އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސްގެ ތެރެއިން 21 ސެޕްޓެމްބަރު 2021ގައި ބޭއްވި ފުރަތަމަ ސެޝަން ފެށުމުގެ ގޮތުން ޝާހިދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުކަން ލިބުމަކީ ރާއްޖެއަށް 'ދެވަނައެއް ނުވާ ވަރުގެ' ކާމިޔާބީއެއް: ޝާހިދު
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުކަން ރާއްޖެއަށް ލިބުމަކީ ރާއްޖެއަށާއި ރާއްޖޭގެ ފޮރިން ސާވިސްއަށް އެ ވަރުގެ ދެވަނައެއް ނެތް ކާމިޔާބީއެއް ކަމަށް އިއްޔެ މަގާމުގެ ދައުރު ހަމަވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝާހިދުގެ އެއް އަހަރުގެ ދައުރު ހަމަވެފައި ވަނީ އިއްޔެ އެވެ. އެގޮތުން:
-
އޭނާ ވަނީ ރޭ އެމެރިކާގެ ނިއުޔޯގައި ހުންނަ އދ.ގެ މައި އިދާރާގައި ވަދާއީ ތަގުރީރު ދެއްވާފައި
-
އެ ތަގުރީރުގައި އޭނާ ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދެއްކެވި
-
ރާއްޖޭގެ ކާމިޔާބީ ފާހަގަކުރައްވައި ސަރުކާރަށާއި އޭނާއާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި
ބުނީ ކީކޭ؟ - ޝާހިދު އޭނާގެ ތަގުރީރު ދިވެހި ބަހުން ފައްޓަވަމުން ވިދާޅުވީ، ރާއްޖެއަކީ ބައިމަދު، ކުޑަ، ޖަޒީރާ ގައުމަކަށް ވިޔަސް "ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަ އާއި އިންސާފާއި ސުލްހަ އާއި ހަމަޖެހުމަށް ލޯބިކުރާ މިނިވަން ދިދައެއްގެ ހިޔާގެ ދަށުގައިވާ ފަހުރުވެރި" ގައުމެއް ކަމަށެވެ.
އެ މަގާމު ދިވެއްސަކަށް ލިބުމަކީ، ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ
ނަތީޖާ އެވެ.
"ދުނިޔޭގެ ގައުމުތަކުގެ
އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެކި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އޭނާ ދިވެހި ރައްޔިތުންގެ ފަރާތުން އދ.އަށް ގެނެސްދިނީ "އުންމީދުގެ ރިޔާސަތެއް" ކަމަށެވެ.
"މި ވޭތުވެ ދިޔަ އެއް އަހަރު ބައިނަލްއަގުވާމީ މި ވަރުގަދަ ކިއްލާގެ އެންމެ އުސް ކުންނުގައި ވިހުރުވެމުން ދިޔައީ ފެއްސާއި ރަތާއި ހުދާ އެކީ ފެނުމުން ދިވެހިން ސަލާމް ކުރަމުން މި ގެންދާ ފަހުރުވެރި ދިދަ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް 7 ޖޫން 2021ގައި ޝާހިދު އިންތިހާބުވެވަޑައިގަތީ 143 ގައުމުގެ ތާއީދާ އެކު އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15ގަ އެވެ.