ބޭއްވުމަށް އިސްކަން ދެއްވި ބޭފުޅެކެވެ.

"ވަރަށް ހިތްހެޔޮ، ރަށްޓެހިންނަށް ރަނގަޅު ބޭފުޅެއް އެއީ. ރަށްޓެހިންނާ އެކު ވަގުތު ހޭދަކުރައްވަން އިސްކަން ދެއްވި ބޭފުޅެއް،" ރަހުމަތްތެރިއަކު ވިދާޅުވި އެވެ.

ކޮމެންޓް (1)

އަލްއަމީރު

20 ސެޕްޓެމްބަރު 2022
އިންނާﷲ ވައިންނާ އިލައިހި ރާޖިއޫން! އުމުރު ވެސް ހިމަނާލި ނަމަ މި ލިޔުން އިތުރަށް ފުރިހަމަވީސް
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް